ކުޅިވަރު / ގައުމީ ވޮލީ މުބާރާތް

ސިފައިން އަތުން ބަދަލު ހިފައި ގައުމީ ތަށި މޯލްޑިވިއަން އިން ދިފާއުކޮށްފި

މޯލްޑިވިއަންގެ ކެޕްޓަން ހުޒާމް އަށް ޝަރަފްވެރި މެހެމާން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ގައުމީ ތަށި ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ސިފައިންގެ ކްލަބް 3-1 ސެޓުން ބަލިކޮށް، ގައުމީ ވޮލީބޯޅަ ލީގުގެ ނާކާމިޔާބީގެ ބަދަލު ހިފައި ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ތަށި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން މިރޭ ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ފެށި، ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނަށް ނިސްބަތްވާ މޯލްޑިވިއަން ވަނީ މިރޭގެ ކާމިޔާބީއާ އެކު އަންނަ އަހަރު ގައުމީ މުބާރާތުގެ ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުން ސިފައިން އަތުން ބަލިވިއިރު ހިތްވަރު އެލިފައި ތިބި މޯލްޑިވިއަންގެ ކުޅުންތެރިން މިރޭ ކުޅުނީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ހުޒާމް މުގުލުގައި ހުރެ، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އިސްމާއިލް ވިޝާމް (ބުޅިކޭ) ގެ ބާރު ޝޮޓްތަކުން އެ ޓީމު ޕޮއިންޓް ހޯދަމުން ދިޔައިރު، ޕާކިސްތާން ދެ ކުޅުންތެރިން ވަނީ ސިފައިންގެ ޓީމުން ދެމުން ދިޔަ ހަމަލާތައް ބްލޮކްކުރުމުގައި ތަފާތު ދައްކައިފަ އެވެ.

ސިފައިންގެ ސަޕޯޓަރުން ވަދެ ފުރާލާފައި އޮތް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އޮތީ އެ ޓީމުގެ ސަޕޯޓަރުންގެ ހަޅޭކާއި ބެރުގެ އަޑެވެ. އެކަމަކު ކޯޓުމަތީގައި ފެނިގެން ދިޔައީ ސިފައިންގެ މައްޗަށް ހުރިހާ ގޮތަކުން ވެސް މޯލްޑިވިއަން ގަދަވި މަންޒަރެވެ.

ސިފައިންގެ ރާޒާގެ ޝޮޓެއް މޯލްޑިވިއަންގެ ވިޝާމް (ވ) އާއި ޕާކިސްތާން ކުޅުންތެރިޔާ ބްލޮކްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުން މޮޅުވުމާ އެކު ވަރަށް ބޮޑަށް އުފާފާޅުކުރި މޯލްޑިވިއަންގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ ފައިނަލުގައި ފެނިގެން ދިޔައީ މޯލްޑިވިއަން މުޅިން އާ ރޫހެއްގައި ކުޅުނު މަންޒަރު ކަމަށާއި މިރޭ ފެނިގެން ދިޔައީ އެ ޓީމުގެ އަސްލު ފެންވަރު ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމަކީ އަސްލު ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު ލީގުގައި ޓީމުގެ ތެރޭގައި މައްސަލަތަކެއް ދިމާވެ އަދި މިވަގުތު ނެޝަނަލް ޓީމު ވެސް އޮތް ހާލަތުގެ ގޮތުން ކުޅުންތެރިންނަށް އުނދަގޫތަކެއް ދިމާވީ. އެގޮތުން ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ނުކުތީމާ ޓީމު އަސްލު ފެންވަރަށް ދިޔަތަން މި ފެނުނީ،" ސަތޯ ބުންޏެވެ.

އެކަމަކު މިރޭގެ މެޗުގައި ސަތޯ ގަބޫލުކުރާ ގޮތުގައި ތަފާތަކަށްވީ ޓީމުގެ ހުރިހާ އެންމެން މޮޅަށް ކުޅުމެވެ. އޭގެ ސަބަބުން ސިފައިންނަށް، މޯލްޑިވިއަން އިން ހުއްޓުވާނެ ކުޅުންތެރިޔަކު ނޭގުނު ކަމަށް ސަތޯ ބުންޏެވެ.

"ކުރިން ވެސް އިތުބާރު އޮތް މިރޭ މޮޅުވާނެ ކަމުގެ،" ކުރިން ސިފައިންގެ ޓީމަށް ކޯޗުކޮށްދިން ސަތޯ ބުންޏެވެ.

