ދިވެހިރާއްޖޭގެ ހައި ކޯޓު: އަލިދޫގެ އިންޝުއަރެންސް މައްސަލަ މިހާރު އޮތީ ހައި ކޯޓުގެ މަރުހަލާގައި --- މިހާރު ފައިލް ފޮޓޯ
05 ޖުލައި 2021 - 22:03
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގާ ހއ. އަލިދޫ ރިސޯޓަށް 22 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ބުންޏަސް، ކޯޓުން ބޭރުގައި ހަތަރު މިލިއަން ޑޮލަރަށް މައްސަލަ ނިންމަން ޔޮޓް ޓުއާސްއިން 2015 ވަނަ އަހަރު ހުށަހަޅާފައި އޮތުމުން ހަގީގަތުގައި އެވަރުގެ ގެއްލުމެއް ނުވާކަން އެނގޭ ކަމަށް އެލައިޑް އިންޝުއަރެންސުން މިއަދު ބުނެފި އެވެ.
ޔޮޓް ޓުއާސް އިން ކުރިން ހިންގި އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން އެދުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ވނީ ނިންމައިފަ އެވެ. އެހެންވެ، އެ ފައިސާ ހޯދަން ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. އެ މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ނިންމީ ޔޮޓް ޓުއާސް އަށް އިންޝުއަރެންސް ފައިސާގެ ގޮތުގައި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކާށެވެ.
އެލައިޑުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ވަނީ ހޯދައިފަ އެވެ.
އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އެލައިޑުގެ ވަކީލު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ފާހަގަކުރެއްވި އެއް ކަމަކީ، ހަތަރު މިލިއަން ޑޮލަރަށް (61.6 މިލިއަން ރުފިޔާ) އަށް ކޯޓުން ބޭރުގައި މައްސަލަ ނިންމަން ޔޮޓް ޓުއާސް އިން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމެވެ.
އެލައިޑުން ބުނީ، ކޯޓުން ބޭރުގައި ފަސް ގުނަ ކުޑަ އަދަދަކަށް މައްސަލަ ނިންމަން ހުށަހަޅާފައި އޮތުމުން، ހަގީގަތުގައި އަލިދޫ ރިސޯޓަށް 22 މިލިއަން ޑޮލަރުގެ ގެއްލުމެއް ނުވާކަން ހާމަވާ ކަމަށެވެ.
"އެވަރު ގެއްލުމެއް ލިބުން ނަމަ އޭގެ ފަސް ގުނަ ކުޑަވާ މިންވަރަކަށް ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރާކަށް ހުށައެއް ނާޅާނެ. މިއީ ބުއްދި ގަބޫލުކުރާ ޒާތުގެ ހުށަހެޅުމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.
"ހަގީގަތުގައި އެވަރުގެ ގެއްލުމެއް ލިބިފައިނުވާ ކަމަށް އެބަ ބަލައިގަންނަން ޖެހޭ އެ ސިޓީގައި ހުރި ވާހަކަތަކުން."
ކޯޓުން ބޭރުގައި މައްސަލަ ނިންމަން ޔޮޓް ޓުއާސްއިން ކުރިން އެދުނު ނަމަވެސް، އެކަމަށް އެލައިޑުން އެއްބަސްވެފައެއް ނުވެ އެވެ.
ގެއްލުންވިވަރު ހާމަކުރަން ޔޮޓް ޓުއާސްއިން ހުށަހެޅި، އެމްޓީ ހޯގާޑް ކުންފުނީގެ ރިޕޯޓުގައި، އަލިދޫގެ ކޮޓަރިތަކެއް ހަލާކުވެ ގެއްލުމުގެ އަދަދު ބަޔާން ކުރިއަސް، ހަގީގަތުގައި ގެއްލުންވެފައި ވަނީ 16 ކޮޓަރިއަށް ކަން އެ ރިޕޯޓުން އެނގޭ ކަމަށް އެލައިޑުން ބުނެފައިވެ އެވެ.
ރާޅު އަރައިގެން ރިޒޯޓު ހަލާކުވުމަކީ އިންޝުއާކޮށްފައިވާ ކަމެއް ކަމަށް ޔޮޓް ޓުއާސްއިން ބުންޏަސް އެކަމާ އެލައިޑުން ދެކޮޅު ހަދަ އެވެ. އެ ކުންފުނިން ބުނަނީ ރާޅު އެރުމަކީ އެ ކުންފުނީގެ އެއްވެސް ޕޮލިސީއެއްގައި ކަވަރު ކުރާ ކަމެއް ނޫން ކަމަށެވެ.
ގެއްލުންވި ކަމަށް ބުނާ ދުވަސްވަރު މޫސުން ވެސް ގޯސް ނޫން ކަމަށް އެލައިޑުން ބުނެ އެވެ. އެކަން މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓަކުން އެނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައިގައި އެލައިޑުގެ ފަރާތުން ބުނެފައި ވަނީ، ޔޮޓް ޓުއާސްއިން އަލިދޫ އަށް ގެއްލުންވުމުގެ ބަދަލު ހޯދަން އުޅޭ އިރު، އެ ކުންފުނިން އިންޝުއާ ކުރީ ކޮން ބާވަތެއްގެ ހާދިސާއެއް ކަމެއް ނުވަތަ "ޕެރިލް" ބުނެދޭން ނޭނގޭ ކަމަށެވެ.
ގެއްލުން ލިބުނީ އިންޝުއާ ކުރި ޕެރިލްއަކުން ކަަން ސާބިތުކޮށްދިނުމަކީ އިންޝުއަރެންސް މައްސަލައެއް ސާބިތު ކުރުމުގެ އެންމެ އަސާސީ މިންވަރު ކަމަށްވާއިރު، މައްސަލައިގައި ދަށު ކޯޓުގައި ޔޮޓް ޓުއާސްއިން އެކަން ސާބިތުކޮށްދީފައި ނުވާ ކަމަށް އެލައިޑުން ބުންޏެވެ.
ޔޮޓް ޓުއާސް އިން އެންމެ ފުރަތަމަ މި މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. އެކަމަކު، ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ. އެހެންވެ، އަލުން މައްސަލަ ދަށު ކޯޓުގައި ބެލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާޙް15
06 July 2021
ހަމަ އެލައިޑް ދެ އަނގައިން ވާހަކަ ދައްކާތީ ވާ ގޮތް ތީ
އަލު
06 July 2021
ތީގަ ތި އުޅެނީ ހަމަ އެއް ފަންތިއެއްގެ ދެބަކު. މަކަރު ވެެރި ދެ ބަޔަކު ތަޅާ ފޮޅަނީ ތި .
ޢަލީ ނަޢީމް
06 July 2021
ރައްޔިތުން އަތުން ފެލަންވެގެން ހަދާފަ ހުންނަ އެއްޗިހިތީ..
އިންޝޫރަންސް1
05 July 2021
މިހާރު ހުޅުވަންވީ އިންޝޫރަންސް ކުންފުންޏެއް. އިސާހިތަކު ބަޔަކު މުއްސަނދިވެދާނެ ކަމެއް މީ.
ހިތަދޫ ހުސެން
05 July 2021
އިންސުއަރެންސް ފައިސާ ނުދޭ އެއްޗެއް ވިއްޔާ ސަރުކާރުން ކީއްކުރަންތޯ ލާޒިމް ކުރަނީ.. ބޭންކް ނުވަތަ ސަރުކާރުގެ މޯގެޖް އެކަނި ސެކިޔޯ ކުރަންވެސް ވެރިފަރާތުން ހަރަދު ކުރަންވީ އެކަމަކު ވެރިމީހާޔަށް ހަގީގަތުގައި އިންސުރެންސް ބޭނުން ވާއިރު ކޮންމެވެސް ޕެރިލް ފެރިލް ބެރިލް އެކޭ ކިޔަ ބަހަނާ ދައްކަނީ.. ގައިމު އަހަރު ނިމިގެން ތިމީހުން ފައިދާ ބަހާ ވަރު އެންމެނަށް އިނގޭ، ހަރާން ލާރި އޭ ބުންޔަސް ނުވާނެ ފާފައެއް
މެސީ
06 July 2021
ނުވާނެ ފާފައެއް ރައްޔިތުން އަތުން މަޖުބޫރުކޮށްގެން ނަގާ ފައިސާ ކިހިނެއް ހަލާލުވާނީ