ނަޝީދަށް ދިން ހަމަލައާ ގުޅިގެން 241 ކޮމިޓީން ބޭއްވި އިންކުއަރީއެއްގައި އިލްޔާސް ބައިވެރިވެވަޑައިގަންނަވަނީ: ނަޝީދަށް ހަމަލާދޭން އުޅޭކަަމުގެ މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންނެވި.---ފޮޓޯ: މަޖިލިސް
11 ޖުލައި 2021 - 12:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަަމަލާދޭން ބަޔަކަށް ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ދިން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް، ރައްޔިތުންގެ މަޖިލީހުން ހެދި އިންކްއަރީ ރިޕޯޓުގައި ނެތުމުން ބައެއް މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.
ނަޝީދު އަވަހަރާކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީގައި އެކުލަވައިލި ރިޕޯޓް އާއްމުކުރީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުުލޫމާތުތަކާއި ބައެއް މީހުންގެ ނަންތައް ސިއްރުކުރުމަށް ފަހުގަ އެވެ. އެކަމަކު އެބައިތައް ސިއްރު ނުކޮށް، އޮތް ފުރިހަމަ ރިޕޯޓް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.
ނަޝީދަށް ހަމަލާދޭން ބަޔަކާ ހަވާލުކޮށްފައިވާކަމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވިކަން، އެ ހަމަލާ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮތީ މީޑިއާގައި ހާމަވެފަ އެެވެ. އިލްޔާސަށް އެ މައުލޫމާތު ދިނީ ކާކުކަމާ މެދު އޭރުއްސުރެ އޮތީ ސުވާލު އުފެދިފަ އެވެ. އިންކްއަރީއަށް ފަހު އެ މައުލޫމާތު ލިބޭނެ ކަމަށް ބެލެވުނު ނަމެވެސް، ރިޕޯޓުން އެނގޭ ގޮތުގައި އިންކްއަރީގައި އެ ސުވާލު އިލްޔާސާ ކޮށްފަައެއް ނުވެ އެވެ.
މައުލޫމާތު ލިބި ހުރި ބޭފުޅަކު ވިދާޅުވީ އިލްޔާސަށް މައުލޫމާތު ދިން މީހަކާ ބެހޭ ގޮތުން އިންކްއަރީގައި އޭނާއާާ ސުވާލުނުކުރީ އެެއީ އިންކްއަރީގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ ކަމަކަށްވާތީ ކަމަށެވެ.
"މި އިންކްއަރީގެ ބޭނުމަކީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުން. އެމަނިކުފާނަށްް ސެކިއުރިޓީ ދިނުމުގައި އިހުމާލެއް އޮތްތޯ ބެލުން. ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ލިބިވަޑައިގެންނެވި ގޮތް އެއީ ފުލުހުން ކުރާނެ ތަހުގީގެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.
އެހެން އޮފިޝަލަކު ވިދާޅުވީ ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އިލްޔާސަށް ދިނީ ކޮން ފަރާތަކުންތޯ ފުލުހުން ތަހުގީގުކުރަމުން އަންނަކަން އިންކްއަރީގައި އެނގުނު ކަމަށެވެ. އިންކްއަރީއަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލުން އެގޮތަށް މައުލޫމާތު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ދިން މީހަކު ނުވަތަ ބަޔަކު އެނގުމަކީ އެ ހަމަލާއަށް ފަންޑްކުރި ބަޔަކު ހޯދުމުގައި ލިބޭނެ ކުރިއެރުމެކެވެ. އެކަމަަކު އެ ތަހުގީގު ގޮސްފައިވާ ހިސާބެއް، ފުލުހުން އެ މައުލޫމާތު ހާމަނުކުރާތީ އަދި ނޭނގެ އެވެ.
އިލްޔާސް ދެއްވި މައުލޫމާތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަޅައިނުލެއްވި ކަމާއި އެއީ އެ ހާލަތުގައި އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫންކަން ރިޕޯޓްގައި ފާހަގަކޮށްފައި އެބަ އޮތެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިލްޔާސް މާރިއާއަށް ދެއްވި މައުލޫމާތު މާރިއާ އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަ ނަޝީދަށް އިތުރު ރައްކާތެރިކަން ދިނުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވެ އެވެ. އެގޮތަށް އެމައުލޫމާތު ހިއްސާކުރެއްވި ނަމަ އެމްއެންޑީއެފުން އެ މައުލޫމާތު ފުލުހުންނަށް ވެސް ދިނީހެވެ.