މެޗަށް ފަހު މޯލްޑިވިއަންގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 25-13 އިން މޯލްޑިވިއަން ކާމިޔާބުކޮށް އެ ޓީމުން ވަނީ ސިފައިން އެލާޓަށް ގެނެސްފަ އެވެ. ދެ ވަނަ ސެޓުގައި ފެނިގެން ދިޔައީ މޯލްޑިވިއަން އަށް ގޯސްތަކެއް ހެދިގެން ދިޔަ މަންޒަރެވެ. ސިފައިންގެ ޓީމުގެ ޕާކިސްތާން ކުޅުންތެރިޔާ މުބާޝިރް ރާޒާގެ މޮޅު ބްލޮކްތަކާ އެކު މި ސެޓު ސިފައިން ވަނީ 21-25 އިން ކާމިޔާބުކޮށްފަ އެވެ.

ތިން ވަނަ ސެޓުގައި ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ސިފައިންގެ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ އާދަމް ނަސީމުގެ މޮޅު ބޯޅައަކުން ހޯދި ޕޮއިންޓާ އެކު ސިފައިންގެ ޓީމުން ސެޓުގެ ކުރީކޮޅު މޯލްޑިވިއަންއާ 4-4 އިން އެއްވަރުކުރި އެވެ. އެކަމަކު ދެން ފެނިގެން ދިޔައީ މޯލްޑިވިއަން އިން އަނެއްކާ ވެސް ތަފާތު ބޮޑުކުރި މަންޒަރެވެ. އެގޮތުން ހަތަރު ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުން ގޮސް 25-22 އިން މޯލްޑިވިއަން ސެޓު ކާމިޔާބުކުރި އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ކުރި ހޯދީ މޯލްޑިވިއަންގެ ޓީމެވެ. މި ސެޓުގައި މޯލްޑިވިއަންގެ ބުޅިކޭ އާއި ކުޑަކާއްޓޭގެ ވަރުގަދަ ޝޮޓްތަކެއް ފެނިގެން ދިޔައިރު، އެ ޓީމަށް އިތުރު އެޑްވާންޓޭޖެއް ލިބުނީ ސިފައިންގެ ޓީމުން ގޯސްތަކެއް ހަދަން ފެށުމުންނެވެ. އެއާ އެކު ސިފައިން އަތުން ކޮންޓްރޯލް ގެއްލި މޯލްޑިވިއަން އިން ފަސޭހަކަމާ އެކު 25-15 އިން ސެޓު ކާމިޔާބުކޮށް، ލީގުގެ ނާކާމިޔާބީގެ ބަދަލު ސިފައިން އަތުން ހިފި އެވެ.

މޯލްޑިވިއަންގެ ހުޒާމް (ކ) ޖަހާ ޝޮޓެއް ސިފައިންގެ ޓީމުގެ އެޑަމް އާއި އަނިލް ބްލޮކްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އިޝާން މުހައްމަދު (ބަޓިސް) ފަދަ ކުޅުންތެރިން ހިމެނޭ ސިފައިންގެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ އެ ޓީމަށް ދިމާވި މައްސަލައަކީ މުބާރާތުގައި ގާތްގާތުގައި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިން ވަރުބަލިވުން ކަމަށެވެ. އަދި މިރޭގެ މެޗުގެ ކުރީކޮޅު މޯލްޑިވިއަން އިން ތަފާތު ބޮޑުކުރުމާ އެކު ކުޅުންތެރިންގެ ހިތްވަރަ އެލޭ ގޮތްވި ކަމަށް ބޭބެ ބުންޏެވެ.

"ޖުމްލަކޮށް ބަލާއިރު ފިޓްނަސްގެ މައްސަލަ ނުކުތީ. މި މުބާރާތުގައި ދެ ސެމީ ފައިނަލް ކުޅެން ޖެހި މިގޮތަށް ވަރުގަދަ މެޗުތަކެއް ގާތްގާތުގައި ކުޅުމުން ފިޒިކަލީ ވަރަށް ބޮޑަށް ދަށްވި،" ބޭބެ ބުންޏެވެ.

- ހުޒާމަށް އުފާވެރި ރެޔެއް -

މޯލްޑިވިއަން ޓީމު ލީޑުކޮށް މޮޅު ކުޅުމެއް ދެއްކި ހުޒާމް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދިއިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ އޭނާގެ ކޮއްކޮ ސްޓެލްކޯގެ ހަސަން ނިލާމެވެ. ކެރިއަރުގެ އެންމެ އުފާވެރި އެއް ކާމިޔާބީ ހޯދުމަށް ފަހު ހުޒާމް ބުނީ ލީގު ނުލިބުމުން ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން ނުކުތީ ސީދާ ގައުމީ ތަށްޓަށް ކަމަށާއި މިރޭ ފެނިގެން ދިޔައީ އެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މިސްޓޭކްތަކެއް ހެދިގެން ލީގު ގެއްލުނީ. އެންމެން އަޒުމްކަނޑައެޅީ އެކަން ރަނގަޅުކުރަން،" ހުޒާމް ބުންޏެވެ. "މިއީ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ."

