ވިޔަފާރި / ބިލް ދެއްކުން

އާ ޕޭމަންޓް ސިސްޓަމް: ނިޒާމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ

މީހެއްގެ ވޮލެޓުން 500ރ. ނޫޓެއް ނަގަނީ. އާ ޕޭމެންޓް ސިސްޓަމްގެ ފުރަތަމަ ޓެސްޓިން މަސައްކަތްތައް މިއަހަރުގެ ޑިސެމްބަރު މަހު ފަށަނީ--ފޮޓޯ: ނިޝާން އަލީ/މިހާރު

ބައެއް މީހުން އަބަދު ވެސް ދައްކަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ދިމާވާ މައްސަލަތަކެވެ. ރާއްޖޭގައި އެކިއެކި ބޭންކްތައް ހުރި އިރު އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފައިސާ ޖަމާވާން ވަރަށް ގިނަ ވަގުތު އެބަ ހޭދަވެ އެވެ. ރަށެއްގައި ވިޔަފާރި ކުރުމަށް އޮތް ހުރަސްތަކާއި، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި ފައިސާ ދެއްކުމަށް އޮތް ހުރަސްތަކަކީ ވެސް މައްސަލައެކެވެ. އެކަމަކު، ރާއްޖޭގައި މިހާރު ގާއިމް ކުރަން ފަށައިފައިވާ ޕޭމަންޓް ނިޒާމާ އެކު އެ ހުރިހާ މައްސަލައަކަށް ހައްލު އަންނާނެ އެވެ.

މި ސިސްޓަމާ ބެހޭ ގޮތުން އެމްއެމްއޭ އިން ދާދިފަހުން ނޫސްވެރިންނަށް ދިން ޕްރެޒެންޓޭޝަނެއްގައި ބުނި ގޮތުގައި، އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން އާ ޕޭމަންޓް ނިޒާމާ އެކު ފައިސާ ދައުރު ކުރުމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ އެވެ. މި ސިސްޓަމާ އެކު ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް ގުޅާލާނެ "ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ"އެއް ހަދާނެ އެވެ. އެހެންކަމުން އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

"އަޅުގަނޑުމެންގެ ވައުދަކީ ދިވެހިރާއްޖޭގައި ދިިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް ކޮންމެ ބޭންކެއް އޮތް ކަމުގައިވީ ނަމަވެސް، ނުވަތަ ބޭންކެއް ނެތް ކަމުގައިވީ ނަމަވެސް، އަދި ކޮންމެ ރަށެއްގައި އުޅުއްވި ކަމުގައިވީ ނަމަވެސް އެއް ފަރާތުން އަނެއް ފަރާތަށް، ވަގުތުން ވަގުތަށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން، އަދި ފައިސާ ލިބުމާ އެކު އެބޭނުން ކުރެވޭނެ ގޮތް ވެސް ހަމަޖެއްސުން،" އެމްއެމްއޭގެ ޕޭމންޓް ސިސްޓަމްސް އެންޑް އޯވަސައިޓް ޑިވިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވި އެވެ.

ފިންލެންޑްގެ ޓެކްނޮލޮޖީ ކުންފުންޏި ޓީޓޯއެވްރީއިން ޕޭމެންޓް ސިސްޓަމް އެކުލަވައިލުމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން. އެކުންފުންޏަކީ މިފަދަ ޕޭމެންޓް ނިޒާމުތައް އެކުލަވައިލުމުގައި ނަން މަޝްހޫރު ތަޖުރިބާ ހުރި ކުންފުންޏެއް---ފޮޓޯ:އެމްއެމްއޭ

އެމްއެމްއޭ އިން މިކަން ކުރަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ. ރާއްޖޭގެ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ގެންގުޅޭ ދުވަސްވީ، ގޮތްތައް ބަދަލުވެ، ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ އެއް ތަނުން އަނެއް ތަނަށް ފޮނުވާލެވޭނެ އެވެ. މީގެ އިތުރުން ކުރިން ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިފަދަ މުހިއްމު އެތައް ފަސޭހަތަކެއް އާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ލިބޭނެ އެވެ. ހައްވަ ވިދާޅުވީ، އާ ސިސްޓަމާ އެކު މާލީ މުއާމަލާތްތައް ރާއްޖޭގައި ހިންގާވަރު އިތުރުކުރުމުގެ ފުރުސަތު ފަހި ވާނެ ކަމަށެވެ.

"ކޮންމެ ރަށެއްގައި ބޭންކް ބްރާންޗެއް ހެދުމަކީ ވަރަށް ބޮޑު ހަރަދެއް ދާނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ އިންކްލޫސިވް ޑިޖިޓަލް ނިޒާމެއް އެކުލަަވައިލަން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ތައާރަފް ކުރާ މި ނިޒާމުގެ ތެރެއިން އިންސްޓެންޓް ޕޭމެންޓް ސިސްޓަމާއި "ރިކުއެސްޓް ޓު ޕޭ" ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ފައިސާ ޖަމާކުރާ އިރު މިހާރު ގެންގުޅޭ ނިޒާމުގެ ބަލިކަށިކަމުން އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ޑިލޭތައް ފައިސާ ޖަމާކުރުމުގައި އާދެ އެވެ. އެހެން ނަމަވެސް އާ ސިސްޓަމާ އެކު ކޮންމެ ބޭންކެއްގެ އެކައުންޓުން ވަގުތުން ވަގުތަށް ފައިސާ ލިބޭނެ އެވެ. "ރިކުއެސްޓް ޓު ޕޭ" ގެ ސަބަބުން އޮންލައިންކޮށް އެއްޗެއް ވިއްކުމުގައި، ގަންނަ ފަރާތައް ހާއްސަ ލިންކެއް ފޮނުވައިގެން ވަގުތުން ޕޭމެންޓް ފަސޭހަކަމާ އެކު ހެދޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ރެސްޓޯރެންޓަކަށް ގޮސް ބިލް ޝެއާ ކުރެވޭނެ އެވެ. އަދި ފެނާއި ކަރަންޓް ބިލް ދެއްކުމުގައި މާ ފަސޭހައިން ފައިސާ ދެއްކޭނެ އެވެ.

ރާއްޖޭގައި ވިޔަފާރިތަކުން ހިންގާ 70 ޕަސެންޓް ވިޔަފާރީގެ މުއާމަލާތް ހިންގަނީ ޗެކް ބޭނުން ކޮށްގެންނެވެ. އެހެންވެ ޗެކް ކްލިއާ ކުރުމަށް ދުވަސް ނެގުމާއި ޗެކް ބައުންސްވުން ފަދަ ކަންކަން ކުރިމަތިވެ، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ޑިލޭތައް ވެސް އާދެ އެވެ. އާ ނިޒާމާ އެކު މިކަންކަމަށް ވެސް ނިމުމެއް ގެންނާނެ އެވެ.

ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ. އާ ޕޭމެންޓް ނިޒާމުގެ ޕައިލެޓް ޓެސްޓިން އަންނަ ޖެނުއަރީގައި ފަށާނެ

ކޮންމެ ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވަން ހިނދުކޮޅެއް

ފިންލެންޑްގެ ޓެކްނޮލޮޖީ ކުންފުނި ޓީޓޯއެވްރީއިން ޕޭމެންޓް ސިސްޓަމް އެކުލަވައިލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެންނެވެ. އެމްއެމްއޭ އިން ބުނީ އެ ކުންފުންޏަކީ މިފަދަ ޕޭމެންޓް ނިޒާމުތައް އެކުލަވައިލުމުގައި ނަން މަޝްހޫރު ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން ވަނީ ސްވިޑަންގެ ބޮޑެތި ބޭންކްތަކުގެ ޕޭމެންޓް ސިސްޓަމްތައް ފަރުމާކޮށް އެކުލަވައިލައިފަ އެވެ.

"ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުކުރެވުނު ނަމަވެސް، ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ ވަސީލަތެއް ގޮތުގައި ނަގުދު ފައިސާ އަބަދު ވެސް ހިމެނޭނެ. މިހާރު ވެސް އެމްއެމްއޭ އިން ދަނީ ބޭންކްތަކާ ސަރުކާރާއި ގުޅިގެން، ޕޭމަންޓް ހެދުމަށް ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަމުން،" ހައްވަ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޭންކަކަށް މީހަކު ޗެކެއް ޖަމާ ކުރަނީ. ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ 70 ޕަސެންޓް ނިސްބަތް ވަނީ ޗެކް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް. --- ފޮޓޯ: މިހާރު

އާ ނިޒާމުގެ ތެރެއިން ޕޭމަންޓްތައް ހެދުމުގައި ރައްކާތެރި ނިޒާމެއް އެކުލަވައިލެވޭނެ އެވެ. ކޮންމެ ފަހަރު އެކައުންޓް ނަންބަރު ދިނުމުގެ ބަދަލުގައި ހާއްސަ ކޯޑެއް ދީގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިސާލަކަށް އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ދެން ހިންގޭނެ ކަމަށް ހައްވަ ވިދާޅުވި އެވެ.

