ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމާއެކު، އުސްފަސްގަނޑު ސަރަހައްދުގައި ބަޔަކު އިށީންދެގެން ހުރެ ފޮޓޯއެއް ނަގަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
05 އޯގަސްޓް 2021 - 09:59
ކޮވިޑް-19ގެ ސަބަބުން ތަފާތު އެކި ގޮތްގޮތުން ކުދިންނަށް އަސަރުކޮށްފައި ވެ އެވެ. ވައިރަސްގެ އަސަރުކޮށް ކުދިން ބަލިވުމުގެ އިތުރުން އެ ކުދިން ކުރިމަތިލާ ތަފާތު ގިނަ އުދާސްތަކުގެ ތެރޭގައި ނަފްސާނީ، އިޖްތިމާއީ އަދި އެ ކުދިންގެ އިހުސާސްތަކަށް ފޯރަމުންދާ އަސަރުތައް ހިމެނެ އެވެ. ޅައުމުރުގައި މިފަދަ އަސަރުތައް ކުދިން ތަހައްމަލު ކުރާނަމަ، އަދި އެއަށް އަޅާ ނުލެވިއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރުތައް އެ ކުދިންގެ މުޅި އުމުރަށް ފޯރުމުގެ ފުރުސަތު އެބައޮތެވެ.
ކުދިން ކުރަމުން އަންނަ ކަންތައްތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އެ ކުދިން ކޮންމެ ދުވަހަކު ކުރާ ހަރަކާތްތައް، ކިޔެވުމުގެ މާހައުލާއި ކިޔަވަމުންދާ ގޮތް، ދުޅަހެޔޮ ހަށިގަނޑެއް ކަށަވަރު ކުރަން ކުރަމުން އަންނަ ކަންތައް، ދިރިއުޅުމުގައި ފާހަގަ ކުރަމުން އަންނަ ކަންތައް ކުރާ މިންވަރާއި ފާހަގަ ކުރަމުންދާ ގޮތް، އެކުވެރިންނާ އެކު މުއާމަލާތް ކުރާގޮތާއި މިންވަރު، ކުދިންގެ ރައްކާތެރިކަން ކަށަވަރު ވެފައިވާ މިންވަރު ހިމެނެ އެވެ. ކުދިންނަށް ދިމާވެފައިވާ މި އުނދަގޫ ދުވަސްވަރު މަތީގައިވާ ކަންތައްތަކަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ކޮށްދެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންކަމަށް މަސައްކަތް ކުރުން މުހިއްމެވެ.
ބޭރަށް ނުނިކުމެ، ގޭގައި މުޅި ދުވަހު ތިބުމާއި، ގައިދުރުކުރުމުން ކޮވިޑް-19 ފެތުރޭ މިންވަރު ކުޑަވާކަން ކަށަވަރެވެ. އެކަމަކު ހެދި ބޮޑުވަމުން އަންނަ ކުދިބަޔަކު މިގޮތަށް ގޭގައި ދޮޅު އަހަރު ތިބެން ޖެހުމުން އެ ކުދިންގެ ސިކުނޑި އާއި ހަށިގަނޑަށް ކުރަމުން އަންނަ އަސަރުތައް ގިނަވާ ވަރު މިހާރު ދަނީ ފެންނަމުންނެވެ. އެކުވެރިންނާއި ލޯބިވާ މީހުންނާ ބައްދަލު ނުވުމުން ދެރަވާ މަންޒަރު ފެނެއެވެ. ގެއިން ބޭރަށް ނުނިކުމެ ތިބެން ޖެހެމުން ފޫހިވާ ވަރު ގިނަވެ، ކުރަމުންދާ ޝަކުވާތައް އިތުރުވާކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން، ކުދިންނަށް ރައްކާތެރިކަން ކަށަވަރު ވާގޮތަށް އާއިލާ މީހުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް، އެ ކުދިންގެ ރަހުމަތްތެރިންނާއެކު އޮންނަ ގުޅުމަކީ ހަމައެކަނި ފޯނުން ކުރާ މެސެޖްތަކެއްގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ފޯނު ކޮށްލައިގެން ދެކެވޭ ވާހަކަތަކަކަށް ވެސް ވާންޖެހޭނެ އެވެ.
އޭގެ ސަބަބަކީ ލިޔާ އެއްޗެއްގެ މާނައަކީ ވަރަށް ގިނަ ފަހަރު ގެއްލޭ އެއްޗަކަށް ވެފައި، އެއް އުމުރެއްގެ ކުދިންނާ އަނގަބަހުން ދައްކާ ވާހަކަތައް މަދުވުމުން ވާހަކަ ދެއްކުމުގެ ހުނަރު ގެއްލުން އެކަށީގެންވާތީ އެވެ. އެ ހުނަރު ގެއްލިއްޖެނަމަ ކުދިންގެ ކެރުންތެރި ކަމަށް އަސަރު ފޯރާނެ އެވެ.
ކިޔެވުމުގެ މާހައުލާއި ކިޔަވަމުންދާ ގޮތްތަކަށް މިއަދު މިއޮތީ ވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކުދިން ގޭގައި ތިބެގެން ކިޔަވަން ޖެހުމުން، އާންމު ހާލަތަކުގައި ކްލާސްރޫމު ތެރޭގައި ހިނގަމުންދާ ބަހުސްތަކާއި ވާހަކަ ދެއްކުންތަކަށް އޮތީ ހީނަރުކަން އައިސްފަ އެވެ. ދަށް ގްރޭޑުތަކުގައި އުޅޭ ކުދިންގެ ސިކުނޑީގެ ކުރިއެރުން އެންމެ ބޮޑަށް އަންނަ އެއްގޮތަކީ މިފަދަ ބަހުސްތަކާއި ވާހަކާ ދެއްކުންތަކުގައި ބައިވެރިވެގެން ވިސްނާ ވިސްނުންތަކެވެ. އަދި މިހާ ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބުމުން އަލުން އަނބުރާ މަދަރުސާ އަށް ދާން ހާސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކުދިން ގޭގައި ތިބެގެން ކިޔަވަން ޖެހުމުން، އާންމު ހާލަތަކުގައި ކްލާސްރޫމު ތެރޭގައި ހިނގަމުންދާ ބަހުސްތަކާއި ވާހަކަ ދެއްކުންތަކަށް އޮތީ ހީނަރުކަން އައިސްފައި
މި ބަދަލުތަކުގެ ވާހަކަތައް ކުދިން ގާތު ދައްކައި ދުވާލުގެ ކޮންމެ ވެސް ވަގުތަކީ ކުދިންނާ އެކު ތަފާތު މައުލޫތަކަށް ވާހަކަ ދައްކައި އެ ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ކުރިއަރުވަން ފުރުސަތު ދޭނެ ވަގުތުތަކަކަށް ކަނޑައެޅުން މުހިންމެވެ.
