ވެމްކޯގެ މުވައްޒަފަކު މާލޭގެ މަގެއްގައި ބަހައްޓާފައި ހުރި ކުނިތައް ނަގަމުން ދަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
17 އޯގަސްޓް 2021 - 14:35
ގޭބީސީތަކުން ވެސް ކުނި ވަކިކޮށްގެން ނެރެން ޖެހޭ ގޮތަށް ހަމަޖައްސައި، އެކަން ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނެ ގޮތަށް ކުނި މެނޭޖް ކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ކުނި މެނޭޖް ކުރުމުގެ ގަވައިދަށް ގެނައި ފަސް ވަނަ އިސްލާހު މިއަދު ގެެޒެޓުކޮށްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ކުނި އުފައްދާ ފަރާތުން ކުނި ނެރެން ޖެހޭނީ ބައިބަޔަށް ވަކި ކޮށްގެންނެވެ. އެކަން އެގޮތަށް ނުކޮށްފި ނަމަ ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ.
އިސްލާހުގައިވާ ގޮތުން މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަން ވާނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އާއި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް، އެހެން ހުރިހާ ބާވަތެއްގެ ކުންޏާ ވަކިކޮށްފަ އެވެ.
މާލޭގައި ވެސް ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އެެހެން ބާވަތްތަކުގެ ކުންޏާ ވަކި ކުރަން ޖެހޭނެ އެވެ. ނަމަވެސް، މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކި ކުރާކަށް ނުޖެހެ އެވެ.
މި ބާވަތްތަކުގެ ކުނި ނޫން އުކާލާ ފަރުނީޗަރާއި ފްރިޖު ފަދަ އެހެން ބޮޑެތި ކުނިތައް އެހެން ކުންޏާ އެއްކޮށްގެން ނުވާނެ އެވެ.
އިސްލާހުގައިވާ ގޮތުން މިގޮތަށް މާލެ ފިޔަވައި އެހެން ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކި ކުރަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މާލޭގައި އެކަން ކުރަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.
މާލޭގެ ޕޭވްމަންޓެއް މަތީގައި ގޭބީސީތަކެއްގެ ކުނި ކޮތަޅުތަކެއް ބަހައްޓާފައި -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
އިސްލާހުގައިވާ ވަނީ އެ ގަވައިދުގެ ދަށުން ކަނޑައެޅޭ ޖޫރިމަނާތަކުގެ ޖަދުވަލުގެ ތެރެއަށް ކުނި ވަކި ނުކުރުމުން ކުރާނެ ޖޫރިމަނާތައް ވެސް ހިމަނައިފަ އެވެ.
- ގޭބީސީއަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު އޮންނަ 300ރ.ގެ ޖޫރިމަނާއެއް ދެވަނަ ފަހަރު 500ރ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ވެސް 500ރ. ގެ ޖޫރިމަނާއެއް
- ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު 500ރ.، ދެވަނަ ފަހަރު 700ރ.ގެ ތިން ވަނަ ފަހަރާއި އޭގެ އިތުރުން ވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000ރ. ގެ ޖޫރިމަނާއެއް
- ސިނާއީ ރަށެއް ނުވަތަ ރިޒޯޓަކުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަ ފަހަރު އަދަބަކީ 1000ރ.، ދެވަނަ ފަހަރު 1500ރ. އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000ރ.ގެ ޖޫރިމަނާއެއް
ކުނި ވަކިކޮށްފައި ނުވާ ނަމަ ކުނި ބަލައިނުގަތުމުގެ އިހްތިޔާރު ވެސް ކުނި މެނޭޖް ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތަށް ލިބިގެންވާ ކަމަށް ވެސް އަލަށް ގެނައި އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
19 August 2021
ކުނި މެނޭޖްކުރެވޭނީ ގޭގެއިން ފެއްޓައިގެން އެކަން ކޮށްގެން. ގޭގެއަށްވަދެ ކުނިނެގުމަކީ އެކަންކުރާ ބަޔަކަށް ވަރަށްބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމެއް. ގޭގެ ބުޑަށް ކުނިޖަމާކުރމުގެ ބަދަލުގަ، މަގުގެ ވަކި ހިސާބުތަކެއްގައި 3 ވައްތަރު ކުނި އަޅާނެ ޑަސްޓްބިން ބަހައްޓަންވީ. ކޮންމެ ގެއަކުންވެސް އެގެއަކުން ބޭރުކުރާ ކުނި އަޅަންޖެހެނީ ޑަސްޓްބިނަށް. ފަރުދީގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް އެއްވެސް ކަމެއް އިސްލާހް ނުކުރެވޭނެ.
އުނބުށޭމު
19 August 2021
އޭރުން ވެމްކޯއަށް ލާރި ނުދައްކާވާނެދޯއެވެ. މިހާރުވެސް ގޭގެއިން ނުނަގާތީ އެންމެ 150 ރުފިޔާ ވެސް މަހަކު ނުދައްކައި ތިބެގެން ކުނި ނެރެނީއެވެ. ދިވެހިންގެ ދަހިވެތިކަން ހުރިވަރު ކޮންމެ ކަމަކުންވެސް ފެނެއެވެ.