"ފިޒިކަލީ ތަންތަނަށް ދިއުމުގެ ބަދަލުގައި އެ މީހަކު ހުރި ތަނެއްގައި ހުރެ އަލަށް އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނާ ހިލާފު މުއާމަލާތްތައް ބެލެހެއްޓޭނެ

މިފަދަ ނިޒާމެއް އެކުލަވައިލުމުގެ އަސާސީ މަގްސަދަކީ މާލީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމެވެ. އެހެން ނަމަވެސް މި ހާއްސަ ޕޭމެންޓް ނިޒާމާ އެކު ރާއްޖޭގައި ހިންގާ ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ބެލެހެއްޓި، ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ކައިރިން މޮނިޓާކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ނިޒާމާ އެކު ވަކިވަކި އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ބަދަލުގައި އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިންގޭނެ އެވެ. އަދި ސިސްޓަމުގެ ތެރެއަށް ރާއްޖޭގެ ހުރިހާ ބޭންކަކުން ވަންނާނެ އެވެ. މިއީ ވެސް މިނިޒާމުގެ ތެރެއިން ޝައްކު ކުރެވޭ މުއާމަލާތްތައް ދެނެގަތުމަށް އިތުރަށް ފަސޭހަވާނެ ކަމެކެވެ. އާ ޕޭމެންޓް ނިޒާމުގެ ބޭނުން ކުރުމުގެ ކުރިން އެކަމާ ގުޅޭ ގާނޫނުތައް މިއަހަރު އެކުލަވައިލާނެ އެވެ. އެއާ އެކު މި ނިޒާމު ބޭނުން ކުރުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ރައްޔިތުންނަށް ސާފުވެގެންދާނެ އެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި އިސްކަން ދެނީ ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށެވެ. ނަމަވެސް، ދެވަނަ ފިޔަވަހީން ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމްންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރެވި، ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ވެސް ރިއަލްޓައިމްކޮށް ހިންގުމަށް މަގުފަހިވާނެ އެވެ. މި ބަދަލުތަކާ އެކު ޕޭމަންޓް ސިސްޓަމް ފުރިހަމައަށް ގާއިމުކުރެވި މި ވަގުތު ބޭރުގެ ފަރާތްތަކާ އެކު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް އިތުރަށް ފަސޭހަވާނެ އެވެ. މި ބަދަލު އައުމުން "ޕޭޕަލް" ފަދަ ޕޭމެންޓް ސިސްޓަމުތަކުގެ ތެރެއިން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ލިބޭނެ އެވެ. އޭރުން މާލީ ދާއިރާގައި އެންމެންނަށް ހަމަހަމަ އަދި ވާދަވެރިކަމާ އެކު ވިޔަފާރިކުރަން އިތުރަށް ފުރުސަތު ލިބޭނެ އެވެ.

44 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްސް

21 May 2023

މީގެ އަޕްޑޭޓެއް މިހާރު އިން ބަލާދީބަލަ.

The name is already taken The name is available. Register?

ނާގޯށި

14 July 2021

އެމް އެމް އޭ އަކަށް އިތުބާރު ނުކުރަން ދައުލަތުގެ އެތައް މިލިޔަން ޑޮލަރެއް އަމިއްލަ މީހުންގެ އެކައުންޓަށް ވަންނަމުން ދިޔައިރުވެސް އަޅާނުލާ އެކަމުގަ ބައިވެރިވެގެން ތިބީ،

The name is already taken The name is available. Register?

ހިޔެޓޫ

14 July 2021

،??

The name is already taken The name is available. Register?

ނޯ ބިގް ގަވަރމެންޓް

14 July 2021

ސަރުކާރުން ސެންޓްރަލައިސް ކޮށްގެން ބަލަހައްޓާ ޕޭމަންޓް ސިސްޓަމެއް ބޭނުމެއް ނޫން. ތި އުޅެނީ ޗައިނާގެ ސީސީޕީ ގޮތައް ރައްޔިތުންގެ ފައިސާއަށް ފާރަވެރިވާން. ޑޯންޓް ޓްރަސްޓް ބިގް އެންޑް ޕަވަރފުލް ގަވަރމެންޓްސް.

