ޚަބަރު / އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރާކަށް ނޭދޭނަން: ޕީޖީ

އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު: ޕީޖީ ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން އެދިވަޑައިނުގަންނަވާނެ ކަމަށް -- ފޮޓޯ/ މިހާރު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރަން އެދިވަޑައިނުގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއާ ގުޅޭ ހަތް ދައުވާއެއް ކޮށްފައި އޮއްވައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެއްވީ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދެވެ. އޭނާ ދޫކޮށްލުގެ އިތުރުން، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށްގެންދަން ފުރުސަތު ދިނުމުން ގާޒީ ހަސަން ސައީދަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ގާޒީ ބަދަލުކުރަން އެދިވަޑައިނުގަންނަވާނެ ކަމަށް ޝަމީމް ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު އާންމުކުރެއްވި އޯޑިއޯއެއްގަ އެވެ. މައްސަލައެއްގައި ހިމެނޭ ހަސްމަކު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރު ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަސްތެއް ނުކުރަން މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކުރަން އެދޭކަށް. އަދި ކިތަންމެ އަޅުގަނޑުމެންނަށް ހިތްހަމަ ނުޖެހޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވިޔަސް. އެއީ، ހަސްމަކު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރު ބަދަލުކުރުމަކީ ވެސް މާ ހަމަ ޖެހޭ ކަމަކަށް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ފަނޑިޔާރަށް މައްސަލަ ބަލަން ދަތިވެގެން އަމިއްލައަށް މައްސަލަ ދޫކޮށްލަން ވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ.

އަލީ ވަހީދުގެ މައްސަލަ ކުރިއަށް ގެންގޮސް އެދެވޭ ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން އެދިވަޑައިނުގަންނަވާނެ ކަމަށް -- މިހާރު ފޮޓޯ/ ނިޝާން އަލީ

ހަތަރު މަސް ތެރޭ އެނބުރި ވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ކޯޓުގައި ވިދާޅުވި ނަމަވެސް، އޭނާ އެ މުއްދަތުގައި ވަޑައެއްނުގަންނަވަ އެވެ. އޭނާ އުޅުއްވި ތަނެއް ވެސް ދައުލަތާއި ކޯޓުތަކަށް ނުހޯދުނެވެ. އެހެންވެ، އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ނުބެލޭނެތީ، ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުން ވެސް މަތީ މަރުހަލާގެ ކޯޓުގައި ނުބެލުނެވެ. އަދި އޭނާގެ ޝަރީއަތް ވެސް އޮތީ ހުއްޓިފަ އެވެ.

ނަމަވެސް، ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން އެދި މި މަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ސިޓީ ފޮނުވުމުން، ގާޒީ ހަސަން ސައީދު ވަނީ އެގޮތަށް އެކަން ކުރައްވަން ނިންމަވައި، އޮންލައިންކޮށް ޝަރީއަތް ބާއްވަން ފައްޓަވައިފަ އެވެ.

ދައުލަތުން ބުނަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރެގެން ޝަރީއަތް ނުހިންގޭނެ ކަަމަށެވެ. އެއީ އޭނާ ހުންނެވީ ކޯޓުގެ އިހްތިސާސް ނުހިނގާ ރާއްޖޭގެ ގާނޫނު ތަންފީޒު ނުވާ ތަނެއްގައި ކަމަށް ވާތީ އެވެ. އެންމެ ފަހުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ބައިވެރިވެވަޑައިގެން، ޕީޖީ ޝަމީމް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކުރިއަށްގެންދަން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ހުށަހަޅާފައިވާއިރު، އަދި އެ ކޯޓުން އެ މައްސަލަ ބެލުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި ވަނީ އެދިފަ އެވެ. ނަމަވެސް، އަދި އެ އަމުރާ މެދު ވެސް ގޮތެއް ނިންމަވާފައި ނުވެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްބެ

28 June 2021

ނޫނޭ ޑްރާމާކުޅެން މޮޅުބައެއް މިތިބީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454