ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ. -- ފޮޓޯ: އޭއެފްޕީ
26 ނޮވެމްބަރ 2016 - 09:51
ލަންޑަން (ނޮވެމްބަރު 26) – ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ޓޮޓެންހަމް ހޮޓްސްޕާސް އިން އަލުން ރަނގަޅު ފެށުމަކުން ފަށަން ލިބޭ މުހިއްމު ފުރުސަތެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ސިފަކޮށްފި އެވެ.
ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޕްރިމިއާ ލީގުގައި ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު މިހާރު އެ ޓީމު އޮތީ 24 ޕޮއިންޓާ އެކު ފަސް ވަނައިގައި އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ. އަނެއްކޮޅުން ޓޮޓެންހަމް ވަނީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
"މިއީ ރަނގަޅު ޗެލެންޖެއް. ޗެލްސީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެ ޓީމުގެ ކޯޗަކީ ވަރަށް މޮޅު ކޯޗެއް އަދި އަހަރެން ވަރަށް ރަނގަޅަށް ދަންނަ ވެސް މީހެއް އެއީ. އަނެއްކޮޅުން ޗެލްސީގައި ތިބީ ހުނަރުވެރި ކުޅުންތެރިންތަކެއް،" ޕޮޗެޓީނޯ ބުންޏެވެ.
އާޖެންޓީނާ އަށް އުފަން ކޯޗު ބުނީ ފޯމަށް ބަލާއިރު ޗެލްސީ އަކީ މިވަގުތު ޔޫރަޕުގެ ކުރީގައި އޮތް ޓީމެއް ކަމަށާއި އެހެންކަމުން ޓޮޓެންހަމް އަލުން ރަނގަޅު ފެށުމެއް ހޯދަން ބޭނުން ނަމަ މިއީ ރަނގަޅު ނަތީޖާއެއް ހޯދަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
ޕޮޗެޓީނޯ ވަނީ ޔޫރަޕުގެ މުބާރާތެއްގައި ޗެލްސީ ކުޅެން ނުޖެހުމަކީ އެ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށް ބުނެފަ އެވެ.
ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ވެސް ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު އެ މުބާރާތުގައި ކުޅެން ނުޖެހުމަކީ މިވަގުތު އެޑްވާންޓޭޖެއް ކަމަށެވެ.
"އާ ފިލޯސަފީއަކަށް މަސައްކަތްކުރާއިރު ބޭނުންވާ އެއަށް ހޭނެން ވަގުތު. އެގޮތަށް ބަލާއިރު ޗެމްޕިއަންސް ލީގުގައި ނުކުޅޭތީ އަހަރެމެންނަށް ލިބޭ ތައްޔާރުވާން ގިނަ ވަގުތު. އެކަމަކު ޗެމްޕިއަންސް ލީގުގައި ކުޅެން އަބަދުވެސް ބޭނުންވޭ،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ މޮނާކޯ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމް ކަޓާފައި ވިޔަސް އެ ޓީމު ފަސޭހަކޮށްލެވެން ނެތް ކަމަށެވެ. އެގޮތުން އެ މުބާރާތުގައި ބެޔާ ލެވަކޫސަން އަތުން ބަލިވެފައިވަނިކޮށް ޖެހިގެން އައި މެޗުގައި އާސެނަލާ ދެކޮޅަށް ޓޮޓެންހަމުން މޮޅަށް ކުޅުނުކަން އޭނާ ފާހަގަކުރި އެވެ.
"ކޮންމެ މެޗަކީ ތަފާތު މެޗެއް. އެހެންވީމާ އަހަރެން މި ބަލަނީ ވަރުގަދަ ޓީމަކާ ދެކޮޅަށް އުނދަގޫ މެޗެއް ކަމަށް މިއީ،" ކޮންޓޭ ބުންޏެވެ.
ޗެލްސީއާ ހަވާލުވުމުގެ ކުރިން ކޮންޓޭ ވަނީ ޓޮޓެންހަމްގެ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކޮށް ޕްރިމިއާ ލީގުގައި މަސައްކަތްކުރުމާ ބެހޭގޮތުން ޕޮޗެޓީނޯގެ ލަފާ ހޯދައިފަ އެވެ. ކޮންޓޭ ބުނީ އެކަމަށްޓަކައި ޕޮޗެޓީނޯ އަށް އަބަދަށް ޝުކުރުއަދާކުރާނެ ކަމަށާއި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.
ޗެލްސީ 28 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ނަމަވެސް 27 ޕޮއިންޓާ އެކު ލިވަޕޫލާއި މެންޗެސްޓާ ސިޓީ އޮތީ އެ ޓީމުގެ ފަހަތުގައި ވިއްދައިފަ އެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް އެ ޓީމު އަތުން މި ހަފުތާގައި އެއް ވަނަ ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ލަންޑަނުގެ ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ރާއްޖެ ގަޑިން 10:30 ގަ އެވެ.
ބާންލީ - މެންޗެސްޓާ ސިޓީ 17:30
ހަލް ސިޓީ - ވެސްޓް ބްރޮމް 20:00
ލެސްޓާ ސިޓީ - މިޑްލްސްބަރާ 20:00
ލިވަޕޫލް - ސަންޑަލެންޑް 20:00
ސްވަންސީ - ކްރިސްޓަލް ޕެލަސް 20:00
ޗެލްސީ - ޓޮޓެންހަމް 22:30
Copyright © 2024 Mihaaru · Terms and Conditions · Privacy Policy