ދުނިޔެ / އަފްޣާނިސްތާން

ކާބުލް އެއާޕޯޓަށް ދިއުން ރައްކާތެރިއެއް ނޫން: އެމެރިކާ

22 އޯގަސްޓް 2021 - 11:53

އަފްގާނިސްތާނުގައި މިހާރު ބާކީ ތިބި އެމެރިކާ ރައްޔިތުން، ކާބުލްގެ ވައިގެ ބަނދަރަށް ނުދިއުމަށް އެމެރިކާ ސަރުކާރުން އިންޒާރު ކޮށްފި އެވެ.

އެމެރިކާ ސަރުކާރުން އެ އިންޒާރު ނެރުނީ، އަފްގާނިސްތާނުގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ކާބުލްގެ ވައިގެ ބަނދަރަށް ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އުފެދިފައިވާތީ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުންޏެވެ. އެމެރިކާ އިން ނެރުނު އިންޒާރުގައި ބުނެފައިވަނީ، ކާބުލްގެ ވައިގެ ބަނދަރަށް ވަންނަ ދޮރޯށިތައް ކައިރީގައި އައިއެސްގެ ހަނގުރާމަވެރިން ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކާބުލްގެ ވައިގެ ބަނދަރުގައި އެމެރިކާ ސިފައިން ތިބި ނަމަވެސް، ވައިގެ ބަނދަރަށް ވަދެވޭ މައި ދޮރޯށިން ފެށިގެން ބޭރު ސަރަހައްދުގައި ތިބީ ތާލިބާންގެ ހަނގުރާމަވެރިންނެވެ. އެހެންކަމުން، ވައިގެ ބަނދަރުން ބޭރުގައި ހިނގާ އެއްވެސް ކަމެއްގެ މައްޗަށް އެމެރިކާ ސިފައިން ބާރެއް ނުފޯރުވަ އެވެ.

އެމެރިކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ، މި ދުވަސްވަރު ކާބުލްގެ ވައިގެ ބަނދަރަށް ދާނީ، އެކަމަށް އެމެރިކާ ސިފައިން އަންގާ މީހުން އެކަނި ކަމަށާއި، އެމެރިކާ ސިފައިން އަންގާ ވަގުތުތަކުގައި އެކަނި ކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން އިންޒާރެއް ނެރެފައިވާ އިރު، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު އިއްޔެ ވެސް ކާބުލްގެ ވައިގެ ބަނދަރު ސަރަހައްދަށް ޖަމާވި އެވެ. މިހާރު ވެސް ވައިގެ ބަނދަރު ތެރޭގައި ވެސް އެތައް ހާސް ބަޔަކު، އެ ގައުމުން ބޭރު ވެވޭނެ ވަގުތެއްގެ އިންތިޒާރުގައި ތިބި އިރު، ވައިގެ ބަނދަރަށް ވަންނަން އައި އެތައް ހާސް ބަޔަކު، ވައިގެ ބަނދަރު ބޭރު ދޮރޯށިތައް ކައިރިއަށް ތޮއްޖެހުމުގެ ސަބަބުން، އިއްޔެ ވެސް ފިތިބާރުވެގެން ބައެއް މީހުން މަރުވި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި، ތާލިބާނުން އަފްގާނިސްތާނު ހިފި ފަހުން މިހާތަނަށް، 17 ހާސް މީހުން އެ ގައުމުން ބޭރު ކުރެވިއްޖެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ 2،500 މީހުން ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ކުރާ އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ދަނީ، ކާބުލްގެ ވައިގެ ބަނދަރަށް ދިޔުން ރައްކާތެރި ނޫން ކަމަށް ބުނެ އިންޒާރު ދެމުންނެވެ. އެ ގޮތުން ޖަރުމަން ވިލާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވަގުތު ކާބުލްގެ ވައިގެ ބަނދަރަށް ދަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، ވައިގެ ބަނދަރަށް އެތެރެ ވުމުގެ ފުރުސަތު އެހާމެ ކުޑަ ކަމަށެވެ.

ސްވިޒަލޭންޑް ސަރުކާރުން ބުނި ގޮތުގައި ކާބުލް ވައިގެ ބަނދަރު ސަރަހައްދުގެ ސަލާމަތީ ކަންތައް ހުރި ގޮތުން، އެ ގައުމުން މީހުން ބޭރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި އާންމު ރައްޔިތުން އެ ގައުމުން ބޭރުކޮށް ނިންމުމަށް އެމެރިކާ އިން ކަނޑައަޅާފައި އޮތް ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. އެ ތާރީހަށް ފަހު އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރު ދޫކޮށް ފުރައިފި ނަމަ، އަފްގާނިސްތާނުގައި ތިބި ވިލާތުގެ ގައުމުތަކުގެ މީހުންނާއި، ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނިސްތާނުގެ އާންމުންނަށް ވެސް އެގައުމުން ބޭރު ވެވޭނެ ގޮތެއް ނޯންނާނެ އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި އޮގަސްޓް 31 ގެ ފަހުން ވެސް، ކާބުލްގެ ވައިގެ ބަނދަރު އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ބާއްވައި، މީހުން ބޭރު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރަން ފުރުސަތު ދިނުމަކީ، ވިލާތުގެ ވަރަށް ގިނަ ގައުމުތަކުގެ އެދުމެކެވެ. އެ ގޮތުން އިނގިރޭސި ވިލާތުން ވެސް މިހާރު ވަނީ، އޮގަސްޓް 31ގެ ފަހުން ވެސް ކާބުލްގެ ވައިގެ ބަނދަރު، އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އެދި ގޮވާލައިފަ އެވެ.

އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ ގިނަ އާންމުންނަކީ، އެމެރިކާ އާއި ނޭޓޯ ސިފައިން އެ ގައުމުގައި ތިބި ދުވަސްވަރު، ތަރުޖަމާނުންގެ ގޮތުގަ އާއި އެހެނިހެން ގޮތްގޮތުން، އެހީތެރިކަން ފޯރުކޮށްދިން މީހުންނާއި، އިންސާނީ ހައްގުތަކާ މެދު ހޭލުންތެރި ކުރުމާއި ނޫސްވެރިކަމުގެ ދާއިރާގަޔާއި، ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ތާލިބާނުންގެ ވެރިކަމެއް ފެށުމާ އެކު، އެމީހުންގެ ފުރާނަ އަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454