މުނިފޫހިފިލުވުން / ސޯނަމް ކަޕޫރު

ސޯނަމަށް "ބާގް މިލްކާ ބާގް" އިން ލިބުނީ 11 ރުޕީސް

ބޮކްސް އޮފީހުގައި ވަރަށް ހިނގި ފިލްމެއް ކަމަށްވާ ފަރުހާން އަޚްތަރުގެ "ބާގް މިލްކާ ބާގް" އިން އޭގެ ބަތަލާ ސޯނަމް ކަޕޫރަށް ފީއެއްގެ ގޮތުގައި ލިބުނީ އެންމެ 11 ރުޕީސް ކަމަށް ބުނެފި އެވެ.

ދެހާސް ތޭރައިގައި ގެނެސްދިމް ފިލްމުގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ދާދި ފަހުން ނެރުނު ފޮތް "ދަ ސްޓްރޭންޖާ އިން ދަ މިރާ" ގައި ކިޔައި ދީފައިވާ ގޮތުގައި ފިލްމުގައި ސޯނަމްގެ ކެރެކްޓާ ހާއްސަ ފެނިލުމެއްގެ ގޮތުގައި ގެނެސްދިން އިރު، އެ ރޯލަށް އޭނާ ޝޫޓްކުރީ އެންމެ ހަފުތާއެއްހާ ދުވަހަށެވެ. އެކަމަކު އެ ވަރުގެ ކުރު ރޯލެއް އަދި މާ ހާއްސަ ކަމެއް ނެތް ބަތަލާގެ ރޯލަށް ސޯނަމް އެއްބަސްވި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ "ބާގް މިލްކާ ބާގް" އަކީ އިންޑިއާގެ ވަރުގަދަ އެތުލީޓެއްގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާއަކަށްވުމުން އެ ކަހަލަ، ޝަހުސިއްޔަތެއްގެ ފިލްމެއްގައި ހިއްސާވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ދެކޭތީ އެވެ.

އޭގެ ވާހަކަ ބިނާކުރި ދުވުންތެރިޔާ މިކްލާ ސިންގް ވަނީ މިދިޔަ ޖޫން މަހު ކޮވިޑް-19 ގައި މަރުވެފަ އެވެ.

މެހެރާގެ ފޮތާ އެކު ސޯނަމް.

މެހެރާ 2009 ގައި ގެނެސްދިން ފިލްމު "ދިއްލީ 6" ގެ ބަތަލާ އަކީ ސޯނަމް ކަަޕޫރްކަމުން އޭގެ ފަހުން ދެ މީހުންގެ މެދުގައި ވަރަށް ހާއްސަ އެކުވެރިކަމެއް އޮވެ އެވެ. މެހެރާ އަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރްގެ އާއިލާއާ ވެސް ވަރަށް ބޮޑު ގާތް ކަމެއް އޮންނަ މީހެކެވެ. އަނިލްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް 2016 ގައި ބޮލީވުޑަށް ތައާރަފުކުރީ ވެސް މެހެރާ އެވެ. އެއީ އެ އަހަރުގެ "މިރުޒިޔާ" އިންނެވެ.

"ބާގް މިލްކާ ބާގް" އާ ބެހޭ ގޮތުން ސޯނަމް ބުނީ ބީރޯގެ ކެރެކްޓާ ކުޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެއީ ފިލްމުގެ ރަހަ ހެޔޮވަރުކޮށް ދިނުމުގައި މުހިއްމު ރޯލެއް ކަމަށް ބުންޏެވެ. ބީރޯގެ ކެރެކްޓާ އަކީ ފަރުހާން ކުޅުނު މިލްކާގެ ކެރެކްޓާގެ ލޯބިވެރިޔާ އެވެ.

ފަރުހާނާ އެކު ސޯނަމް ފެނިގެން ދިޔަ ދެ ލަވައެއް ވެސް ފިލްމުގައި ހިމެނެ އެވެ. އެހެންވެ ސޯނަމް ބުނި ގޮތުގައި ރޯލު ކުރުވުމަކީ "ބާގް މިލްކާ ބާގް" ކަހަލަ ބައޮޕިކެއްގައި ކުޅެން ފަސްޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި އެ ފިލްމުގައި އޭނާގެ ހިއްސާއެއް އޮތުމަކީ ފަހުރެއް އަދި ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.

ސޯނަމާ ބެހޭ ގޮތުން ފޮތުގައި މެހެރާ ބުނެފައި ވަނީ ކުޑަކުޑަ ރޯލަކަށް އޭނާ އެއްބަސްވުމާއި ދެއްކި ހިތްވަރަށް ސާބަސް ހައްގުވާ ކަމަށެވެ. މެހެރާ ބުނީ ސޯނަމް "ބާގް މިލްކާ ބާގް" ކުޅުނީ ގައުމީ ރޫހުގައި ކަމަށާއި އެކަމަށްޓަކައި އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށެވެ.

"އެހެންވެ އޭނާ ފިލްމުން ފީއެއްގެ ގޮތުގައި ނަގަން އެއްބަސްވީ ވެސް އެންމެ އެގާރަ ރުޕީސް،" މިދިޔަ މަހު ފަރުހާނާ އެކު "ތޫފާން" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

"ބާގް މިކްލާ ބާގް" އަކީ ދެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އެއީ ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓާއި، ފިލްމުގެ ލަވަތަކުގެ ތެރެއިން "މަސްތޯން ކާ ޖޫންދު" އަށް ލިބުނު އެންމެ މޮޅު ނެށުމުގެ އެވޯޑެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454