އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ރާއިދު (ވ) އާއި ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބު (ކ2) "ސަވާދީއްތަ ދަތުރު" ލޯންޗު ކުރައްވަނީ--- ފޮޓޯ:އެމްއައިޓީޑީސީ
23 އޯގަސްޓް 2021 - 13:12
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އަންނަ އަހަރު ބައިނަލްއަގުވާމީ ޔޮޓު ރެލީއެއް ބާއްވާނެކަން މޯލްޑިވްސް އިންޓަގްރެޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު އިއުލާން ކޮށްފި އެވެ.
ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ލޯންޗު ކޮށްދެއްވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ކޯ ފައުންޑާ ސަލާހު ޝިހާބެވެ. މި ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ އިސްވެރިންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
"ސަވާދީއްތަ ދަތުރު"ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މި ރެލީ އަކީ ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކާޒާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މިއީ ރައީސް އެދިވަޑައިގެންވިގޮތަށް ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކާއި ތަރިކަ، ޓޫރިޒަމްގެ ތެރެއަށް އިތުރުކޮށް ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކުގެ ސަގާފަތާއި ތަރިކަ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަވާދީއްތަ ދަތުރު" ލޯންޗިން ހަފްލާގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ވާހަކަ ދައްކަވަނީ-- ފޮޓޯ:އެމްއައިޓީޑީސީ
އޭނާ ވިދާޅުވީ މި ހަރަކާތް ކޮންމެ އަހަރަކު ވެސް ތަފާތު ތީމްތަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ ދަތުރު ހާއްސަ ކޮށްފައިވަނީ ގައުމީ ބަތަލު ބޮޑުތަކުރުފާނަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރަށް ނަން ދީފައިވަނީ ވެސް ބޮޑުތަކުރުފާނުގެ ނަމުންނެވެ.
"މި ދަތުރުގައި ދާ ރަށްތައް ނެގުމުގައި ވެސް އަޅުގަނޑުމެން ބޮޑުތަކުރުފާނުގެ ހަޔާތުގެ ބައިތައް ދައްކުވައިދޭ އާސާރުތައް ހިމެނޭ ރަށްތަކާއި މިފަދަ ދަތުރެއްގައި ފަސޭހައިން ދަތުރު ކުރެވޭ ރާސްތާއަކަށް ބަލަފާއިވާނެ. މިއީ މި ދަތުރުގައި ބައިވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކާއެކު މުޅި ދުނިޔެއަށް މި ރަށްތައް އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް،" ރާއިދު ވިދާޅުވި އެވެ.
މި ޔޮޓު ރެލީގައި ރާއްޖޭގެ 15 ރަށަކަށް ޔޮޓުތައް ދަތުރު ކުރާނެ އެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރައްތަށް ވެސް ހިމެނެ އެވެ. އެއީ ހއ. އުލިގަން ، ހއ. ހޯރަފުށި ، ހއ. މަތީރަށް، ހއ. ގައްލަންދޫ ، ހއ. އިހަވަންދޫ ، ހއ. ތަކަންދޫ، ހއ. އުތީމު، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދޫ އެވެ. މީގެ އިތުރުން ހަނިފަރު ބޭ އާއި ބިލެއްދޫ ތިލައަށް ވެސް ދަތުރުކުރާނެ އެވެ.
ރާއިދު ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން މި ހަރަކާތް ކުލަގަދަކޮށް ކުރިއަށް ގެންދިއުމުގައި އެހީވުމަށް އެދިފަ އެވެ.
އެމްއައިޓީޑީސީން ވަނީ މިއަދުގެ ރަސްމިއްޔާތުގައި "ސަވާދީއްތަ ދަތުރު"ގެ ލޯގޯ އާއި ވެބްސައިޓު އަދި ލަވަ ވެސް ތައާރަފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންވަރު
24 August 2021
ވަރަށް ސަޅި ތަފާތުކަމެއް. ޓޫރިޒަމްގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމެއް. އިންޑަސްޓްރީގެ ސަޕޯޓް ލިބޭނެބާ؟
ނޫނު ޤާފު.
23 August 2021
ކަލޭމެން މާލޭ މީހުންގެ ޙަޒާނާވީއްޔާ. ބޭނުން ގޮތަކަށް ބޭނުން މަޖަލެއްކުރަން ޙަރަދުކޮށްފަ ބަހައްޓާ.
ސިމްޕަލް
23 August 2021
ރާއްޖޭގެ ސަގާފަތަކީ ކޮބައިތޯ؟ އެސަގާފަތް އާންމުންނަށްވެސް ފެންނަ ގޮތެއް ހަދާދޭންވީނޫންތޯ؟ ހުޅުމާލޭ ސެންޓްރަލް ޕާކް ނުވަތަ މާލޭ ސަލްޓަން ޕާކްގައި ނަމަވެސް، އަބަދުވެސް ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގެ ދިރިއުޅުމާއި، މަސަައްކަތްތެރިކަމާއި ކެއުންތައް ފެންނަ ގޮތެއް ދާއިމީ ގޮތެއްގައި ވެއްޖެނަމަ މާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާ އާންމުންނަށްވެސް ރާއްޖޭގެ ސަގާފަތް ވަރަށް ފަސޭހައިން ފެންނާނެ. އެއީ އަތޮޅުގެ މީހުންނަށް ފައިސާލިބޭނެ ގޮތަކަށްވެސް ވާނެ.
ކޮރަލް
23 August 2021
ކުދި ރިޔަލު ދޯނި ހަދާ ފަ ރިސޯޓް ތަކަށް ކުޑަ އަގަކަށް ވިއްކަން ވީ އެވެ. ފައިދާ ބޮޑުވެފަ މަންޒަރު ވެސް ރީތި ވާނެ އެވ.