ޚަބަރު / ހައި ކޯޓް

ނަޝީދަށް ދިން ހަމަލާގައި ތުހުމަތުކުރެވޭ އިސްހާގުގެ ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ މ. ކުދެހިގެ، އިސްހާގު --

23 އޯގަސްޓް 2021 - 15:21

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިސް މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ އިސްހާގު ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ނަޝީދަށް ހަމަލާ ދިނީ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ހިސާބުގައި އައިއީޑީއެއް ހަރުކޮށްފައި ހުރި ސައިކަލެއް ބަހައްޓައި، އެ މަނިކުފާނު ނުކުމެވަޑައިގަތް ވަގުތު އައިއީޑީ ގޮއްވާލައިގެންނެވެ. ހަމަލާ ދިން މީހާ އާއި ރޭވި މީހުން އަދި އެހީތެރިވި މީހުން ވެސް ހައްޔަރުކޮށްފައި ވާއިރު އިސްހާގަކީ އޭގެ ތެރެއިން އިސް މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިހާރު ވެސް ބަންދުކޮށްފައި ހުރި އިސްހާގުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އޭނާ ދެވަނަ ފަހަރަކަށް ހައްޔަރުކޮށް އޭނާ ހަތް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެކެވެ.

އިސްހާގުގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އެ މައްސަލަ ބަލައި ހައި ކޯޓުން ކުރި ހުކުމް އާންމެއް ނުކުރެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އިއްޔެ ހައި ކޯޓުން ވަނީ އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ.

އޭނާ ކުރި ކަމަށް ބުނާ ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށެއްކަން ފާހަގަކޮށް، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވީ، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.

ބޮމުގެ ހަމަލާއާ ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ. ދެން އެންމެ އިސް މީހުންގެ ގޮތުގައި ފާހަގަކުރީ އިސްހާގާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އެވެ.

އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށާއި އޭނާ އަކީ އެ ސެލްގެ އިސް މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހައިޝަމް އަކީ ސައިކަލުގައި އައިއީޑީ ހަރުކުރުމުގައި އުޅުނު އެކަކު ކަމަށް ވެސް ފުލުހުން ބުންޏެވެ. ތަސްލީމަކީ ބޮން ގޮއްވި މީހުން ހިމެނޭ ސެލް އޮޕަރޭޓްކޮށް، ނަޝީދަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށާއި އެ މަނިކުފާނަށް މަރު ހައްގު ކަމަށް ވިސްނައިދިން މީހާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހައިޝަމް ހިމެނޭހެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެ އެވެ. އެއީ އޭނާގެ އިތުރުން ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ.

އިސްހާގާއި ތަސްލީމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ މައްޗަށް ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއަށް ދައުވާ ނުކުރަން ނިންމުމުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454