އިދިކޮޅުން އައްޑޫ އާއި ގދ. އަތޮޅަށް ދަތުރުކުރި ޓީމް އެއާޕޯޓްގައި--
18 އޯގަސްޓް 2021 - 20:14
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް މެމްބަރުން އިތުރުކުރުމަށް ދެ ޓީމެއް ގދ. އަތޮޅާއި އައްޑު އަށް މިއަދު ހިނގައްޖެ އެވެ.
އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ދަތުރުގެ ބޭނުމަކީ "މަވެސް ޕީޕީއެމް" ޝިއާރުގެ ދަށުން ޕީޕީއެމަށް މެމްބަރުން އިތުރުކުރުމާއި އެ ދެ އަތޮޅުގެ ރައްޔިތުންނަށް ބައްދަލުކުރުން ކަމަށެވެ.
ފުރުމުގެ ކުރިން އެއާޕޯޓުގައި ހުންނަވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނަައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ ދެއްކި ގޮތުން އެނގެނީ އެމްޑީޕީއާ މެދު ރައްޔިތުން ދެކެމުން އައި ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ކަމަށެވެ. އެކަން ހަމައެކަނި މާލޭ ސިޓީ ކައުންސިލްގެ ނަތީޖާއިން ވެސް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ތަންތަނުން ވެސް އެ ޕާޓީ އަށް އަޣުލަބިއްޔަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ކުރާ އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ޔާމީނަށް ސަރުކާރުން އަނިޔާދެމުންދާ ކަމަށާއި އެއީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން މި ސަރުކާރުން ވެރިކަމަށް އައި ނަމަވެސް ރާއްޖޭގެ ރަށްތަކަށް ވި ވައުދުތައް ފުއްދަމުން ނުދާ ކަމަށެވެ.
"މި ސަރުކާރުން އަތޮޅު ތެރެއަށް ވި އެއްވެސް ވައުދެއް ނުފުއްދާތީ، މީގެ ކުރިން ފަސް އަހަރު، ރައީސް ޔާމީން ގެނައި ތަރައްގީއާ އަޅައި ކިޔަމުން ރައީސް ޔާމީންގެ ފިކުރަށް ވަރަށް ބޮޑަށް ބަދަލުވަމުން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވިގޮތުގައި، މީގެ ކުރިން ނެތް ތާއީދު ބޮޑެތި އާބާދީތަކުން އިދިކޮޅަށް އިތުރުވަމުން އެބަދެ އެވެ. ގދ. އާއި އައްޑޫގެ ދަތުރުގައި އިދިކޮޅަށް ތާއިދުކުރާ މީހުން އިތުރުން ވެސްް އެ ރަށްރަށުގެ އިތުރު މީހުންނަށް ބައްދަލުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އިދިކޮޅުން މިހާރު ފަށައިގެން އުޅޭ ދަތުރުގައި ގދ. އަތޮޅުގެ ދެ ދާއިރާ އަށް ޓީމުތައް ދަތުރުކުރާނެ އެވެ. މި ޓީމު ޒިޔާރާތް ކުރާނީ ގދ. ވާދު އާއި ގައްދޫ، ފިޔޯރީ އަދި ރަތަފަންދު އަށެވެ. އިދިކޮޅުގެ އަނެއް ޓީމު އައްޑޫގެ ހުރިހާ ރަށްތަކަށް ޒިޔާރާތްކޮށް އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
19 August 2021
ކައުންސިލް އިންތިޚާބުގައި އެމްޑީޕީ މީހުން ނުނިކުތީ ޔާމީން ޖަލަށްލީމަކާ އެއްނޫން. ޔާމީނާ އެއްކޮށް ދެން ވައްކަންކުރިމީހުންނާއި، މިހިގާ އެމްޑީޕީ ސަރުކާރުގަ ވައްކަންކުރުން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާތީ. ޝިޔާމަށް ތުހުންނެވީ ވަރަށްބޮޑަށް އޮޅިފަ.
ޝިރާނީ
19 August 2021
ޕީޕީއެމްގެ ތަރައްގީ ވަރައް ބަރާބަރު
ނުފުރޮއްޕާ
18 August 2021
ވެރިކަން ލިބުނީމަ ޗައިނާއިން ބިލިއަނުން ލޯނުނަގައިގެން މާސްޓަރުގެ ރަށުގަ މަޝްރޫއު ހިންގާފަ އައްޑޫގަ ހިންގީ ރާވެރިކަމުގެކޯހެއް. ދެން ވެރިކަމަށް އަރައިފިއްޔާ ފޫޅުމައިކޯހަކުން ކަންނެ ދައުރު ފުއްދާލާނީ.
ރޮދި ޕާޓީ.
18 August 2021
އަދިވެސް ޕީޕީއެމް ކުދިން އައްޑުއަތޮޅޭ ކިޔަނީ އެމީހުން އައްޑޫސިޓީ ކިޔަން ބޭނުން ނުވާތީ. މިފަދަ ބަޔަކަށް އައްޑޫސިޓީން ކޮން ތާއީދެއްތޯ ލިބޭނީ ؟ އެންމެ ކުޑަމިނުން އައްޑުއަށް ސިތީ ގެ ނަންދިނުމަށްވެސް މިމީހުން ދެކޮޅު.