ކޮވިޑް-19 ގެ ހާލަތަށް ފަހު ހަރަމްފުޅުގައި މުސްލިމުން އުމްރާގެ އަޅުކަން އަދާކުރަނީ. އަންނަ މަހުން ފެށިގެން އުމްރާގެ އަޅުކަން އަދާޚުރަން ބޭރުގެ ގައުމުތަކުން ސައޫދީ އަށް އެތެރެވެވޭނެ ކަމަށް އެ ގައުމުން ވަނީ ނިންމާފައި --- ފައިލް ފޮޓޯ: މިހާރު
26 ޖުލައި 2021 - 13:13
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު، އުމްރާގެ އަޅުކަން އަދާކުރަން ބޭރުގެ ގައުމުތަކުން ސައޫދީ އަރަބިއްޔާ އަށް ދާ ފަރާތްތަކަށް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަރަމްފުޅު އަލުން ހުޅުވާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ކާމިޔާބުކަމާއި އެކު ނިންމާލުމަށް ފަހު ސައޫދީން މިގޮތަށް ނިންމާފައިވަނީ އިއްޔެ އެވެ. މިގޮތުން ބޭރު ގައުމުތަކުން އުމްރާ ވާން އަންނަ ފަރާތްތަކަށް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުރުސަތު ހުޅުވާލާފައި ވާއިރު، ސައޫދީގައި ދިރިއުޅޭ ފަރާތްތަކަށް އިއްޔެ އިން ފެށިގެން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.
ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ސައޫދީގެ އުމްރާ މިނިސްޓްރީން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ހުއްދަ ހޯދަން އޮންނަ އޮތުން ވަގުތީ ގޮތުން މެދު ކަނޑާލުމަށް ފަހު އިއްޔެ އަލުން އެ ފުރުސަތުވެސް ހުޅުވާލައިފަ އެވެ.
ބޭރު ގައުމުތަކުން އުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކުން ސައޫދީ އަށް އެތެރެވެވޭނީ އެ ގައުމުގެ އުމްރާ މިނިސްޓްރީން ކަނޑައަޅާފައިވާ ހަތަރު ބާވަތެއްގެ ވެކްސިނެއްގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްގެންނެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ފައިޒާ އާއި މޮޑާނާ އާއި ޖޯންސަން ޖޯންސަންގެ ޖޭންސަންގެ އިތުރުން އެސްޓްރާޒެނެކާ އެވެ. މި ބާވަތްތަކުގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިން ނުހިމެނެ އެވެ.
ނަމަވެސް ސިނޮފާމްގެ އިތުރުން ޗައިނާ އިން އުފައްދާފައިވާ އިތުރު ވެކްސިންތަކުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބޫސްޓާ ޝޮޓެއްގެ ގޮތުގައި ސައޫދީގެ ސަރުކާރުން ކަނޑައަޅާފައިވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެއްގެ ޑޯޒެއް ޖެހުމަށް ފަހު އުމްރާވުމަށްޓަކައި އެ ގައުމަށް އެތެރެވެވޭނެ ކަމަށް ވެސް އުމްރާ މިނިސްޓްރީން ބުންޏެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް އެތެރެވާ ގައުމުތަކުގެ ތެރެއިން ނުވަ ގައުމަކުން ފިޔަވައި ބާކީ ގައުމުތަކުން ސީދާ ދަތުރުތައް ކުރެވޭނެ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. މި ނުވަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، އިންޑޮނީޝިއާ، މިސްރު، ތުރުކީ، އާޖެންޓީނާ، ބްރެޒިލް، ދެކުނު އެފްރިކާ، އަދި ލުބުނާނެވެ. މި ނުވަ ގައުމުން ސައޫދީ އަށް އެތެރެވެވޭނީ އެހެން ގައުމެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރުމަށް ފަހުގަ އެވެ.
މިދިޔަ އަހަރު ސައޫދީގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ފެބްރުއަރީ 2020 ގައި އުމްރާގެ އަޅުކަން މެދުކަނޑާލުމަށް ފަހު އަލުން އެ ފުރުސަތު ހުޅުވާލާފައި ވަނީ އޭގެ އަށް މަސް ދުވަސް ފަހުން އޮކްޓޯބަރު މަހުގަ އެވެ. ސައޫދީން މި އަހަރުގެ ހައްޖު ކާމިޔާބުކަމާ އެކު ނިންމާލާފައި ވާއިރު، އެއްވެސް ހައްޖާޖީއެއް ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy