ދެ ބައިވެރިޔަކު.
26 ޖުލައި 2021 - 07:02
ދެ ޖިންސްގެ ދެ މީހެއްގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދެން ދިމާވާ މައިގަނޑު ކަމަކީ ދެ މީހެއްގެ ދެމެދުގައި ފުރަތަމަ އުފެދޭ އެކުވެރިކަމުގެ ގުޅުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މީގެ ކުރިން ލޯބިގެ ގުޅުންތަކާ ބެހޭ ގޮތުން އެންމެ އާންމުކޮށް އިވޭ އެއް ވާހަކަ އަކީ ފުރަތަމަ ނަޒަރުން ވެސް މީހަކަށް ހިތްކިޔައި ލޯބިވެވިވާނެ ކަމެވެ. އަދި އެފަދަ ގުޅުމެއް އުފެދުމުގައި އެ މީހެއް ދެކެ ގަޔާވުން އެކަނި ފުދެ އެވެ.
ނަމަވެސް ސޯޝަލް ސައިކޮލިޖިކަލް އެންޑް ޕާސަނަލިޓީ ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން އެގޮތަށް އުފެދޭ ލޯބީގެ ގުޅުންތަކަށް ވުރެ ދެ މީހެއްގެ މެދުގައި އުފެދޭ އެކުވެރިކަމަކަށް ފަހު، އެ ގުޅުން ލޯތްބަށް ބަދަލުވުމުން ދެ މީހުންގެ ގުޅުން މާ ވަރުގަދަވެ އެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ކެނެޑާނެ ބްރިޓިޝް ކޮލަމްބިއާގެ ވިކްޓޯރިއާ ޔުނިވަސިޓީގެ ސައިކޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރު ޑާނޫ ސްޓިންސަން 20 އަހަރުން ވަންދެން ކުރެއްވި މަސައްކަތުގެ ނަތީޖާ އިން ދައްކަނީ ގިނަ ދުވަސްތަކެއްގެ އެކުވެރިކަމަކުން ދެ ޖިންސްގެ ދެ މީހެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުން މާ ވަރުގަދަވެފައި އެ ލޯބީގެ ބާރު ގަދަކަމެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކުވެރިކަމަކުން ލޯތްބަތް ބަދަލުވާ ގުޅުމާ ބެހޭ ގޮތުން ދިރާސާއެއް ހަދަން ޝައުގުވެރިކަން އުފެދުނީ މިކަމާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވާތީ އެވެ. އެހެންވެ ސްޓިންސަންގެ ދިރާސާގައި ބައިވެރިކުރި މީހުންނަށް ކުރިމަތިކުރި މައިގަނޑު ނުކުތާ އަކީ ނުވަތަ މައިގަނޑު ސުވާލަކީ މިއެވެ؛ ތި ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެކުވެރިން ހެއްޔެވެ؟
އެގޮތުން 20 އަހަރުގެ ތެރޭގައި އެ ސުވާލަށް ލިބުނު ޖަވާބުތަކަށް ބަލާ އިރު، ގިނަ އަދަދެއްގެ ބަޔަކު ބުނެފައި ވަނީ އެ މީހުންނަށް ބައިވެރިޔާއާ ލޯބީގެ ގުޅުމެއް އުފެދުނީ އެކުވެރިކަމަކުން ކަމަކަށެވެ. އަދި އެކަމުގެ ސަބަބުން އެ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެފައި އެކަކު އަނެކަކު އެނގޭ މިންވަރާއި އިރުބާރު ކުރެވޭ މިންވަރު ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ. އަދި މިކަމުގައި އުމުރާއި ނަސްލުގައި ވެސް ތަފާތެއް ނެތްކަން ފާހަގަކުރެވިފައިވެ އެވެ.
"އެހެންވީމަ ހަގީގަތުގައި ވެސް އެބަ އެނގޭ އެކުވެރިކަމެއްގެ ތެރެއިން އުފެދޭ ލޯބީގެ ގުޅުންތައް މާ ލޯބިކަން. ދިރާސާގެ ނަތީޖާ އަށް ބަލާ ކަމަންޏާ ތިންބައި ކުޅަ ދެބައި މީހުން އެގޮތަށް ގަބޫލުކުރޭ." ސްޓިންސަން ވިދާޅުވި އެވެ.
Two-thirds of couples are friends first, study finds. Lead author, psychologist Danu Stinson@UVicSocialSci @UVicResearch @SSHRC_CRSH #uvic #CDNpse #UnivResearchhttps://t.co/uKiOV1Q26J
— UniversityOfVictoria (@uvic) July 21, 2021
ދިރާސާގައި ބައިވެރިވި 66 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ބައިވެރިޔާ އަކީ ގިނަ މަސްތަކެއް ނުވަތަ ގިނަ އަހަރުތަކެއް ވަންދެން އެކުވެރިކަމަކަށް ފަހު ލޯތްބަށް ބަދަލުވި މީހެކެވެ. ދިރާސާގައި ފަހު މަރުހަލާގައި ބައިވެރިވި 300 ޔުނިވަސިޓީގެ ދަރިވަރުންގެ ގުޅުންތައް ދައްކާ ގޮތުގައި އެކުވެރި، ގާތް ގުޅުމެއް އޮތް މީހަކާ އޮތް ގުޅުން ލޯތްބަށް ބަދަލުވާން އެވްރެޖްކޮށް ނަގާފައި ވަނީ 22 ވަރަކަށް މަސް ދުވަހެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިވަރުން ބުނެފައިވާ ގޮތުގައި މީހަކާ އެކުވެރިކަން ބާއްވަން ފަށަނީ ވެސް އެ މީހަކާ ފަހުން ލޯބީގެ ގުޅުމެއް ބޭއްވުމުގެ ނިޔަތެއްގައެއް ވެސް ނޫނެވެ. އެކަމަކު ދެ މީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމާއި އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން އެ ގުޅުން ލޯތްބަށް ބަދަލުވާން މަގުފަހިކުރުވި ކަމަށް ދަރިވަރުންގެ ބުނެފައިވެ އެވެ.
"އެހެންވެ މިއީ ހަގީގަތުގައި ގުޅުމަކަށްދާ އިރު އަލުން ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ކަމެއް،" ސްޓިންސަން ވިދާޅުވި އެވެ.
ދިރާސާ އިން ފާހަގަކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ބައެއް މީހުންނަނަށް އެކުވެރިކަމަކާއި ލޯބީގެ ގުޅުމަކާ އޮންނަ ތަފާތު ސާފުނުވުން ހިމެނެ އެވެ. އެކަމަކު ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ބުނެފައި ވަނީ އެ މީހުންގެ ގުޅުން ފެށުނީ އެކުވެރިކަމަކުން ކަމަށެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ އެ މީހުން މީހަކާ އެކުވެރިކަން ބާއްވަނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy