އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އެ ކުއްޖާއަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އާފިޔާ ބުނޭ -- ފޮޓޯ/ ސޯޝަލް މީޑިއާ
28 ނޮވެމްބަރ 2016 - 13:24
މިދިޔަ އަހަރު ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ ބަނޑަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށާއި އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް އިބްތިހާލް ބެލި ޑޮކްޓަރަކު ކޯޓުގައި މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އިބްތިހާލް ބެލި ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު އަހުމަދު ނިޝާނެވެ.
ހެކިބަސް ދެމުން އޭނާ ވިދާޅުވީ އިބްތިހާލަށް ގިނަ އަނިޔާތަކެއް ލިބިފައި ހުރިއިރު އޭނާގެ ކަރުގައި ބާރަށް ހިފާފައި ހުރިކަމުގެ ނިޝާންތައް ހުރުމުގެ އިތުރުން ބަނޑަށް ލޭ އެޅިފައި ހުރި ކަމަށާއި އޭނާ މަރުވުމަށް މެދުވެރިވި މައިގަނޑު ދެ ސަބަބަކީ އެއީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާންމުކޮށް ބަނޑަށް ލޭ އެޅޭނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް ނިޝާން ވިދާޅުވި އެވެ.
އިބްތިހާލްގެ މޭކަށިގަނޑަށް ގެއްލުންވެފައި ހުރުމުން އެއީ މަރުވުމަށް މެދުވެރިވި ސަބަބެއްތޯ ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވުމުން ޝާން ވިދާޅުވީ އިބްތިހާލްގެ މޭކަށިގަނޑަށް ލިބުނު ގެއްލުމަށް ބަލާއިރު، އެއީ އޭނާ ދުނިޔޭގައި ހުރި ނަމަ ފަރުވާދީގެން ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށެވެ.
ޑޮކްޓަރު ނިޝާނާ ސުވާލުކުރަން އާފިޔާ އަށް ފުރުސަތު ދިނުމުން އޭނާ ބުނީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އާފިޔާ ކުރިން ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.
އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދީ އެކަމުގެ ލިޔުންތައް މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏަސް ކުރީގެ އަޑުއެހުންތަކެކޭ އެއްގޮތަށް އާފިޔާ މިއަދު ވެސް ބުނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ. ދައުލަތުން މަސައްކަތް ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް އާފިޔާ އަށް ވަކީލަކު ހޯދައި ދިނުމަށެވެ.
ގާޒީ މުހުތާޒް ވިދާޅުވީ އާފިޔާ ވަކީލަކު ބޭނުން ނުވާއިރު ވަކީލަކު ހަމަޖައްސަން އޭނާ އަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެކަމަކު ޝަރީއަތް ހިނގަމުން ދާއިރު ކޮންމެ މަރުހަލާއެއްގައި ވެސް ވަކީލަކު ހޯދަން އާފިޔާ ބޭނުންވެއްޖެ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ޝަރީއަތުން ދެން އާފިޔާއާ ސުވާލު ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އާފިޔާ އަށް ވަކީލަކު ހޯދައިދޭން ދައުލަތުން މަސައްކަތް ކުރަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތައް ތަހުގީގު ކުރުމާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށްފަ އެވެ.
އެކަމަކު ގާޒީ މުހުތާޒް ވިދާޅުވީ އެ ގަވާއިދަކީ ހޯމް މިނިސްޓްރީން ހަދާފައިވާ ގަވާއިދެއް ކަމަށްވާތީ އެ ގަވާއިދަށް އަމަލު ކުރުން ކޯޓަށް ލާޒިމް ނުވާނެ ކަމަށާއި ކޯޓުން އަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ކަމަށެވެ.
