ކުޅިވަރު / އޭއެފްސީ ކަޕް

ކޮވިޑުގެ ހާލަތު އެނގޭ، އެކަމަކު ފުޓްބޯޅަ ވެސް މުހިންމު: ހާބަސް

މޯހަން ބަގާންގެ ކޯޗް އެންޓޯނިއޯ ލޯޕޭޒް ހާބަސް --- ފޮޓޯ: އައިއެސްއެލް

17 އޯގަސްޓް 2021 - 21:57

ކޮވިޑުގެ ހާލަތު އޮތްގޮތް ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި އެކަމަކު ފުޓްބޯޅަ ކުޅުންތެރިންނަށްޓަކައި ފުޓްބޯޅައިގެ މުބާރާތްތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް، އޭއެފްސީ ކަޕްގައި ވާދަކުރާ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޯޕޭޒް ހާބަސް ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގައި، މާދަމާ ހަވީރު ހާބަސްގެ މޯހަން ބަގާން ނުކުންނާނީ، އެ ޓީމުގެ ލޯކަލް ވާދަވެރިޔާ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ކުރިން މެއި މަހު ރާއްޖޭގައި ބާއްވަން ހަމަޖެއްސި ގުރޫޕް ސްޓޭޖު ކެންސަލް ކުރުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ބިޑް ކާމިޔާބު ކުރީ ރާއްޖެ އެވެ. އޭރު މުބާރާތް ކެންސަލް ކުރީ މޯހަން ބަގާންގެ ޓީމު ވެސް މާލެ އަންނަން ތައްޔާރުވެފައި ވަނިކޮށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްގައި ސްޕެއިން އަށް ނިސްބަތްވާ ކޯޗު ބުނީ، ފުޓްބޯޅަ ކުޅުންތެރިންގެ ދިރިއުޅުން ބިނާ ކުރުމަށްޓަކައި ފުޓްބޯޅަ ކުރިއަށް ގެންދާން ޖެހޭނެ ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގައި ހާބަސް ވާހަކަ ދައްކަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އާ މެޗެއްގައި ކުޅުން، އާ މުބާރާތެއްގައި ކުޅުން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް މުހިންމު ވާނެ،" ޕްރެސްގައި ހާބަސް ބުންޏެވެ. "ކުޅުންތެރިންނަށް އެނގޭނެ (ކޮވިޑްގެ) ހާލަތު އޮތްގޮތް. އަދި ކުޅުންތެރިންނަށް އެނގޭނެ ބައިނަލްއަގްވާމީ ގޮތުން އެ ކުޅުންތެރިންގެ ފެންވަރު ހާމަ ކޮށްދޭންޖެހޭނެ ކަމުގެ މުހިންމުކަން ވެސް. ހިނގާ މި މުބާރާތާއެކު ކުރިއަށްދަމާ."

ހާބަސް ވަނީ ސްޕެއިންގެ ޓޮޕް ޑިވިޝަން ޓީމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން ވެލެންސިއާ އަދި ސެލްޓަ ވީގޯގައި އޭނާ ވަނީ ވަގުތީ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެވަޓަންގެ މީހާރުގެ ކޯޗު ރަފޭލް ބެނިޓޭޒްގެ އެސިސްޓެންޓެއްގެ ގޮތުގައި ވެލެންސިއާގައި އޭނާ މަސައްކަތް ކުރި އެވެ. ދެކުނު އޭޝިއާގެ ގުރޫޕުގެ ޓީމުތަކުގެ ތެރެއިން ކޯޗިން ލެވަލްގައި އެންމެ މަތީ ފެންވަރުގައި މަސައްކަތް ކުރި ކޯޗަކީ އޭނާ އެވެ. އެކަމަކު އެއީ އެހެން ޓީމުތަކުގެ މައްޗަށް އޭނާގެ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަކަށް ހާބަސް ނުދެކެ އެވެ.

"ފުޓްބޯޅަ މެޗު ފަށާނީ ކޮންމެ ޓީމެއްގެ 11 ކުޅުންތެރިން އަދި އެއް ރެފްރީ ދަނޑުގައި ހުރެގެން. ހުރިހާ ޓީމަކަށް ވެސް އޮތީ މިގޮތް،" ހާބަސް ބުންޏެވެ. "ފުޓްބޯޅައިގައި ކުޅުންތެރިންނަށް ކޯޗު ވަރަށް މުހިންމު ވާނެ. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އެއްވެސް ޓީމަކަށް އެ ނަޒަރުން މާ ބޮޑު ތަފާތެއް އޮތް ހެނެއް."

ބެންގަލޫރުގެ ކޯޗް ޕެޒައުއޯލީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯހަން ބަގާންއާ ދެކޮޅަށް ބެންގަލޫރު އެފްސީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ރާއްޖޭގެ ދަނޑުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ބަލިނުވުން އެއީ އެ ޓީމުން ވިސްނާނެ އެންމެ މުހިންމު ކަންތަކެވެ.

ބެންގަލުރުގެ ކޯޗް މާކޯ ޕެޒައުއޯލީ ބުނީ، އޭރު އޮތް ބެންގަލޫރު ޓީމާއި މިހާރު އޮތް ޓީމާ ތަފާތު ކަމަށެވެ. ކޯޗުން ސްޓާފުން ބަދަލުވެ ޓީމަށް ގިނަ ކުޅުންތެރިންތަކެއް ވެސް އަލުން ސޮއިކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ. އެކަމަކު މެޗުގައި ފޭވަރިޓަކީ މޯހަން ބަގާން ކަމަށް ޕެޒައުއޯލީ ބުންޏެވެ.

"އޭޓީކޭ އަކީ ފޭވަރިޓް. ސަބަބަކީ ކޮންމެ އަަހަރަކު ވެސް އެ ޓީމުން ބޮޑު ހަރަދުތަކެއް ކުރޭ ޗެމްޕިއަނުނަށް ވުމަށްޓަކައި،" އޭނާ ބުންޏެވެ. "އެކަމަކު އަހަންނަށް މުހިންމީ އަހަރެމެންގެ ޓީމު މެޗުގައި ކުރާނެ ކަންތައް."

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454