ޚަބަރު / ލޯކަލް ކައުންސިލްތައް

ކައުންސިލްތަކުން ލޯނު ނަގާ އިސްލާހާ މެދު ކަންބޮޑުވުންތަކެއް

ފިނޭންސްގެ ހުއްދަ ލިބުން ލަސްވުމާއި ޓެރަރިޒަމް ފައިނޭންސިން އާއި މަނީ ލޯންޑަރިންއާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ބައެއް މެމްބަރުުން ކަންބޮޑުވޭ

އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ނެގޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ފިނޭންސް މިނިސްޓްްރީއަށް ދީފައިވާ ދައުރާ ދޭތެރޭ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެއް ކައުންސިލަކަށް ދައުލަތުން ދޭ ބަޖެޓްގައިވާ ފައިސާގެ ތެރެއިން ބޭނުންކޮށްފައި ބާކީބާ ބައި، އެހެން ކައުންސިލަތަކަށް ލޯނުގެ ގޮތުގައި ދޫކުރެެވިދާނެ އެވެ. އެކަމަކު އެގޮތަށް ދޫކުރާ ލޯނު ނެގުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް އެކަން ހުށަހަޅައި ހުއްދަ ހޯދަން ޖެހެ އެވެ.

މާލިއްޔަތު ގާނޫނަށް ހުށަހެޅި ބަދަލުތައް

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިިބިދޭ ބާރުތައް ތަންފީޒުކުރުމަށް އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ގިނަ ބަދަލުތަލެއްގެ ބިލުތައް ސަރުކާރުން ވަނީ މިހާރު މަޖިލީހަށް ހުށަހަޅައިފަ އެވެ. މާލިއްޔަތު ގާނޫނަށް ގެންނަ ބަަދަލުތަކަކީ ވެސް އެގޮތުން ގެންނަ ބަދަލުތަކެކެވެ.

ބިލުގައި އޮތް ފުރަތަމަ ބަދަލަކީ ކައުންސިލްތަކުން ލޯނު ދޫކުރުމަށާއި ލޯނު ނެގުމަށް ނިންމާ ނިންމުންތަައް ގާނޫނަށް ފެއްތުމަށް މާލިއްޔަތު ގާނޫނުގެ ތިން ވަނަ މާއްދާއަށް ގެންނަ ބަދަލެވެ. އެ ގާނޫނުގެ ތިން ވަނަ މާއްދާގައި މިހާރު އޮތީ ރައީސުލް ޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ ލޯނު ދޫކުރަން ރައީސް ހުއްދަކޮށްފައިވާ ވަކި ގިންތިއެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް ނޫން ގޮތަކަށް ލޯނުގެ ގޮތުގައި ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެ ކަމަަށެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި އޮތީ ލާމަރުކަޒީ ގާނޫނުގެ 82 ވަނަ މާއްދާއިން ބާރުލިބިގެން، ކައުންސިލްތަކުން ދޫކުރާ ލޯނުތައް ވެސް އެ މާއްދާގައިވާ އިސްތިސްނާގެ ތެރޭގައި ހިމެނުމަށެވެ. އެއާ އެކު މާލިއްޔަތު ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ހަތަރު އަކުރު އިތުރުކުރަން ބިލްގައި އެބަ އޮތެވެ. އެގޮތުން އިތުކުރަން އޮތީ ކައުންސިލްތަކުން ލޯނު ދޫކުރެވޭނެ ހާލަތާއި ލޯނު ނަގާ ކައުންސިލުން ފައިސާ ނުދައްކައިފި ނަމަ އަމަލުކުރާނެ ގޮތާއި ފިނޭންސް މިނިސްޓަރާއި މައުލޫމާތު ހިއްސާކުރާނެ އުސޫލުތަކެވެ.

އެ މާއްދާއަށް އިތުރުކުރާ ފުރަތަމަ އަކުރުގައި އޮތީ ކައުންސިލަކަށް އަހަރަކަށް ލިބޭ އާމްދަނީން ހަރަދުކަނޑައި ބާކީވާ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ ހުއްދަ ދިނުމަށެވެ. އެކަމަކު ކައުންސިލަކަށް ލޯނު ނެގޭނީ ބިލުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓަރުގެ ހުއްދަަ ހޯދައިގެންނެވެ.

މިނިސްޓްރީގެ ހުއްދަ ލަސްވުމުގެ ކަންބޮޑުވުން

މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސްގައި، ބުދަދުވަހު ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ކައުންސިލަކުން ދަރަންޏެއް ނަގަން މިނިސްޓްރީން ހުއްދަ ހޯދަން ޖެހުމުން އެކަން ވަރަށް ބޮޑަށް ލަސްވެގެން ހިނގައިދާނެ ކަމަށެވެ.

ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ވަރަށް ކުދިކުދި ކަންތައްތަކުގައި ވެސް މިނިސްޓްރީތަކުން ހުއްދަ ނުލިބި ލަސްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލަކުން ނަގާ ކޮންމެ ލޯނަކަށް ފިނޭންސްގެ ހުއްދަ ހޯދާ ގޮތަށް އޮތުމުގެ ބަދަލުގައި ވަަކި ވަރަކަށް ވުރެ ބޮޑެތި ލޯނުތަކަށް ނޫނީ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް އޮތުން ރަނގަޅު ކަމަށެވެ.

