ގަޝްމީރު.
12 ޖުލައި 2021 - 07:56
ސްޓާ ޕްލަސް އިން ދައްކާ "ސިލްސިލާ" ގައި ކުޅެމުން އަންނަ ކެރެކްޓާ އަކީ މިހާތަނަށް އާންމުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު ރޯލު ކަމަށާއި ގިނަ ބަޔަކަށް އޭނާ އެނގެން ފެށީ ވެސް އެ ސިލްސިލާގެ ސަބަބުން ކަމަށް އޭގެ ލީޑް ބަތަލު އަދިތިޔާ ކުމާރު ތުރިޕާޓީގެ ރޯލު ކުޅޭ ގަޝްމީރު މަހާޖާނީ ބުނެފި އެވެ.
އާންމުކޮށް މަރާޓީ އުފެއްދުންތަކުގައި މަސައްކަތްކުރާ އަދި ފިލްމީ އާއިލާއަކަށް އުފަން 36 އަހަރުގެ އެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ "އިމްލީ" އަށް އާންމުންގެ ފަރާތުން ލިބިފައި ވަނީ އަދި ލިބެމުން އަންނަނީ ކުރިން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށެވެ.
"އެކަމާ ވަރަށް އުފަލުން މި ހުންނަނީ،" ގަޝްމީރު ބުންޏެވެ.
އެ ސިލްސިލާގައި އޭނާ ކުޅެނީ މަޖުބޫރީ ހާލަތެއްގައި ކައިވެނިކުރަން ޖެހުނު ނޫސްވެރިއެއްގެ ހަޔާތަށް ކުރިމަތިވެފައިވާ ހާޖާނުގަނޑެއްގެ ތެރޭގައި އުޅޭ ފިރިއެއްގެ ރޯލެވެ. ނިއު ދިއްލީގައި އުޅޭ ނޫސްވެރިޔާ ހާދިސާއެއް ކަވަރުކުރަން ރަށްފުށު އަވަށަކަށް ކުރާ ދަތުރެއްގެ ތެރޭގައި އާދައިގެ ފަގީރު އާއިލާއެއްގެ އަންހެން ކުއްޖަކާ އެކު (އިމްލީ) ނަހަމަ ގުޅުމެއް ބޭއްވިކަމަށް ތުހުމަތުކޮށް، އަވަށުގެ ރައްޔިތުން އޭނާ ހަވަރަށްދީ ގަދަކަމުން ކައިވެނިކުރުވަ އެވެ. މިކަމެއް ހިނގާ އިރު، ދިއްލީގައި ކައިވެންޏަށް ތައްޔާރުވެފައިވާ އަދިތިޔާގެ ލޯބިވެރިއެއް ވެސް ހުރެ އެވެ. އެއީ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ޕްރޮފެސަރު މާލިނީ އެވެ.
އަވަށުން އެނބުރި އަދިތިޔާ ނިއު ދިއްލީ އަށް ދާއިރު ދަނީ މީހެއްގެ ފިރިއެއްގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ. އަދި އެކީގައި އިމްލީ ގެއަށް ގެންގޮސް ކައިވެނި ސިއްރުކޮށް، ގޭގެ މަސައްކަތު މީހެއްގެ ގޮތުގައި އިމްލީ ގެންގުޅެ އެވެ. އޭގެ ފަހުން މާލިނީއާ ކައިވެނިކުރެ އެވެ. އަދި އިމްލީ އާއި އަދިތިޔާ އަކީ ދެމަފިރިންކަން މާލިނި އަށް އެނގޭ އިރު، ލިބޭ އެންމެ ބޮޑު އެއް ޝޮކަކީ އިމްލީ އަކީ މާލިނީއާ އެއްބަފާ ކުއްޖެއްކަމެވެ. އިމްލީ އަކީ މާލިނީގެ ބައްޕަ (ދޭވް) ރަށްފުށަށް ކުރާ ދަތުރެއްގައި އަންހެނަކާ އެކު ބާއްވާ ނަހަލާލު ގުޅަމަކުން ލިބިފައިވާ ދަރިއެކެވެ.
"އިމްލީ" ގެ ވާހަކަ މިހާރު ގޮސްފައި އޮތް ހިސާބަކީ އަދިތިޔާ އާއި އިމްލީ އަކީ ދެމަފިރިންކަން އާއިލާ އަށް ފަޅާއަރައި، މައްސަލަގަނޑުގެ ހޫނު އެންމެ ގަދަ ހިސާބެވެ.
މި ސިލްސިލާ އަށް ބެލުންތެރިން ދޭ ތަރުހީބާ ބެހޭ ގޮތުން ގަޝްމީރު ބުނީ މިިއި އޭނާ ކަހަލަ އެކްޓަރަކަށް ކުރިއަށްދާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އަދިތިޔާގެ ގޮތުގައި ބެލުންތެރިން ގަޝްމީރު ބަލަގައިގަތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.
"ކުރިއަށް އޮތް އަށެއް ނޫނީ ދިހަ އަހަރުގެ މަސައްކަތުން ނޫނީ ނުލިބޭ ވަރުގެ ސަމަލުކަމަކާއި މަޝްހޫރު ކަމެއް އިމްލީގެ ސަބަބުން އަހަންނަށް ލިބިއްޖެ. އެހެންވީމަ މިއީ ކެރިއަރުގެ ވަރަށް ބޮޑު މައިލްސްޓޯނެއްގެ ގޮތުގައި ސިފަކުރަން ބޭނުން ވަނީ." ގަޝްމީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަދިތިޔާގެ ރޯލު ބެލުންތެރިން އެހާ ބޮޑަށް ބަލައިގަތީ އެއަށް 100 ޕަސަންޓްދޭތީ އެވެ.
"އެ ކެރެކްޓާ އަހަރެން ކުޅެނީ އޭގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން. އެހެންވެ އަމިއްލަ އަށް ވެސް އިހުސާސްކުރެވެނީ އަހަންނަކީ ހަމަ އަދިތިޔާ ކަމަށް،" ގަޝްމީރު ބުންޏެވެ. "އަހަންނަށް ގަބޫލުކުރެވެނީ އަހަރެން ނޫން މީހަކު އަދިތިޔާގެ ގޮތުގައި ބެލުންތެރިން ބަލައި ވެސް ނުގަންނާނެ ކަމަށް. އެހާ ވެސް ބޮޑަށް މަސައްކަތްކުރާ ރޯލެއް އެއީ."
އޭނާ ބުނީ "އިމްލީ" ގެ ކާމިޔާބީ އަކީ ކުރިއަށްދާ ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންވެ އަދިތިޔާ ކަހަލަ ތަފާތު އެތައް ކެރެކްޓާއެއް ކުޅެން ބޭނުންވާ ކަމަށް ބުންޏެވެ.
ޕޫނޭ އަށް އުފަން އަދި ކައިވެނިކޮށް ދަރިޔަކު ވެސް ހުރި ގަޝްމީރަކީ ހިންދީ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ "ޕާނިޕަތު" އެވެ. ގަޝްމީރު އެންމެ ފުރަތަމަ ކުޅުނު ހިންދީ ފިލްމަކީ 2010 ގެ "މުސްކުރާކޭ ދޭކް ޒަރާ" އެވެ.
ފިލްމާއި ޓީވީ ސިލްސިލާތަކުގެ އިތުރުން އޭނާ ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy