ސައިބާ ހަމަލާ

ސައިބަ ހާދިސާއަކަށް ތައްޔާރުތަ؟

ޑރ. އަހުމަދު އިބްރާހިމް

12 އޯގަސްޓް 2021 - 11:17

1 comments

ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގާ ސައިބަ ހަމަލާތަކަކީ އަޅުގަނޑުމެންނަށް ބީރައްޓެހި ވާހަކަތަކެއް ނޫނެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައްކަމެއް އިންޓަނެޓަށާއި ޓެކްނޮލޮޖީ އަށް ބަރޯސާވެފައިވާއިރު މި ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ 24 ގަޑިއިރު ހުއްޓުމެއްނެތި ނަގަމުންދާ ފަރާތްތައް އުޅެ އެވެ. އަދި މިފަދަ ފަރާތްތަކުން ފަޅި ސިކުންތަކަށް ވުރެ އަވަސް ބާރުމިނެއްގައި ސައިބަ ދުނިޔޭގެ ވިއުގަތައް މެދުވެރިކޮށް، ސިއްރިޔާތުގައި ކާކުކަން ނޭންގި ހަމަލާ ދިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި ކުރަމުން ވެސް ދާ ކަމެކެވެ.

އެކިފަންތީގެ އިދާރާތަކަށް އަމާޒުކޮށް ތައްޔާރުކުރާ ސިލްސިލާގެ މި ފުރަތަމަ އާޓިކަލްގެ މަގްސަދަކީ ސައިބަ ހާދިސާއެއްގެ ކުރިން ވާންޖެހޭ ތައްޔާރީތަކަށް އަލިއަޅުވާލުމެވެ. އަދި ސައިބަ ހާދިސާއަކަށް ފަހު އަމަލު ކުރަންވީ ގޮތާއި ރައްކާތެރި ވާނެގޮތް ބާކީއޮތް ދެ އާޓިކަލްގައި ކިޔައިދެވޭނެ އެވެ.

ސައިބަ ހާދިސާއަކީ ކޮބާ؟

ކޮންމެ އިދާރާއެއްގެވެސް ސައިބަ ސެކިއުރިޓީ ގާއިމު ކުރެވޭނީ މައިގަނޑު ތިން އުސޫލެއްގެ މަތިންނެވެ. އެއީ އެއިދާރާއެއްގައި ބޭނުންކުރާ:

1. ސިއްރު ކުރަންޖެހޭ މައުލޫމާތު ސިއްރު ގޮތުގައި ބެހެއްޓުން (މިސާލަކަށް ހޮސްޕިޓަލެއްގެ މެޑިކަލް ރެކޯޑުތައް)،

2. މައުލޫމާތުގެ އިތުބާރާއި ސައްހަކަން ދެމެހެއްޓުން (މިސާލަކަށް އިލެކްޝަނެއްގައި ނަގާ ވޯޓުގެ ނަތީޖާ)، އަދި

3. މައުލޫމާތައް ބޭނުންވާހިނދެއްގައި އެކަށީގެންވާ ވަގުތެއްގެ ތެރޭގައި (މިސާލަކަށް އިންޓަނެޓުގެ ހިދުމަތް) ލިބުމެވެ.

އެ އިދާރާއެއްގެ މަސައްކަތުގެ ޒާތުން މިއިން ކޮންމެ އުސޫލަކަށް ވެސް އިސްކަންދޭންޖެހޭ މިންވަރު ތަފާތުވުން އެކަށީގެންވެއެވެ. ސައިބަ ހަމާލާއެއްގެ ސަބަބުން، މިއިން އެއްވެސް އުސޫލެއް ދޫވެ އެ އިދާރާއެއްގައި އާންމުކޮށް ކުރާ މަސައްކަތްތަކަށް ހީނަރުކަމެއް ނުވަތަ މެދުކެނޑުމެއް އައުމުން، ސައިބަ ހާދިސާއެއް ދިމާވީ ކަމަށް ބެލިދާނެއެވެ.

ސައިބ ހާދިސާއެއް ދިމާވުމަކީ ދުރުކަމެއް ނޫނެވެ. އަދި އެކަށީގެންވާ ވެސް ކަމެކެވެ. ނަމަވެސް އެންމެ މުހިއްމީ މިފަދަ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުން ވީހާ ވެސް ކުޑަކުރުމާއި ސައިބަ "ކާރިސާއަކަށް" ވިޔަނުދިނުމެވެ.

ސައިބަ ނުރައްކާތައް

ސައިބަ ހަމަލާއެއްގެ ސަބަބުން ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެ އެވެ. އަދި މިފަދަ ނުރައްކާތަކަށް ތައްޔާރު ވާން ކުރަންވީ ކޮން ކަމެއްކަން ސާފުނުވާ ނަމަ ނުވަތަ ޔަގީން ނުވާ ނަމަ ބޭކާރު ގޮތުގައި އެތައް ގުނައަކަށް ހަރަދު ކުރެވޭ ފަހަރު ވެސް އާދެ އެވެ. ވީމާ، ކޮންމެ އިދާރާއަކަށް ވެސް ހަގީގަތުގައި އޮތީ ކޮން ނުރައްކަލެއްކަން ދެނެގަނެ، އެ ނުރައްކަލެއް ދިމާވާން ލަފާކުރެވޭ މިންގަނޑު، އަދި އެފަދަ ނުރައްކަލަކުން ލިބޭނެ ގެއްލުން ދެނެގަތުން (ރިސްކް އެސެސްމަންޓު) ވަރަށް މުހިންމެވެ.

ކުރިން ދަންނަވާލެވުނު ސައިބަ ސެކިއުރިޓީ އުސޫލްތަކަށް ބިނާކޮށް ކޮންމެ އިދާރާއެއްގެ ރިސްކު ތަފާތު ވާނެ އެވެ. މިސާލަކަށް ޑިނަޔަލް އޮފް ސާވިސް (ޑޮސް) އެޓޭކް އަކީ އިދާރާއަކުން ދެމުންދާ ހިދުމަތެއް މެދުކަނޑާލުމަށް ދެވޭ ސައިބަ ހަމަލާއެކެވެ. މިފަދަ ހަމަލާއެއް ބޭންކަކަށް ދީފިނަމަ، ފިހާރަތަކުގައި ބޭންކު ކާޑުން ފައިސާ ނުދެއްކި، އޭޓީއެމް މެޝިނުން ފައިސާ ލިބުން މެދުކެނޑި ނުވަތަ ހިދުމަތް ލިބުން ލަސްވެ، އެތައް ބަޔަކަށް މާލީ ގެއްލުންތަކެއް ލިބި އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް އަޅާކިޔާ ނަމަ، ޔުނިވާސިޓީއެއްގެ ވެބްސައިޓަށް މިފަދަ ހަމަލާއެއް ލިބި، ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެބްސައިޓުގެ ހިދުމަތް ނުލިބި ލަސްވެ ލިބޭ ގެއްލުން ވަރަށް ތަފާތެވެ. ވީމާ ބޭންކަކުން ޑޮސް އެޓޭކް ފަދަ ސައިބާ ހަމަލާއަކަށް ވާންޖެހޭ ތައްޔާރީ ޔުނިވާސިޓީއަކާ އަޅާބަލާއިރު ވަރަށް ތަފާތުވުން އެކަށީގެންވެއެވެ.

ސައިބާ ހަމަލާއެއްގެ ނުރައްކާ އާންމު ގޮތެއްގައި ވަނީ އިދާރައިގެ ބޭރުން ކަމަށް ހީވިޔަސް، އެއީ އިދާރާގެ އެތެރެއިން ފެށޭ ހަމަލާއަކަށް ވުން ވެސް ވަރަށް ގާތެވެ. އެއީ އާއްމު ގޮތެއްގައި އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު މެދުވެރިކޮށް ވާ ކަމަކަށްވުން ވެސް ވަރަށް އެކަށީގެންވެއެވެ. އެއީ ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކުރާ އަމަލަކަށް ވިޔަސް ނޭންގި ކުރެވޭ ކަމަކުން ވިޔަސް، ބޭރުގެ ނުރައްކާތަކަށް ވިސްނާ ފަދައިން އެތެރޭގެ ނުރައްކާތަކަށް ވެސް ވިސްނަން ވާނެ އެވެ.

ކޮންމެ ހަމަލާއެއް ވެސް ދެވެނީ ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށެވެ. މިސާލަކަށް ނުރައްކާތެރި ސައިބާ ހަމަލާތަކުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ހަމަލާ ރައްދުވާފަރާތުގެ ކޮމްޕިއުޓަރަށް ވައިރަހެއް (މަލްވެއާ) އަޅުވަ އެވެ. މިކަމަށް ބޭނުން ކުރާ ވަސީލަތްތަކުގެ ތެރޭގައި ޔޫއެސްބީ ފްލޭޝް ޑްރައިވް، ރައްކާތެރި ނޫން ވެބްސައިޓުތައް، ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފައިލް ނުވަތަ އެޓޭޗްމަންޓް ހިމެނެ އެވެ.

ސައިބަ ހަމަލާ ތަހުގީގުކުރުން

ސައިބާ ހަމަލާއަކަށް ފަހު، އެ ހަމަލާއެއްގެ ސަބަބުން ލިބުނު ގެއްލުން ދެނެގަނެ އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ތަހުގީގު ކުރުން ވަރަށް މުހިއްމެވެ. އަދި ސައިބާ ހަމަލާއެއް ލިބެމުންދާކަން ދެނެގަނެވިއްޖެ ނަމަ، އެ ހަމަލާއެއްގެ މަގުސަދު ކާމިޔާބު ވިޔަނުދީ ހަމަލާ ހުއްޓުވައި، އަދި އެ ހަމަލާގެ ގެއްލުން ކުޑަކުރެވުން އެކަށީގެންވެއެވެ.

ސައިބަ ހާދިސާއެއް ތަހުގީގު ކުރުމުގެ ގޮތުން ހޯދާ ޔަގީން ކުރަން ޖެހޭ ހެކި (އިނޑިކޭޓަރސް އޮފް ކޮމްޕްރޮމައިސް) ލިބުމުގައި ޓެކްނޮލޮޖީ ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ނަމަވެސް ފޮރެންޒިކް ހެކީގެ ފެންވަރަށް، ހަމަލާ ތަހުގީގު ކުރުމަށް މަގުފަހިވާ ވަރަށް ހެކި ހޯދެނީ، ހަމަލާއެއްގެ ކުރިން ވަކި ގޮތަކަށް ރޭވި، އިދާރާގައި ބޭނުން ކުރާ ޓެކްނޮލޮޖީ (ސޮފްޓްވެއަރަ، ހާޑްވެއާ، އަދި ގުޅުންހުރި ލިޔެކިޔުންތައް ހިމެނޭ ގޮތަށް) ތައްޔާރު ކުރެވިފައި ހުރެގެންނެވެ.

މިފަދަ ތަހުގީގަކަށް ޓެކްނޮލޮޖީ ތައްޔާރު ކުރުމަށް ވުރެ އުނދަގޫ މައިގަނޑު ދެ ގޮންޖެހުމެއް ވެއެވެ. އެންމެ ފުރަތަމަ ގޮންޖެހުމަކީ އިދާރާ ހިންގުމުގެ ސިޔާސަތުތަކުގައި ސައިބަ ސެކިއުރިޓީ ހިމަނައި، ސައިބަ ހާދިސާއަކަށް ފަހު އަމަލުކުރަންވީ ގޮތުގެ ވަކި ޕްލޭނެއް ރާވާފައި ނެތުމެވެ. މީގެ ސަބަބުން ސައިބަ ސެކިއުރިޓީ އަށް ދޭންޖެހޭ ފަރުވާތެރި ކަމެއް ނުދެވި ދެވަނަ ގޮންޖެހުމުގެ އަސްލަކަށް ވެސް ވެއެވެ. ދެވަނަ ގޮންޖެހުމަކީ އިންސާނީ ވަސީލަތް ސައިބަ ހާދިސާ އަށް ތައްޔާރުވެފައި ނުވެމެވެ.

ހެކްކުރުމަކީ ފަނާކުރަނިވި އަމަލަކަށް ވާ ފަދައިން ބިނާކުރަނިވި އަމަލަކަށް ވެސް ވޭ: ހެކްކުރުން ގިނަ ފަހަރު މާނަކުރެވެނީ ގެއްލުން ދިނުމަށް ކުރެވޭ ކަމެއް ގޮތުގައި. ސަލާމަތީ ބޭނުންތަކަށް ހެކްކުރަން ވެސް ޖެހޭ

މީގެތެރޭގައި، ހާދިސާގެ ކުރިން، ހަމަލާއެއް ހިނގަމުންދާއިރު، އަދި ހާދިސާއެއްގެ ފަހުން ވާންޖެހޭ ތައްޔާރީތައް ހިމެނެއެވެ. މިސާލަކަށް އިދާރާގެ މުވައްޒަފުންނަށް ސައިބަ ސެކިއުރިޓީ އުނގަންނައިދީ އަހުލުވެރިކުރުން، ސައިބަ ސެކިއުރިޓީއާ ގުޅުން ހުރި ޒިންމާތައް ކަނޑައަޅާ ޒިންމާދާރު ކުރުވާނެ އުސޫލްތައް ކަނޑައެޅުން، އަދި ސައިބަ ހާދިސާތަކަށް ހާއްސަ ޓީމެއް ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ.

މިފަދަ ތަހުގީގެއް ކުރާނެގޮތް ދެން އޮންނަ އާޓިކަލްގައި ތަފްސީލުކޮށްދެވޭނެ އެވެ. އަދި މި އާޓިކަލްގައި ސައިބަ ސެކިއުރިޓީގެ އުސޫލުތަކާއި، ސައިބަ ނުރައްކާ އަދި ރިސްކުގެ އަލީގައި ޓެކްނޮލޮޖީ، ސިޔާސަތު، އަދި އިންސާނުންގެ އެހީގައި ސައިބަ ހަމަލާތަކުން ރައްކާތެރިވާނެ ގޮތްތަކަށް އެންމެ ފަހު އާޓިކަލްގައި އަލިއަޅުވާލެވޭނެ އެވެ.

އެޑިޓަރުގެ ނޯޓް: ޑރ. އަހުމަދު އިބްރާހީމަކީ އޮސްޓްރޭލިޔާގެ އީޑިޓިތު ކޯވަން ޔުނިވާސިޓީގެ (އީސީޔޫ) ސައިބާ ސެކިއުރިޓީ ލެކްޗަރާ އެކެވެ. އަދި އީސީޔޫގެ ސެކިއުރިޓީ ރިސާޗް އިންސްޓިޓިއުޓްގައި ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެކި ދާއިރާތަކުން އޭނާ ދިރާސާކުރައްވަ އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެޒްމިންރޯޒް

13 August 2021

ވަރަށް ރަނގަޅު ދިރާސާއެއް. މުޅިދުނިޔެވެސް ހޭލުންތެރިވާން ޖެހިފާވާ ކަމެއްމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454