ހުޒާމް (ކ) އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯމް މިނިސްޓަރުގެ ނައިބް އަދި ކުރީގެ ވޮލީބޯޅަ ކޯޗު މާޒް ސަލީމް ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވިއަންގެ ކޯޗު ސަތޯ ބުނީ ހުޒާމަކީ މިރޭގެ ކާމިޔާބީގެ ހިއްސާ އެންމެ ބޮޑު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިޔަކާ އެކު މަސައްކަތްކުރަން ލިބުމުން އުފާވާ ކަމަށެވެ.

"މިއީ އެހެން ކުޅުންތެރިންނަށް ބުނާ ކުޑައިމީސް ބަހެއް ނޫން. އަޅުގަނޑު އޭނާއާ އެކު މަސައްކަތްކުރާތާ ތިން އަހަރު މިވީ. އޭނާ އަކީ ވަރަށް އަހުލާގު ރަނގަޅު، ޕްރެކްޓިހަށް ވެސް ގަވާއިދު އަންނަ ކުޅުންތެރިއެއް. ކެތްތެރިކަމާ އެކު ޑިސިޕްލިންނާ އެކު މި މަސައްކަތުގައި ދެމި ހުރެއްޖެ ނަމަ އޭނާ އަދި އިތުރަށް މޮޅުވާނެ،" ސަތޯ ބުންޏެވެ.

ފައިނަލް މެޗަށް ފަހު މޯލްޑިވިއަންގެ ކެޕްޓަން ހުޒާމަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބު އަދި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ. މިރޭގެ މެޗު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަޑައިގަތެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔަ

25 November 2016

ލޮލް. ހަހަހަހ

The name is already taken The name is available. Register?

ާހދހދކަނަޗ

25 November 2016

ސިފައިންގެ ޓީމު ބޭރު އެއްމެ މީހެއް ލައިގެން ހުސް ސިފައިންގެ ކުދިން ތިބި ޓީމެއް ބަލި ކުރެވުނީ އެތައް ފައިސާއެއް ހަރަދުކޮއްގެން އިންޑިޔާ ގައުމީ ޓީމަށް ކުޅޭ ބިދޭސީ 2 މީހުން ލައިގެން މޯލްޑިވިއަން އަށް. އަދި ގައުމީ ތީމަށް ފުލްކޮއް ކުޅެ ކާއްޓެ ހުޒާމް އައްޔަ ހަހަހަހަ ނަސީބެއްނު

The name is already taken The name is available. Register?

ކަރަޕްޝަން

25 November 2016

ވިސްނާލަ *ވޮލީ އެސޯސިއޭޝަން ރައީސް އަކީ ލަތީބެ *މޯލްޑިވިއަން ބޯޑު މެންބަރެއް ލަތީބެ ދެން މޯލްޑިވިއަން އާ ދެކޮޅަށް ރެފްރީން ޑިސިޝަން ނަގަން ނުކެރިފާ. އިންސާފުވެރި ވާނެ ތޯ؟

The name is already taken The name is available. Register?

ހިރިލަންދޫ

25 November 2016

މޯލްޑިވިއަން ރޭގަ މޮޅުވީމަ ތިބީ ވ ބޮޑާވެފަ.

The name is already taken The name is available. Register?

މުއާޒް

25 November 2016

މިލިއަނުން ހަރަދު ކޮއެއްގެން އޯކޭ ދޯ. އެވަރުންވެސް ސީޒަން އެއްކޮއް ނުލިބުނު ދޯ. ކޮންގްރެޓްސް.

The name is already taken The name is available. Register?

ކިތިެހަބދ

25 November 2016

ނިލާމަށް 21 އަހަރުގެ މޮޅު ކުރުންތެރިޔާ ލިބުނީ އެންމެ މެޗެއް ކުޅެގެން. އެމެޗުގަ ވެސް ލިބުނީ އެއްމެ ސެޓެއް! ޕޮލިސް ލިބެރޯ މިންމި އަށް ލިބެން ޖެހޭ ވަނައެއް. ކޮމެންޓް ޖަހާލަދޭނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454