މަރީނާތު
19 August 2021
ޤައުމަށް ހެޔޮ އެދެންޏާ ތިމާވެއްޓާމެދު ވިސްނަންޏާ ރަށްރަށުގަ ކުނި މެނޭޖް ކުރެވޭ ގޮތެއް ހަދައިދީބަލަ ހެޔޮނުވާނެ. މިހާރު ކޮންމެ ކަހަލަ ކުންޏެއްވެސް ގެންގޮސް އުކަނީ މޫދަށް. މީ ތިމާވެއްޓަށް ދެވޭ ހާދަ ބޮޑު އަނިޔާއެކޭ. ކޮންމެ ދުވަހަކު ކޮންމެ ގެއަކުން ކޮތަޅެއް އެެއްލާލެވޭ އިރު އެއީ ހާދަ ބައިވަރު ޕްލާސްޓިކް އެކޭ
ގެދާނޯމޮސް
18 August 2021
ލައްވެއްޖެ ކަމެކެވެ. ފްލެޓް ތަކަށް އެހެން ގެތަކުން ކުނިޖަމާ ކުރުން ހުއްޓުވުމަށް ފްލެޓްތަކުގެ ޚާއްސަ ނަންބަރެއް ބޭގްގައި ޖަހަން ފެނެއެވެ.
އާޕި
18 August 2021
އެހެން މީހުން ހާވާ ހަޑި ސާފުކުރަން އެންމެ މޮޅު ކަމަނާ މިވަގުތު ހުރީ ފްރީކޮށެއްނޫން. މިވަގުތު ހުރީ މިނިސްޓަރުކަމުގަ.
ދެއދެއ
18 August 2021
މިސާލަކަށް ބޮޑެއްގެ ގެޔާ ޖެހުނީމަ ތިޔަ ޖޫރިމަނާއަށް ވާނެ ގޮތެއް މި ހިތަށް އަރަނީ.......
ސަރުދާރުު
18 August 2021
ސުވާލަކީ 10 ބުރީގެ އިމާރާތަކުން ކުނި ތިރިއަށް ނެރެފަ ހުންނައިރު ކިހިނެއްހޭ ކޮންބައެއްކަން ޖޫރިމަނާ ކުރަން އެންގޭނީ؟ ތި ގަވައިދު ގޯހެކޭ ނުބުނަން އެކަމަކު ވާވަރުގެ ކަންކަމާ އުޅުން ރަނގަޅުވާނެ
ޒިންމާނަގަންޖެހޭނީ
19 August 2021
އިމާރާތުގެ ވެރިފަރާތް
ބިސް
18 August 2021
މިކަމުގަވެސް ޖޫރިމަނާ؟ އިބޫ 2023 ރެޑީވޭ ގެއަށް ކަނޑާލަން...ވެރިކަމެއް ކުރާކަށް ނޭނގުނެއްނު..ރައްޔިތުން ފެލަން އަބަދާއި އަބަދު....
ސާބަހޭ ލިޔުންތެރިޔާ
18 August 2021
މުޅި ދިވެހި ޤައުމާ އަންނަން އޮތް ޖީލުތަކަށްވެސް ހެޔޮ އަސަރު ކުރާނެ ފަދަ ރަނގަޅު ކަމެއް ކުރުމުގެ ގަސްދުގައި ނިންމި ނިންމުމެއްގެ ވާހަކަވެސް ސަރުކާރުން ކުރާ ޖެއްސުމެކޭ ހީވާގޮތަށް ހަބަރު ތިޔަ ލިޔަނީ އެއީ ރައްޔިތުންނަށް ކޮށްދޭ ހިދުމަތެއްތަ އަޅެފަހެ؟
ހިތާދޫ މީހާ
17 August 2021
މިހާރު ވެސް ހިތާދޫގަ ކުނި ވަކިކޮށްފަ ހުންނަނީ. އެކަމަކު ކުނި ނައްތާލަން އެސްޓިމޭޓަށް ނަގައިގެން އުޅޭ މީހުން ވެސް އަދި ކައުންސިލުން ވެސް ދަޅު، ފުޅި، ދަގަނޑު ފަދަ ތަކެއްޗާ ހަ ވާލެއް ނު ވޭ . ގޭގާ މިތަކެތި ގިނަ ވެގެން އެހެން ގޮތެއް ނެތުނީމާ، ރައްޔިތުމީ 300ރ އަށް ޑިންގީ އެއް ކުއްޔަށް ހިފައިގެން މިތަކެތި އުކާލަނީ ކަނޑަށް. މީ އެންމެން ދަންނަ ބޮޑު ސިއްރެއް.
ހަސަނާ..
17 August 2021
މިހާރުވެސް ތިކަން ކުރޭ ބަރާބަރަށް. މިއުޅޭ ޒުވާނުން ކުނިކޮތަޅު ހާވާލައިގެން ކުނި ވަކިކޮށްދޭ ކޮންމެ ރެއަކު.