މޯލްޑިވިއަންގެ ބޯޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި. އެ ކުންފުނިން އަންނަނީ ސީ ޕްލޭންގެ އޮޕަރޭޝަން ވެސް ފުޅާކުރަމުން. - ފޮޓޯ: މޯލްޑިވިއަން
05 ޖޫން 2016 - 10:49
މޯލްޑިވިއަންގެ ހަތް ވަނަ ސީ ޕްލޭން މިރޭ ރާއްޖެ އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ބޯޓު ގެންނަނީ ކެނެޑާއިންނެވެ.
ރާއްޖެ އަށް ދަތުރުކުރާ މަގުމަތީގައި ސްވިޒަލޭންޑްގައި ޖެއްސުމަށް ފަހު ބައެއް މަރާމާތު ވެސް ކޮށްފައިވާ ކަމަށް ހާރިސް ވިދާޅުވި އެވެ. އެ ބޯޓު ރާއްޖެ އަންނާނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް ޖައްސަމުންނެވެ.
ސްވިޒަލޭންޑުން ނައްޓާލައިގެން މެދުއިރުމަތީގެ ގައުމުތައް ހުރަސްކޮށް ރާއްޖެ އަންނާނީ. -- ހާރިސް
ހާރިސް ވިދާޅުވި ގޮތުގައި ބޯޓު ރާއްޖެ ގެނެސް މެއިންޓަނަންސް މަސައްކަތްތައް ކުރުމަށް ފަހު ޖޫން މަސް ނިމުމުގެ ކުރިން އުދުހެން ފަށާނެ އެވެ.
މޯލްޑިވިއަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސީ ޕްލޭން ފްލީޓްގެ އަދަދު 10 އަށް އިތުރުކުރުމެވެ. އެގޮތުން ޖުލައި މަހު ވެސް ސީ ޕްލޭނެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ.
އެ ކުންފުނީގެ ސީ ޕްލޭންތައް ރާއްޖޭގެ ފަސް ރިސޯޓަކަށް މިހާރު ދަތުރުކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް 15 ދަތުރުކުރެ އެވެ.
ހާރިސް ވިދާޅުވި ގޮތުގައި ސީ ޕްލޭންތައް އިތުރުވާ ވަރަކަށް ދަތުރުތައް ވެސް ގިނަވާނެ އެވެ.
މޯލްޑިވިއަނުން ދަނީ ސީ ޕްލޭން ޑޮކް ބޮޑުކުރުމުގެ މަސައްކަތާއި ސީ ޕްލޭންގެ ލައުންޖްތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސީޕްލޭނަށް ހާއްސަ ހެގަރެއް އެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީނު
05 June 2016
އަދިވެސް ބުނާނެ ފައިދާ ނުވެޔޭ އަހަރުމެންނަށް... ރާސްލާފަ ފްލައިޓްތައް އެބަގެނޭ!! ތެޔޮ އަގުހެޔޮވިޔަސް މިމީހުން ޓިކެޓް އަގުހެޔޮވާ ގޮތެއް ހައްދަވާފަ ނުހުރޭ!! މާލެއިން ކާޑެއްދޫ އަށް ދިއުމަށްވުރެން މާލެއިން ލަންކާއަށް ދާން ޓިކެޓް މާ އަގުހެޔޮ.. ކީއްކުރާބައެއް މީ.. މުވައްޒަފުންނަށްވެސް ދޭ މުސާރަ އެހާކުޑަ.. ފްލައިޓްތަކުން އާންމުކޮށް ދަތުރުކުރާ ކަސްޓަމަރަށްވެސް އެއްވެސް އޮފާރ އެއް ނީދޭ!!.. ފްލައިޓުން ޖޫސް ތައްޓެއް ދޭންވިޔަސް މިމީހުން ތިބެނީ ކަންބޮޑުވެފައި..
ޢި
05 June 2016
ފާއިދާ ނުވާ ކުނފުނޏަކައް ވިލާގަނޑަކުން ފެން އަންނަހެން ފްލައިޓް އެބަގެނެވޭ، ސާބަސް ހަމަ ސާބަސް