އާފިޔާ ބުނެފައިވާ ގޮތުން އިބްތިހާލަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ އެވެ. އެންމެ ފުރަތަމަ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އެދުވަހު ކުރި އަނިޔާތަކާއި އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހާގެ ބައްޕަގެ ބައްޕަ
30 November 2016
ޤުރުއާނާއި ސުންނަތައްވުރެން ބޮޑުޤާނޫނެއް އެބައޮތްތޯ ބައްޕަ ކުރެން ސުވާލު ކޮށްލަން ބޭނުން ޤުރުއާންގައި ﷲ ގެވަހީ ކުރައްވާފައިވަނީ މަރަށްމަރު ހިފުަމަށް މަރާލެވުނު މީހާގެ ވާރިސުން މަރަށް މަރު ހިފުމަށް އެނދޭހިދު އެއްވެސް ޝައްކުކަމެއް ނެތް މިންވަރަށް ހެކި ސާބިތުވެ މަރަށް ކުރާ ހުކުމް ރައީސް އަކަށް ހުންނަ މީހާއަށް އެހުކުމް ބަދަލުކުރެވޭނެ ގޮތެއް ދަންނަ ބައްޕަ ބުނެލަދީބަލަ ﷲ އަގައެއް ދެއްވާފަ އޮތީމަ އެއްޗެއް ނޭގުނަސް އަނެކުންނަށް މޮޅުކަން ދެއްކިދާނެ
މީހާގެ މުނިކާފަ
12 December 2016
އިސްލާމީ ޝަރީޢަތުގައި ދަރިފުޅު މަރާލުމުން ބައްޕަ ނުވަތަ މަންމަގެ މައްޗަށް ޤިޞާސް އެއް ނުހިފޭނެ. އެއީ ޤާތިލަކީ މަރުވި ފަރާތް ދުނިޔެއަށް އައުމުގެ އަސްލުކަމުގައި ވާތީ. އާފިޔާއަށް އަދަބު ލިބެންޖެހޭނެ. އަދި އާޚިރަތްދުވަހު އާފިޔާއަށް ވާނެ ގޮތެއް ދެނެވޮޑިގެންވާނީ މާތް ﷲ. އެކަމަކު އިސްލާމީ ޝަރީއަތޭ ދީނޭ ކިޔާއިރު ރަނގަޅަށް ދިރާސާ ކޮށްލަންވާނެ.
އިޙްސާންތެރިޔާ
29 November 2016
އަފީޔާ އަށް މަރުގެ އަދަބު ދޭންޖެހޭ.. އެހެނީ އޭނާ އެވަނީ ދަރިފުޅަށް އަނިޔާ ކުރިކަމަށާއި ކުރިގޮތްވެސް ކިޔައިދީ އިއުތިރާފްވެފަ. އިއުތިރާފްގެ މައްޗަށް ބަލައި ހުކުމް ނުކުރެވެނީ ކީއްވެބާ؟ އޭނޭ ހޭބުއްދި ފިލާ ގޮސްގެން ހުރެތޯ އެކަންކުރީ އަނެއްކާ؟ އެކަމަކު މިކަން ސާބިތުކޮށްދޭން ހެއްކަކީ ކޮބާ؟ ކޮބާތަ ހުމާމު އަދިވެސް މަރާކަށް ނުވޭބާ؟ މިހާރު ސުޕްރީމް ކޯޓުންވެސް ހުކުމް ކޮށްފި. ދެން ލަސްވަނީ ކީއްވެބާ.. އަހަރުމެން އެންމެނަށް ވެސް ފެންނާނެހެން ދައްކައިގެން މަރަންވާނީ. ފޮރުވައިގެން އާންމުންނަށް ނޭގޭ ގޮތަކަށްނޫން މަރާނީއެއް..
މީހާ
29 November 2016
"އެކަމަކު ގާޒީ މުހުތާޒް ވިދާޅުވީ އެ ގަވާއިދަކީ ހޯމް މިނިސްޓްރީން ހަދާފައިވާ ގަވާއިދެއް ކަމަށްވާތީ އެ ގަވާއިދަށް އަމަލު ކުރުން ކޯޓަށް ލާޒިމް ނުވާނެ ކަމަށާއި ކޯޓުން އަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ކަމަށެވެ." މީ ކޮންކަމެއް؟؟ ކޯޓުން އަމަލު ކުރަން ޖެހެނީކީ ރައްޔިތުންގެ މަޖިލީހުންނާ ހޯމް މިނިސްޓްރީ އިން ހަދާ ގަވާއިދަކަށް ނޫން!!!! ކީރިތި ޤުރުއާނުންނާއި ސުންނަތުން އެއޮތީ ރީއްޗަށް ފެންނަން!!! އަމިއްލައަށް ހަދާ ގާނޫނު ތަކަކީ އެއްވެސް އާރެއް ބާރެއް ހުރި އެއްޗެއް ނޫން!!!!
މީހާގެ ބައްޕަ
29 November 2016
މީހާއަށް މާބޮޑަށް އެނގޭހެން ހީވޭ އެބަ. ޤުރުއާނާއި ސުންނަތުގައި އޮތް އެއްޗެއް މީހާއަށް އެނގޭނަމަ ތިކަހަލަ ކޮމެންޓެއް ނުކުރާނެ. މީހުންނަށް ތަންދޮރު އޮޅޭގޮތަށް ވާހަކަ ނުދައްކާ! ތިމާއަށް އޮޅިފައިވާ ހާލު އެހެންމީހުންނަށްވެސް އޮޅުވާނުލައްވާ! ތިމާ ލިޔާ ތަކެއްޗަށްވެސް ޒިންމާވާންޖެހޭ ދުވަހެއް އެބައޮތްކަން ހަނދާން ކުރައްވާ!
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ.
29 November 2016
ތަންތަނަށްގޮސް ބެލީމާ އެގޭނީ އަނިޔާކުރަމުންދާ މިންވަރެވެ. މަރުވީމާ ހަދާ ޕޯސްޓްމޯޓަމުން އެގޭނީ ކޮށްފައިވާ އަނިޔާއެވެ. މަރުހިއްފަވާ ވަގުތާއި ނުވަތަ ފުރާނަ ގެންދަވާ ވަގުތާއި އަނިޔާކުރާ ވަގުތާއި ދިމާނުވާނަމަ މަރެއްނުވާނެއެވެ.
ސައީދު އަމާ
29 November 2016
މަރު ހިއްޕަވާނެ ވަގުތެއް ތަނެއް ނުހޯދޭނެ ދޯ. ޕޯސްޓްމޯޓަމް ހެދިޔަސް ނެހެދިޔަސް މަރުވީމަ މަރުވިކަން އިންގޭނެ ކަންނޭންގެ ދޯ ؟
ހާންދާން
29 November 2016
މީނާއަށް ހުކުން ކުރާނީ ކިހާވަރަކަށް ހެކި ލިބިގެންބާ؟؟؟ ފުރަތަ ދުވަހުވެސް އެއްބަސްވެ ކަންތަށްކުރި ހުރިހާ ގޮތެއް ކިޔައިދީފި!!! ހެކިތަށް ފެނި ޑޮކްޓަރުގެ ރިޕޯޓް ލިބިއްޖެ........
ޢަބްދުﷲނާފިޒު
28 November 2016
އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި، އެއީ ބޮޑު އަނިޔާއެއް ލިބުމުން ވާނެ ކަމެއް: ޑޮކްޓަރު. އަނެއްކާ އިބްތިހާލު މަރުވިކަން މިހާދުވަސް ވީއިރު ޔަޤީންބާ! ކީއްކުރާނީދޯ ހުރިޤާބިލުކަން ނިކަން ދެކިބަލަ.
ޢަބްދުﷲނާފިޒު
28 November 2016
"އެންމެ ފުރަތަމަ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އެދުވަހު ކުރި އަނިޔާތަކާއި އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފަ" އެވެ. ދެން ކޮން އެއްޗެއް ސާބިތު ނުކުރެވިގެންބާ މިމީހުން މިއުޅެނީ! ހުރި ޤާބިލުކަމެއްގެ ބޮޑުކަމާއެވެ.
ޑީސީ
28 November 2016
ނޫހުގަ ޖަހާނެ ހަބަރެއްނެތުމުން ޖަހާ ބޮޑު ހަބަރު
މާޒީ
29 November 2016
ބަލަގަ ނޫހުގަ ޖަހަންޖެހެނީ ހުސް ސިޔާސީ ވާހަކަތަ؟ މިކަހަލަ އިޖުތިމާއީ ކަންކަން ނޫސްތަކުން ގެނެސްދޭލެއް އަދިވެސް ވަރަށް މަދު.