The name is already taken The name is available. Register?

ސަރުދާރުު

13 July 2021

ލައްކަ ދުވަސްވެއްޖެ އެމްއެމްއޭ އިން މި ފޮންޏެއް ކަނޑާތާ. ފެބްރުއަރީއަށް ތިކަން ވީޠާ ރަނގަޅު

The name is already taken The name is available. Register?

ހައްމާދު

13 July 2021

ކޭޝްލެސް ކުރުން ތީ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމެއް..... މި ގުތު އައިސް ޖެހުނީމާ މި ބުނީ ދެެތެއްކަން އެނގޭނެ.

The name is already taken The name is available. Register?

އިސްޓަމް

13 July 2021

އަސްލު ސިސްޓަމް އައުމުގެ ކުރިން އެއްކަލަ ފޭކް ކޯލް ކުރާ މީހުންތައް އެމީހުންގެ މޮޅު ސިސްޓަމުން މާ ކުރީ ބައިގަ އެތައް ބައެއްގެ އަތުން ފައިސާ ހޯދާނެ ގޮތް މިހާރު ރާވަން ފަށާފާނެ.

The name is already taken The name is available. Register?

ފިނިހަކަ

13 July 2021

އިންޑިޔާފަދަ ގައުމުތަކުގައި 2016 ގެކުރިން ފެށިގެން ތިފަދަ ހިދުމަތްތައް ލިބެން ހުރިއިރު ރާއްޖޭގެ އެމްއެމްއޭ އުޅެނީ މާ ފަހަތުގައި. ރިސާރޗް ޑިޕާޓްމަންޓެއް އޮތަސް ވޯރކްކުރަނީ ފިނިހަކަ ސްޕީޑްގަ. ޕޭޕަލް ޚިދުމަތް އެތައް ސަތޭކަ ގައުމަކަށް ލިބޭއިރު، މިގައުމަށް އަދިވެސް ނުލިބޭ. އަދި ލިބޭނެ ދުވަހެއްވެސް ނޭނގޭ. 2023 އޭ ވެސް ކިޔާ. މިދެން ބޮޑުވަރު. އެހެން ހުރިހާ ގައުމެއްގެ ފައިސާ ޑިޖިޓަލްކޮށް ނިމޭއިރު މިފަދަ ސުރުހީއެއް ފެންނާނެކަންނޭނގެ.

The name is already taken The name is available. Register?

އަތަމާ.އަބްދުއްލަތީފު

13 July 2021

ވިޔަފާރިވެރިނަށް ޗެކު ދޫކޮށްނުލެވިގެން އުޅެނީ މަކަރާޗީގޮތްގަނޑޫ ބޮަދުކަމުން..ކޮްރޮސް ބޭންކް ޗެކް ކްލިއަރިންގް ވަގުތު 3 ދުވަސ ލިބޭތީ.. ވިޔަފާރިވެރިން އެހާ ގަޔާވާނެކަމެއްނޫން ތީތި ވަގުތުން ކްލިއަރ ވަންޔާ

The name is already taken The name is available. Register?

ހޮޓްކިންގ

13 July 2021

ތިހުރިހާ ކަމަކަށްވުރެން ބޮޑުކަމެއް ނޫންތޯ ޑޮލަރު ނުލިބިގެން ކަޅުބާޒާރު އުފެދި ރިސޯޓް އޯނަރުންވެސް ސިއްރުން ޑޮލަރު ބޮޑުއަގުގައި ވިއްކަން ފެށުމަކީ؟ ޓޫރިޒަމްގެ މަޝްހޫރު ގައުމެއްމީ. އެކަމަކު ރާއްޖޭގެ ބޭންކަކަށް އެއްމެ ޑޮލަރެއްވެސް ނުވަދެ އެމީހުން ރިސޯޓަށް ދައްކާ ޑޮަލަރު ބޭރުގެ ޕޭމަންޓް ބޭރުގެ ކޮންމެވެސް ބޭންކަކަށް ވަނުމަކީ ދިވެހިން ޑޮލަރަށް ޖެހުން ކަމަށްވާއިރު ރާއްޖޭ ބޭންކަކަށް އެ ޕޭމަންޓ ވަންގޮތް ނުހެދެނީ ކީއްވެތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454