"ކިތަންމެ ކުޑަކަމަކު ވިޔަސް، މިނިސްޓަރުގެ އަރިހަށް ގޮސްގެން މިނިސްޓަރުގެ ހުއްދަ ހޯދައިގެން ނެގޭނޭ ގޮތަށް އޮންނަ އޮތުމަކީ، ގައިމުވެސް އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން، އެއީ ކަންކަން މަޑުޖެހޭނެ ކަމެއް،" އިކްރާމް ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަަރު އަބްދުލް މުޣުނީ ވެސް ވިދާޅުވީ ކޮންމެ ކަމެއްގައި މިނިސްޓަރެއްގެ ހުއްދަ ހޯދަން ޖެހުން، ވަކި ހާލަތްތަކެއްގައި ނޯންނަ ގޮތަށް ހަދަން ޖެހޭ ކަމަށެވެ. ލޯނުތައް ނަގަން ކޮންމެ ފަހަރަކު މިނިސްޓަރުގެ ހުއްދަ ހޯދަން ޖެހޭ އިރު، އެ ހުއްދަ ދިނުމަށް މިނިސްޓަރަށް ވަކި މުއްދަތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ކައުންސިލްތަކުގެ އާމްދަނީގެ ނިސްބަތުން ބަލާފައި ވަޒީރުގެ އެޕްރޫވަަަލް އެއް ނެތި ނެގޭނެ އަދަދެއް ވެސް މި އިސްލާހުތަކުގެ ތެރޭގައި ކަނޑައަޅަން ޖެހޭ،" މުޣްނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކަށް މާލީ ގޮތުން ލިބޭ މިނިވަންކަން ބޮޑުވާނީ އޭރުން ކަމަށެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީ މެެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ލޯނެއް ނަގަން ހުއްދަ ހޯދަން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ ހުއްދަ ދޭން ޖެހޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ބިލުގައި ނުބުނާ ކަމަށާއި އެގޮތަށް އޮވެއްޖެ ނަމަ، ހުއްދަ ނުލިބި ލަސްވުން އިތުރުވެދާނެ ކަމަށެވެ. އެހެންވީމާ މިނިސްޓަރު ހުއްދަ ދޭންް ވަކި ވަރަކަށް ވަގުތު ކަނޑައަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ އެ ކައުންސިލްތަކުގެ މަސައްކަތްތައް ބޭނުންވާ ސްޕީޑްގައި ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެދާނެ،" އިލްޔާސް ވިދާޅުވި އެވެ.

މަނީލޯންޑާ ކޮށްފާނެ ކަމުގެ ބިރު

ކައުންސިލްތަކުން ލޯނު ނެގުމާއި ލޯނު ދޫކުރުމުގެ ހުއްދަ ދިނުމުން، ކައުންސިލްތަކުގެ ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކުން މަނީ ލޯންޑާ ކުރަން މަސައްކަތްކޮށްފާނެ ކަމުގެ ކަންބޮޑުވުން ވެސް ބައެއް މެމްބަރުން ފާޅުކުރެއްވި އެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް ހަލީމް) ވިދާޅުވި ގޮތުގައި ބިލާ ގުޅޭ ގޮތުން އޭނާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކައުންސިލްތަކުން ލޯނު ނަަގަން ދޭ ހުއްދައިގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެކި ގޮތް ގޮތުން ޓެރަރިޒަމަށް ފައިނޭންސް ކުރުމަކީ ވެސް ދުނިޔޭގައި މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިގޮތަށް ހުޅުވޭ ދަނޑިވަޅެއްގައި، އަަޅުގަނޑުމެންނަށް ކުޑަ ރަށެއްގެ ކައުންސިލް މެދުވެރިކޮށް މިކަހަލަ ބޮނޑިއެއް ލިިބިއްޖެއްޔާ ވަރަށް ދެރަވާނެ،" ހަލީމް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ކައުންސިލްތަކަށް އެކަހަލަ ޖާގައެއް ދިނުމުން، އެ ކައުންސިލްތައް މެދުވެރިކޮށް މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަން ބޭރުގެ އެކި ފަރާތްތަކުން ބޭނުންވާނެ ކަމަށެވެ. ހުއްދަ ނޫން ގޮތްގޮތަށް ހޯދާފައި ހުންނަ ފައިސާ ގާނޫނުގެ ތެރެއަށް ފެއްތުމަށް ކައުންސިލްތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފާނެ ކަމުގެ ބިރު ވެސް އޭރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ ކޮންމެވެސް ޖަމިއްޔާއެއްގެ ނަމުގައި ވެސް ހަދާފައި ކައުންސިލަށް ދޭން ހުށަހަޅައިފާނެ. އެހެންވީމާ ކައުންސިަލަކަށް ވެސް ލޯނެއް ނެނގޭނީ ބޭންކަކުން ނުވަތަ ރިކޮގްނައިޒްޑް އިންސްޓްޓިއުޓަކުން ކަން މި ގާނޫނުގައި ބަޔާންވެފައި އޮތުމަކީ މަނީ ލޯންޑްރިންއާ އަދި ޓެރަރިޒަމް ފައިނޭންސިންއާ މިކަހަލަ ކަންތައް ކުރާ މީހުންނަށް އެ ދޮރު ބަންދުވެގެންދާނެ ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.

މާލިއްޔަތު ގޫނާނަށް ގެންނަ ބަދަލުތަކުގެ ބިލުގެ ބަހުސް ނިމުމުން އެ ބިލް ފޮނުވާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ. އެ ކޮމިޓީން ބިލް ދިރާސާކުރާ އިރު، ބެލެވޭ ގޮތުގައި ފިނޭންސް މިނިސްޓްރީއާއި ލޯކަންލ ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިތުރުން ކަބާ ބެހޭ އެހެން ފަރާތްތަކާ ވެސް މަޝްވަރާކުރާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454