"މިިނިސްޓަރު އަލް އުސްތާޒާ މާރިޔާ އަހުމަދު ދީދީ އަށް މެމްބަރު އިލްޔާސް ލަބީބު ހިއްސާކުރެއްވި މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތް ނަމަ، ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދިނުން، މިޓިގޭޓްކުރުމަށް ޑިސްރަޕްޓިވް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑުވީސްކަމަށް، މި އިންކްއަރީއަށް ގަބޫލުކުރެވެ އެވެ،" ރިޕޯޓްގައި ބުނެފައި ވެ އެވެ.
ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެފަދަ މައުލޫމާތެއް ލިބި އެމައުލޫމާތު ފުލުހުންނާ ހިއްސާނުކުރުމަކީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިމާރުލްޤައުމު
12 July 2021
އިންކުއަރީ ރިޕޯޓަކީ ނަސީދައްކިތަންމެފުރިހަމަރިޕޯޓަކައްވިއަސް އެރިޕޯޓުކިޔާމީހުންނަކައްއެރިޕޯޓުއެހާފުރިހަމައެއް ނޫނެވެ ސަބަބަކީމިހާބޮޑުކަމެއްގަ ގާނޫނާފުރަތަމަ ޚިލާފުވިމީހަޔާބެހޭއެއްވެސްމަޢުލޫމާތެއްނެތެވެ.އެމީހަޔައްއެގޭމިހަމަލާ ދޭންއުޅޭކަންވެސްް ހަމަލަޔައްކަޑައެޅިފައިވާބަޖެޓަކީ 3މިލިއަންޑޮލަރުކަންވެސް އަދިއެޑުވާންސައްދިންވަރުވެސްުް ވީމާ އޭނާއަކައްނުޖެހޭއެމަޢުލޫމާތު އިލްޔާސްލަބީބައްދޭކައް އަދިއިލްޔާސްލަބީބުވެސް ދޭންޖެހޭނީމާރިޔާއަކައްނޫންމަގުމަތިންދަނިކޮން މާރިޔާކައިރީއެވާހަކަދެއްކީމަޤާނޫނީވާޖިބުއަދާކުރެވުނިކިނޫންއަންގަންޖެހޭނީޕޮލިހާއް ނުވަތަޑިފެންސައް!!
އަބްޑޫޅް
12 July 2021
ރިޕޯޓު ފާސްކުރީ އަގުލަބިއްޔަތުން. އެހެންވީމަ ކޮންމެ މެންބަރަކުވެސް ފުލުހުންނަށް ރިޕޯޓު ކުރަން ޖެހޭ މީހެއްގެ ނަން ފޮރުވައިގެން މި ތިބީ. އެ ކުރެވެނީ ޖިނާއީ ކުށެއް. މާރިޔާ ހައްޔަރު ކޮށްފަ، މަޖިލީސް ހައްޔަރު ނުކުރާންވީ ސަބަބެއް ނެތް. ތިޔަތިބީ މުޅިންވެސް، ކުނިވެފަ ތިބި ކުށްވެރިން.
ގަތްބިރުން ސިހުނު
11 July 2021
ހީވާގޮތުން ޚުދު ނަޝީދުވެސް އެކަން ސީރިއަސްކޮށް ނުނަންގަވާ. އެންމެންވެސް ޔޯލަ ވާހަކަތަކުގެ ދަރަޖައިގަ ބެލީކަމަށް ލަފާވަނީ. މިއީ ވަރަށް ދެރަކަމެއް. މިފަދަ ކަމެއް ކޮށްފާނެކަމަށް އެއްވެސް ބަޔަކު ނަޝީދުވެސް ހިމެނޭގޮތުން ތިބީ ތައްޔާރުގަ ނޫންކަން މިއިން މިއެނގެނީ.
ބަައިރޯ
11 July 2021
އުކުޅު
މަހުދީ
11 July 2021
ހާދަ ފިޝީ އޭ، އިއްލިޔާސައް ވަކި ގާނޫނެއް، މާރިޔާއަށް ވަކި ގާނޫނެއް އަހަރުމެން ނިކަމަތިމީހާއަށް ވަކިގާނޫނެއް.
މުލޭ
11 July 2021
މިމީހުން މާރިޔާ ދެކެ ހާދަ ލޯތްބެއްވެޔޭ. މާރިޔާ ނުޖެހޭނެ އިސްތިއުފާ ދޭކަށް. ވަކިވެސް ނުކުރެވޭނެ. އޭގެ ކުރިން އިލްޔާސް ލަބީބާއި ނަޝީދު އިސްތިޢުފާދީ. މިހާރު ނުބައިވަހެއް ދުވާހެން ހީވަނީ. ބަޔަކާމެދު ނަފްރަތު އުފައްދައި ހަސަދަ ފިލުވާލުމަށް ނެރެގެން އުޅޭ ރިޕޯޓެއްހެން ހީވާން ފަށައިފި މިހާރު ވެރިކަމުގެ ބާރުހޯދުމާ ގުޅުންހުރިހެން ވެސް ހީވޭ މިހާރު.
ކޮރޮޅި
11 July 2021
މީހެއްގެ އަމިއްލަ އިއުތިރާފުން އެމީހަކު މިހާރު އެހުރީ ގާނޫނީ ގޮތުން ކުށެއް ކޮއްގެން. ފުލުހުން އެމީހާގެ މައްޗަށް ދައުވާ ކުރާކަށް ނުފޮނުވާނެ. ފުލުހުންނަކީ އަމިއްލަ އެދުމަށް ވަކިބަޔަކު ބުނާ ގޮތަކަށް އުޅޭ ބަޔެއް އެކަމަކު އެވެސް އެމީހުން އަމިއްލަ އެދުންތަށް ފުއްދާދޭ ކަމަށް ވަންޏާ ... ކެކެކެ.
ޝެމެކްސް
11 July 2021
ޓެރަރަޒިމް ގެ އަމަލަކީ ވަކިމީހަކަށް ވީތީ ދޫކޮށްގެން ވާވަރު ކަމެއްނޫން، މަގުމަތިން ހިނގާފައި ދާ ކޮންމެ މީހަކަށް މި ނުރައްކަލާއި ކުރިމަތި ވާނީ ކޮންވަގުތަކު ކަމެއް ނޭނގޭ ، ތިޔަ މައްސަލައަކީ ކުޑަ މައްސަލައެއްނޫން ، ގައުމު މިއޮތީ ނޭނގުމެއްގެ ތެރޭގައި އަދިރިވެފައި 2012 ގެ ބަޢާވާތަށްފަހު ގައުމުގެ މުވައްސަސާތަކުގައި ހަރުކަށި ފިކުރު ވަނީ އިންތިހާއަށް ބޮޑުވެފައި، ނަމަވެސް، ދީނަށް ފުރައްސާރަކުރާ މީހުން ނަށް ގާނުން އަދަބު ދެވެންވާނެ ،
މޯޑް
11 July 2021
އިންކުއެރީ އަށް ދިވެހި ބަހެއް ނޯންނަނީތަ?
ހައިރާން
11 July 2021
އަނހަ ބަލަ ފުރަތަމަވެސް އަހަރެން ބުނިން އިލްޔާސް ލަބީބުއާ ހަމައިން ތިކަމެއް ނުނިމޭނެޔޭ. ގައިމު ބޮމުގެ ހަމަލާ ދިން މީހުންނާ އިލްޔާސް ލަބީބުއާ ގުޅުމެއް އޮތީމައެންނު އެހާ އިފެކްޓިވް މައުލޫމާތު އިލްޔާސް ލަބީބަށް އެނގޭނީ. އެހެން ނޫންނަމަ އެމީހަކު ޕޮލިހަށް ނުވަތަ އެމްއެންޑީއެފަށް ގުޅާފަ މައުލޫމާތު ހިއްސާ ނުކުރީ ކީއްވެ؟
ދދފފފ
11 July 2021
ސްކްރިޕްޓް އޮތްގޮތުން އެފަރާތުން އަންގާކަށް ނުޖެހޭ. ލަބީބުއަށް އެ ރޯލު އޮތީ.