ގެއިން ބޭރަށް ނުކުތުން މަނާވުމުން ދުޅަހެޔޮ ހަށިގަނޑެއްކަން ކަށަވަރު ކުރަން ކުދިން ކުރަމުން އަންނަ ކަންތައްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ގިނަ އާއިލާތަކުގެ ދިރިއުޅުމުގެ މާހައުލަކީ އެއްވެސް ޒާތެއްގެ ހަރަކާތެއް ކުރާނެ ޖާގަ އޮތް ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ކަސްރަތު ނުކުރެވި ދޮޅު އަހަރަށް ވުރެން ގިނަ ދުވަސް ވެގެން ދާއިރު ކުދިންގެ ބަރުދަނަށް ކޮށްފައިވާ އަސަރު އިންތިހާއަށް ބޮޑެވެ. ބޮޑުވަމުން އަންނަ ހަށިތަކަކަށް ދުވަހީ ކަސްރަތު ލިބެން ޖެހެ އެވެ. އެ ކުދިންގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކަ އެވެ. ކޮންމެ ދުވަހަކު ވެސް 30 މިނެޓު ވަރަށް ހެލިފެލިވެ އުޅޭ ކުދިބައެއްކަން ކަށަވަރު ކުރަން ޖެހެ އެވެ. ގޭގައި ތިބެގެން ކުދި ތަންތަން ކޮޅުގައި ނަމަ، ހުރިތާ ހުރެގެން ދުވުން، ހިނގުން، ސިޑިން އަރައި ފޭބުން ފަދަ ހަރަކާތްތައް ކުރެވިދާނެ އެވެ. ކޮންމެ ދުވަހަކު ވެސް ކުދިން ލައްވައި ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުވަންވާނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ގޭގައި ތިބި ނަމަވެސް ކޮންމެ އަހަރެއްގައި ވެސް ފާހަގަކުރަމުން އައި ހާއްސަ ދުވަސްތައް އައުމަކަށް ބަދަލެއް ނާދެ އެވެ. މިއަދު ދިރިއުޅުމުގައި ފާހަގަ ކުރަމުން އަންނަ ކަންތައްތަކާއި އެ ދުވަސްތައް ފާހަގަކުރާ މިންވަރާއި އޭގެ ގޮތްތަކަށް އައިސްފައިވާ ބަދަލަކީ ކުދިންނަށް ވިސްނަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. މި ބަދަލުތަކުގެ ވާހަކަ ކުދިންނަށް ވިސްނޭނެ ގޮތަށް ތަކުރާރުކޮށް ކިޔައި ދިނުން މުހިންމެވެ. މަދު ބަޔަކާ އެކު ނަމަވެސް ފާހަގަ ކުރަމުން އައި ދުވަސްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދާއިރު، ކުރެވޭ މަޝްވަރާ ތަކުގައި ކުދިން ބައިވެރި ކުރެވިދާނެ އެވެ. މިހެން ހެދުމުން އެ ދެވެނީ މަދަރުސާގައި ގްރޫޕް މަސައްކަތްތަކުގައި ސިކުނޑި ބޭނުން ކުރަން ދެވޭ ފަދަ ފުރުސަތުތަކެކެވެ. ކަންތައްތަކާ ދޭތެރޭގައި ތަފާތު ގިނަ ގޮތްގޮތަށް ވިސްނަން ވެސް ދަސްކޮށް ދެވެނީ އެވެ.
ކުދިންނާއެކު ބެލެނިވެރިން ހޭދަ ކުރާ ވަގުތުތަކަކީ އެ ކުދިންގެ އިހުސާސްތައް ދެނެގަންނަން ކޮންމެ ދުވަހަކު ވެސް އޮންނަ ވަގުތުތަކެއް ގޮތުގައި ހެދިއްޖެ ނަމަ އެކަމުން އެ ކުދިންނަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެ ވަގުތަކީ ބެލެނިވެރިންނާ ކުދިން ފޯނާއި ޓެބްލެޓުތަކުން ދުރުވެ، ކުދިންނަށް ހުސްކޮށްލެވޭ ވަގުތު ތަކަކަށް ހެދުން ވަރަށް މުހިންމެވެ. ކުދިންގެ ދުޅަހެޔޮ ކަން ކަށަވަރުކޮށްދިނުމަކީ ބެލެނިވެރިންގެ ފުށުން ކުދިންނަށް ދެވޭނެ އެންމެ ވަރުގަދަ އެއް ހަދިޔާއެވެ.
އެޑިޓަރުގެ ނޯޓް: ލީލާ އަހުމަދަކީ، ޓީޗިން އިން ފަސްޓް ޑިގްރީ އަދި އާލީ ޗައިލްޑްހުޑް އިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ. ކިޔަވައިދިނުމުގެ ދާއިރާގައި 1994 އިން ފެށިގެން އޭނާ އަންނަނީ ހިދުމަތް ކުރައްވަމުންނެވެ. އޭނާ އަކީ މިހާރު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑީން އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy