05 ޖުލައި 2021 - 13:41
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ހުރިހާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ގެޒެޓް ނުކުރެވި ހުރި ގަވައިދުތަކަށް އަމަލުކުރެވެން ފެށެންދެން ކުރީގެ ގަވައިދުތަކަށް އަމަލުކުރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މުއައްސަސާއަށް ބޮޑެތު ބަދަލުތަކެއް ގެނައި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ، މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ، ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުން މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގެޒެޓުކުރީ ބައެއް ގަވައިދުތައް ކަމަށާއި ދެން ހުރި ގަވައިދުތައް ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ވަނީ ނިމިފައި. އޭގެ ތެރެއިން ބައެއް ގަވައިދުތައް މިހާރު ވަނީ ގެޒެޓު ވެސް ކޮށްފައި. ދެން ހުރި ގަވައިދުތައް ހުރީ ގެޒެޓު ކުރުމުގެ މަރުހަލާގައި،"
ގެޒެޓު ނުކުރެވި ހުރި ގަވައިދުތައް ގެޒެޓު ކުރެވެންދެން ކުރީގެ ގަވައިދުތަކަށް އަމަލު ކުރަން ހޯމް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ތެރޭގައި އެކުލަވާލައި ގެޒެޓުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ. މިހާރު އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން ގިނަ އަދަދެއްގެ ގަވައިދު އެކުލަވާލަން ލާޒިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ފުލުހުންގެ ސުލޫކީ މިންގަނޑާއި، ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދާއި، ފުލުހުންނަށް ލިބިފައިވާ ބާރުތަކާއި އިހްތިޔާރުތައް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދާއި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ގަވައިދާއި، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތައް ހިންގުމާ ބެހޭ ގަވައިދު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
05 July 2021
2008 އިން 2015އަށް ޤަވައިދު ނެތިގެން ތޯ 'ރާއްޖެތެރޭގައި' ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި އޭގެ ބަރުދަން ނުބަލަނީ؟މީގެކުރިން ޤަވައިދު ނެތިގެން ތޯ ފުލުހުން ރިފްރެޝަރ ޓްރެއިނިންގ ކޮންމެ އަހަރަކު ނުބާވަނީ؟ އަދި ޤަވައިދު ނެތިގެން ތޯ ކުރިން މިބުނި ޓްރެއިނިންގ އިން ފާސްނުވާ ފުލުހުންނަށް ބިޑި މުގުރު ދީފައި މަގުމައްޗަށް ނެރެނީ؟ މިހެން ލިޔާ ނަމަ ލައްކަ އެއްޗެހި ލިޔެވިދާނެ.
ރަޔާން
05 July 2021
ތިބުނީ ދެން ރައްޔިތުންނަށް އިހުނަށްވުރެން ތިމީހުންގެ އުނދަގޫ ބޮޑުވާނޭ ދޯ؟ ލަދެއް އަގަލެއް ކުލުނެއް ނެތް ބައެއް ތީ !!!!!!
1828
05 July 2021
ފުލުހުންގެ ތެރެއިން މަދު ބައެއް
ލަދު ކޮބާ
05 July 2021
ގަވައިދު ހަދަ ހަދާ ތިބޭ ވާކަމެއް ހަރާންފަދަ. ތި ހަދާ ޤާނޫނު ބޭނުން ކޮށްގެން ހައްޔަރު ކުރީ ޖެހިގެން އަންނަ ދުވަތި ހަމަ ތި ޤާނޫނު ތަންފީޒު ކުރަން ތިބޭ ކޯޓުން ދޫކޮށްލާނީވެސް.