ދުނިޔެ / ކާބުލް

ކާބުލްގެ ވައިގެ ބަނދަރަށް މީހުން ތޮއްޖެހުން އިތުރުވަނީ

24 އޯގަސްޓް 2021 - 11:49

ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އާންމު ރައްޔިތުން، ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވާން ފަށައިފި އެވެ.

ކާބުލް ވައިގެ ބަނދަރު މިހާރު އޮތީ އެމެރިކާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އާންމު ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިއުމަށްޓަކައި، އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރު ހިފީ، އޮގަސްޓް 15 ވަނަ ދުވަހު، ތާލިބާނުން ވެރިރަށް ކާބުލް ވަށައިލުމުން، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމުންނެވެ.

އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ކާބުލްގެ ވައިގެ ބަނދަރު ހިފައި، އެމެރިކާ ރައްޔިތުންނާއި، އެމެރިކާ ސިފައިންނަށް އެހީތެރިވުމުގައި އުޅުނު އަފްގާނު ރައްޔިތުން، އެ ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް، އެމެރިކާ ސިފައިން ފެށުމާ އެކު، އެތައް ސަތޭކަ ބަޔަކު، ވައިގެ ބަނދަރަށް ޖަމާވާން ފެށި އެވެ. ފުރަތަމަ ހައެއްކަ ދުވަސް ފާއިތުވެގެން ދިޔައިރު، އެވްރެޖްކޮށް ދުވާލަކު ޖަމާވަމުން ދިޔައީ 300-500 މީހުންނެވެ.

ނަމަވެސް އެ އަދަދު މިހާރު ވަނީ ހާހުން މަތިވެފައި ކަމަށް، އެމެރިކާގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ. ކާބުލް ވައިގެ ބަނދަރުގެ ބޭރު ދޮރޯށީގެ ވަށައިގެން އޮތް ސަރަހައްދުގައި މިހާރުވެސް އެތައް ހާސް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ވެސް، ވައިގެ ބަނދަރުގެ އެތެރެއަށް ވަދެވޭނެ ވަގުތެއްގެ އިންތިޒާރުގައި އެބަތިއްބެވެ.

ވައިގެ ބަނދަރުގެ މައި ދޮރޯށި ދޮށަށް ޖަމާވި އެތައް ހާސް ބަޔަކު، ދޮރޯށިން އެތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ފިތި ބާރުވުމުގެ ސަބަބުން، މިދިޔަ ތިން ދުވަހުގެ ތެރޭގައި މަދުވެގެން 20 މީހުން ވަނީ މަރުވެފަ އެވެ.

ވައިގެ ބަނދަރުގެ އިމުގެ ތެރޭގައި އެމެރިކާ ސިފައިން ތިބި އިރު، ވައިގެ ބަނދަރުގެ ބޭރު ސަރަހައްދު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. ވައިގެ ބަނދަރުގެ އުތުރު ދޮރޯއްޓަށް ދެވެން އޮންނަ މަގު މިހާރު އޮތީ ދެ ބަޔަކަށް ބަހާލައިފަ އެވެ. މަގުގެ، ވައިގެ ބަނދަރާ އެންމެ ދުރު ހިސާބުގައި ތިބީ ތާލިބާންގެ ހަނގުރާމަވެރިންނެވެ. ވައިގެ ބަނދަރާ ކައިރި ސަރަހައްދުގައި ތިބީ، އަފްގާނިސްތާނު ސިފައިންގެ ތެރެއިން ވަޒީފާ ދޫކޮށްލާފައި ނުގޮސް ތިބި މަދު ބައެކެވެ. އޭގެ އިތުރުން އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން ވެސް އެހިސާބުގައި އެބަތިއްބެވެ.

ވައިގެ ބަނދަރަށް ދެވެން އޮންނަ މައި މަގު މިހާރު އޮތީ އެއްގަމު އުޅަނދުތަކުން ތޮއްޖެހިފަ އެވެ. އެއީ އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ މީހުން ވައިގެ ބަނދަރަށް ދަތުރުކުރާ އަދި ދަތުރުކުރި އުޅަނދުތަކެވެ. ކާބުލް ވައިގެ ބަނދަރަށް ދިޔަ ބައެއް މީހުންނަށް ތާލިބާންގެ ހަނގުރާމަވެރިން ހުރަސްއެޅި ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި ވައިގެ ބަނދަރާ ކައިރިއަށް ޖަމާވަމުންދާ މީހުން ދުރަށް ޖެއްސުމަށް ވައިގެ ތެރެއަށް ބަޑިޖަހާ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454