ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރި ވެވަޑައިގަންނަވަނީ. ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލުގެ ރިޕޯޓަށް އޭނާ އިސްލާހެއް ހުށަަހެޅުއްވި. ފޮޓޯ: ނިޝާން އަލީ/މިހާރު
07 ޖުލައި 2021 - 10:30
ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އޮތް ގޮތުން ދީނާ ދެކޮޮޅު ފިކުރާއި ހަރުކަށި ފިކުރަށް ޖާގަ ލިބޭ ކަަމަށް ދެކެވަޑައިގެން، އެގޮތަށް އޮތް މާއްދާ ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު ދިރާސާކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީގައި ޔައުގޫބު ހިމެނިވަޑައެއް ނުގަންނަވަ އެވެ. އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރަން ހުށަހަޅާފައިވާ މާއްދާ ބަދަލުކުރަން ހުށަހެޅުއްވީ އެ މާއްދާ މިހާރު އޮތް ގޮތުން، ދީނާ ދެކޮޅު ފިކުރުތަކާއި ތަކުފީރީ ހަރުކަށި ފިކުރަށް ޖާގަ ލިބޭ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
"ކޮމިޓީ ރިޕޯޓް އޮތް ގޮތުން ދެ ފިކުރު ވެސް ގާނޫނީ ގޮތުން ހިމާޔަތްކުރެވޭ ކަަމަށް ބެލެވުނީ، މި އިސްލާހުން އެކަމަށް ހައްލު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޖުޑިޝަރީ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބިލުގެ ފުރަތަމަ މާއްދާގައި އޮތީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދީނާ ދެކޮޅު މީހެއްކަމަށް އާއްމު ތަނެއްގައި ސިފަކުރުމަކީ ކުށެއް ކަމަށެވެ.
އެ ބައި އިސްލާހު ކުރަން ޔައުގޫބު ހުށަހެޅުއްވީ އެގޮތަށް ސިފަކުރުމުން ކުށަކަށް ވުމުގެ ބަދަލުގައި އެކަމާ ގުޅުވައިގެން އަނިޔާވެރިވުން އެެއީ ކުށަކަށް ހެދުމަށެވެ.
"...ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކިރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރާ ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން.." ބިލުގެ އެއް ވަނަ މާއްދާގެ ހ.ގެ އެއް ވަނަ ނަމްބަރު، ޔައުގޫބް އިބާރާތްކުރައްވާފައި ވަނީ މިގޮތަށެވެ.
އެ މާއްދާގެ ހ. ގެ ދެވަނަ ނަމްބަރު ކޮމިޓީ ރިޕޯޓްގައި އިބާރާތްކޮށްފައިވާ ގޮތުން މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުވަތަ މުރުތައްދު ވެފައިވާ މީހެކޭ ބުނެގެން ކުށަކަށް ނުވާނެ ހާލަތެއް ގާނޫނުލް އުގޫބާތަށް އިތުރުކުރެވެ އެވެ.
އެއީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުކުރުމާއި ދީނުން ބޭރުވެ މުރުތައްދުވުމެވެ. މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި އާއްމު ތަނެއްގައި ސިފަކުރުން ކުށަކަށް ވާނީ ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މިނޫން ހާލަތްތަކުގަ އެވެ.
އެ އަކުރު އިސްލާހުކުރަން ޔައުގޫބު ހުށަހަޅުއްވާފައިވާ ގޮތުން ކުށަކަށް ވާނީ މީހަކު މުރުތައްދުވެއްޖެ ކަމަށް ކަނޑައަޅަން އިސްލާމީ ޝަރީއަތުގައި އޮންނަ މިންގަނޑުން ބޭރުން، އާއްމު ތަނެއްގައި މީހަކަށް، ކުފުރުގެ ނުވަތަ މުރުތައްދުވުމުގެ ތުހުމަތު ކުރުމެވެ. ކުފުރުވެދާނެ އަދި މުރުތައްދު ވެދާނެ ބަސްތައްކަން ބަޔާން ކުރުމަކީ އިސްތިސްނާ ހާލަތަކަށް ހަދަން ވެސް އޭނާ ހުށަހަޅުއްވި އެވެ.
"...އިސްލާމީ ޝަރީއަތުގައި، މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ، އާއްމުތަނެއްގައި، މުސްލިމަކަށް ނިސްބަތްކޮށް އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން. ވަކި ބަސްތަކަކީ ކުފުރުގެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުގެ އަމަލުތަކެއްކަން ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅަ އެވެ،" ޔައުގޫބް ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.
އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ފުރަތަމަ އޮތް ގޮތުން ރާއްޖޭގެ ދީނީ ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކަކީ މުއައްސަސާތަކުންނާއި އާއްމުން ފޮނުވި ކޮމެންޓްތަކަށް ރިއާޔަތްކޮށްގެން ގެނެސްފައިވާ އިސްލާހުތަކެކެވެ. އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބިލަށް ކޮމެންޓް ފޮނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޒބޒ
07 July 2021
ނަފުރަތު އިތުރުކޮށް ބައިބައިކުރުމަށް ހިތްވަރުދޭބިލް ކިޔަންވީ
އަލެކްސް ކިރުސާ
07 July 2021
ބަރުލަމާނީ ނިޒާމެއްގައި ކޮންމެ ފަދަ މީހަކަށްވެސް އިސްލާމިކް މިނިސްޓަރުކަން ލިބިދާނެ. ސިކު މީހަކަށް ލިބިދާނެ. އިސްލާން ދީނަށް ހުރި ބޮޑު ހުތުރު މީހަކަށް ލިބިދާނެ. ޤ.އ. ފޮތުގެ މައްޗައް އަރާ މީހަކަށް ލިބިދާނެ. ރަޖަމް ކުރުމާއި އަތްކެނޑުމަށް އިންކާރުކުރާ މީހަކަށް ލިބިދާނެ. ބޮވެން ޖެހޭނެ ކަމަށް ބުނާ މީހަކަށް ލިބިދާނެ. ސެކިއުލާ އަދި ކުފުރު އެމްޑީއެން އުތެމަ ފަދަ ޖަމިއްޔާއަކަށް ނިސްބަތްވާ މީހަކަށް ލިބިދާނެ.
ބައެނަލް އަގް(ސު)ވާމީ
07 July 2021
ތި ބިލައް ސެކިއުލާ ހަރުކަށި ފިކުރު ނެތްތަ އެޑް ކޮއްލެވެން. އެމީހުންގެ ވަބާ ކަންނޭންގެ މިހާރު މިގައުމުގަ އެންމެ ބޮޑީ. އިސްލާމް ކަމޭ ކިޔާފަ މެމްބަރުންތައް ވާހަކަ ދައްކާ އިރު އިސްލާމް ކަން ގެއްލޭ ކަންތައްތައް އަދި ޝަރީއަތުގަ އޮންނަ ގޮތް އިންގޭތޯ އެމީހުން ކާރީ އަހާލަމާ. ސުވާލު ކޮއްލީމަ އިންގޭނެ ކަންނޭންގެ އިސްލާމޭ ކިޔާގެން އަނގަ ހުޅުވޭ ވަރައްވެސް ތިތާ އެކަކުގެވެސް ކުފޫ ހަމަ ނުވާނެކަން. ދެރައީ އެމީހުންނަށް އެކަންތައް ކުރުމުގެ ބާރުދީފަ އޮތުން.
އިލްމް
07 July 2021
އެއްދުވަހަކު ދަރުސް އެއް އަޑުއަހަން އިން އައިރު މުސްލިމަކު ޝެއިހަކާ ސުވާލު ކުރި ގުރުއާނުގައި ރޮށި ފިހޭނެ ގޮތް ބުނެދީފައި އޮންނާނެހޭ?? ވަގުތުން ޝެއިހު ދެންނެވި އާދޭހޭ އޮންނާނޭ '' ދެން ޝެއިހު ވިދާޅުވި "ނޭނގޭ ކަމުގައި ވަނީނަމަ އެނގޭ މީހުން ކުރެން އަހާ އޮޅުންފިލުވާށޭ" މިއާޔަތް ޝެއިހު އެމީހާ އަށް ބުނެދެއްވި
އަލީލް
07 July 2021
މި ފަހުގެ ޒަމާނެއްގަ އެމްޑީޕީ އިން އުފެއްދިވަރުގެ ނަފުރަތާއި ރުޅިވެރިކަން މިގައުމުގަ އިތުރު ބަޔަކު ނުއުފައްދާ. މައުމޫނުގެ ރައީސްކަމުގަ އެމަނިކުފާނަށް ގޮޅާބޯ އިން ފެށިގެން ނުގޮވާއެއްޗެއް ނެތް. އެމަނިކުފާނުގެ އަބުރުކަތިލާ އެއްވުންތަށް ބާއްވާ ގައުމު ހަލަބޮލިކުރި. ވަހީދު ސަރުކާރުގައި އެމަނިކުފާނަށް ބާގީއަށް އަދި ކާޅަށް ވެސް ގޮވާ އުސްފަސްގަނޑުގަ ނުކުރާކަ ފުރައްސާރައެއް ނެތް. މި އަދު ނިވާފަތްގަނޑަކަށް ބިލް ފާސްކުރިޔަސް ކަމަކު ނުދޭ
އެލެކްސް ކިރުސާ
07 July 2021
ނަފުރަތުވި ބޮޑުވި ބިލެއް މި ނޫނީ ނުދެކެން.
ފޫހިކަރުވާ
07 July 2021
މިމީހުން ހިތުން ދެން އެހެން ބަޔަކަށް މިގައުމުގެ ވެރިކަމެއް ، މަޖްލީހުގެ މެޖޯރިޓީ އެއްވެސް ނުލިބޭނެ ، ހަމަ ތިބެގެން ވަކި ނަފްސަކަށް ގާނޫނު ހަދާދީ ނަގަނީ ، ތި އިތުރުކުރުންތައް އުވާލުން އޮތީ މާދުރަކުނޫން .
ޙިދާ
07 July 2021
ކޮން
އުވާލާއުވާލާ
07 July 2021
ނަފްރަތުގެ ބިލް އުވާލާ އުވާލާ އުވާލާ އުވާލާ
ރަދީފްއޮފިޝިއަލް
07 July 2021
ނަފްރަތުގެ ބިލުގެ ސަބަބުން ނަފްރަތު އެބަ އިތުރުވޭ.