ޕީއެސްޖީގެ ކްރިޝޯވިއަކް (ކ) އާސެނަލްގެ ސަންޗޭޒް އަތުން ބޯޅަ ހޯދަން ޓެކްލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ނޮވެމްބަރ 2016 - 08:47
ލަންޑަން (ނޮވެމްބަރު 24) - ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލާ 2-2 އިން އެއްވަރުކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ގްރޫޕް އޭގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް އާސެނަލަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ޕީއެސްޖީ އާއި އާސެނަލާ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ހެޑް ޓު ހެޑް ގަވައިދަށް ބަލައިގެން ޕީއެސްޖީ އަށް ކުރިލިބެނީ އާސެނަލް ދަނޑުގައި ޖެހި ލަނޑު އިތުރުވުމުންނެވެ.
މި ގްރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ ލުޑޮގޮރެޓްސް އާއި ބަސެލް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލުޑޮގޮރެޓްސް ތިން ވަނައިގައި އޮތީ ފަސް މެޗުން ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ބަސެލް އަށް ވެސް ދެ ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗު ފެށިގެން 18 ވަަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑު ނަގައިިދިނީ އެޑިސަން ކަވާނީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން އާސެނަލަށް އެއްވަރުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. ދެ ވަނަ ހާފްގައި އާސެނަލުން ލީޑުނެގީ މެޗުގެ 60 ވަނަ މިނިޓްގައި ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ޕީއެސްޖީން އެއްވަރުކުރީ މެޗު ނިމެން 13 މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑަކީ މެޗުގެ 77 ވަނަ މިނިޓްގައި އާސެނަލްގެ ޒުވާން މިޑްފީލްޑަރު އަލެކްސް އިވޯބީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ގްރޫޕްގެ އެއް ވަނަ ނުލިބުމަކީ ލިބުނު މާޔޫސްކަމެއް ކަމަށެެވެ. އެންމެ ފަހު މިނިޓާ ހަމައަށް ގްރޫޕްގެ އެއް ވަނަ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެންގާ ބުންޏެވެ.
ރޭ ގްރޫޕް ޑީގައި ކުޅުނު މެޗުތަކުން ބަޔާން މިއުނިކް ވަނީ ރަޝިއާގެ އެފްސީ ރޮސްޓޯވް އަތުން 3-2 އިން ބަލިވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ރޮސްޓޯވްގެ ތާރީޙުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. އަދި ރޭގެ މެޗުން ބަޔާން ބަލިވިއިރު، ޔޫރަޕްގައި އެންމެ ފަހުން ރަށުން ބޭރުގައި އެ ޓީމުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.
މި ގްރޫޕްގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ ކުޅުނު މެޗުން 2-0 އިން ޕީއެސްވީ އެއިންދޯވަން ބަލިކޮށްފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ފްރާންސްގެ ދެ ފޯވާޑުން ކަމަށްވާ އެންޓޮއިން ގްރީޒްމަން އާއި ކެވިން ގަމޭރޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy