ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު "މިހާރު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. ފިނޭންސުން މިއަދު ނެރުނު ރިޕޯޓްގައިވާ ގޮތުން ދައުލަަތުގެ ދަރަނި މިހާރު ވަނީ 67 ބިލިޔަން ރުފިޔާއަށް އަރާފައި. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
24 އޯގަސްޓް 2021 - 13:39
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 67 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއަހަރު ނިމޭ އިރު ދަރަނި 79 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އޮތް 67 ބިލިޔަން ރުފިޔާގެ ދަަރަންޏާ އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަަރަކީ 115 ޕަސެންޓެވެ. އަދި މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު 79 ބިލިޔަން ރުފިޔާއަށް އަރާ އިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 ޕަސެންޓެވެ. އޭގެ ތެރެއިިން ބޭރުގެ ދަރަނީގެ މިންވަރަކީ 38 ބިލިޔަން ރުފިޔާ އެވެ. އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ.
ފިނޭންސްގެ ރިޕޯޓްގައިވާ ގޮތުން، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިހާ މައްޗަށް ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ވަރަށްް ބޮޑުތަނުން ދަށްވުމާއި އެކު ގައުމީ އުފެއްދުންތެރިކަން ދަށްވުމުންނެވެ.
މިދިޔަ ފަސް އަހަރުގެ ހިސާބުތަކާ އަޅާ ބަލާއިރު ދައުލަތުގެ ދަރަންޏަށް 23 ބިލިޔަން ރުފިޔާ މިހާރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަންޏަކީ 44 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 17 ބިލިޔަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އަނެއް 27 ބިލިޔަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ.
ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަަނަ އަަހަރާ އަޅައި ބަލާއިރު މިދިޔަ އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވެފައި ވަނީ 13 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 25 ބިލިޔަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 42 ބިލިޔަން ރުފިޔާ އެވެ.
ދައުލަތުގެ ދަރަނި 2017 ވަނަ އަހަރު އޮތް ވަރަށް ވުރެ ، މިއަހަރު ނިމޭ އިރު އިތުރުވާނީ މިހާރު ލަފާކުރެވޭ ގޮތުގައި 35 ބިލިޔަން ރުފިޔާ އެވެ.
މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި މިހާ ބޮޑަށް އިތުރުވާނެކަމަށް ލަފާކުރެވޭ އިރު ގައުމީ އުފެއްދުންތެރިކަމަށް ވެސް 15 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ.
ފިނޭންސުން އާއްމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުގެ ދަަރަނީގެ ތެރެއިން ، ބޭރު ގައުމުތަކާއި ކުންފުނިތަކަށް ދައްކަން އޮތް ފައިސާގެ ބޮޑު ބަޔަކީ ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއަށް ދައްކަން އޮތް ފައިސާ އެވެ. އެއީ ބޭރުން ނަގާފައިވާ ދަރަނީގެ 38 ޕަސެންޓެވެ.
ބޭރު ދަރަނީގެ ތެރެއިން 38 ޕަސެންޓަކީ ބަޔާސް ކްރެޑިޓް (ދަރަންޏަށް ނަގާފައިވާ މުދަލަށް ދައްކަން ޖެހޭ އަގު) އެވެ. ދަރަނީގެ ބައިތަކުގެ ތެރެއިން ދެވަނަައަށް އެންމެ ބޮޑު ބަޔަކީ މަލްޓިލެޓްރަލް ފަރާތްތަކުން ދީފައިވާ ދަރަންޏެވެ. އެއީ ބޭރު ދަރަނީގެ 25 ޕަސެންޓެވެ. އަދި ބައިލެޓްރަލް ފަރާތްތަކަށް ނިސްބަތްވާ ދަރަނީގެ މިންވަރަކީ 21 ޕަސެންޓެވެ.
ބޭރުގެ ދަރަނީގެ ތެރެއިން، އިންޓަރެސްޓްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކޮމާޝަަލް ލޯނުތަކުގެ ނިސްބަތަކީ 15 ޕަސެންޓް ކަމަށް ވެސް ފިނޭންސްގެ ރިޕޯޓުން އެނގެ އެވެ.
ދަރަނީގެ ކަންތައްތައް ހަމަޖެއްސުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސްޓްރެޓެޖީ ވެސް އެ ރިޕޯޓްގައި ހާމަކޮށްފައި ވެ އެވެ. އެ ސްޓްރެޓެޖީގައިވާ ގޮތުން ސަރުކާރުގެ އެއް އަމާޒަކީ ބޭރު ފައިސާއިން ނަގާފައިވާ ދަރަނީގެ މިިންވަރު، ޖުމްލަ ދަަރަންޏާ އަޅައި ބަލާއިރު 70 ޕަސެންޓަށް ވުރެ އިތުުރުނުކުރުމެވެ. އެހެން އަމާޒުތަކުގެ ތެރޭގައި އެވްރެޖް އިންޓަރެސްޓް ރޭޓް ތިން ޕަސެންޓަށް ދަށްކުރުމާއި ދަރަނި އަދާކުރަން ފަށަން ޖެހޭ މުއްދަތަށް އަށް އަހަރު ދުވަސް އިތުރުކުރުން އަދި އަހަރެއްގެ ތެރޭގައި ދައްކަން ޖެހޭ ދަަރަނީގެ މިންްވަރު ޖީޑީޕީގެ ނިސްބަތުން 30 ޕަސެންޓްގައި ހިިފެހެއްޓުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކެހި
24 August 2021
ދެން މީވާ އަރަތެއްނޫން ދައުލަތައް ސާފުފައިދާ ލިބޭ އިރުގާ މިހާބޮޑު ދަރަނިއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ތިޔަ ދަރަނި އޮތްއިރުގާ ބޭކާރުހަރަދު ވާއެއްނުވާއެއް ނޭގެ ދައުލަތުން ބޮޑެތިހަރަދު ކުރުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުރިޖުނޭޅިގެން ދޯ މިއުޅެނީ
ޝާޖަން
24 August 2021
2018 ގެ ވާހަކަ ހިމަނާފައި ނެތުމުން، އެ އަހަރު ގެ ޢަދަދު ހިމަނާފައި ނެތީމާ ފުރިހަމަ ނުވެއެވެ
1828
24 August 2021
ދަރަނި ދައްކުރުމުގެ ޤާބިލްކަން ނެތްކަމަށްވަނީ ނަމަ އަވަހަށް ދިވެހި ރައްޔިތުންގެ ހައްޤުގައި އިސްތިއުފާ ދެއްވާ.
އެމެރިކަ
24 August 2021
މުޅި ރައްޖެ ފުނޑާލާފަ ބޮޑު ދަރައްޏެ ދިވެހިންގެ ބޮލުގަ އަޅުވާފަ އިންޑިޔާގެ ނުފޫޒުގަ ރައްޖެ ޖައްސާފި
ޝަފީރު
24 August 2021
ފިނޭންސްގެ ރިޕޯޓްގައިވާ ގޮތުން، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިހާ މައްޗަށް ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ވަރަށްް ބޮޑުތަނުން ދަށްވުމާއި އެކު ގައުމީ އުފެއްދުންތެރިކަން ދަށްވުމުންނެވެ.*** ކޮންތާކު ބޮޑު ބުހުތާނެއްމީނީ. އަމިއްލައެދުން ބޮޑުކަމުން ލިބޭ އާމްދަނީ މެނޭޖު ކުރަން ނޭނގިގެން ޤައުމުގެ ނަމުގައި ދަރަންޏަށް ނަގައިގެންް ޢެފައިސާއިން ބަނޑު ފުރާލަނީ. އެހެންބަޔަކު އައިސް ދަރަނި ދައްކާއެއްނު.
ސުޖާ
24 August 2021
އިސްތުފާ
ޑޮލަރ
24 August 2021
މިހާލަތުގައި ގައުމު އޮއްވާ 500 މިލިޔަންގެ ދަރަނިން ބްރިޖެއް އަޅަން އަންނަ ހަފްތާގައި ސޮއި ކުރޭ އެބަ.
1828
24 August 2021
ދިވެހި ސަރުކާރަށް ޝުކުރު ހައްޤެއް ނުވޭ ތޯ؟
އަހުމަދު
24 August 2021
އަހާލަން ބޭނުންވަނީ ދައުލަތުގެ ވެރިންނާ މަޖިލީސް މެންބަރުންނަށް ޚަރަދު ކުރަނީބކިހާވަރެއްތޯ.
ފޮނިފޮނިޓައްޕު ކުމާރު
24 August 2021
އަވަހަށް މާމަގެ ފައްތަރުބައި ވިއްކާލާ.
ބޮޑުވަޒީރު
24 August 2021
އަވަހަށް ބަރުލަމާނީ އަށް ބަދަލުކުރުމުގެ ފެންނެ/ ނުފެންނަ ވޯޑަށް އަނެއް ބިލައަށް އަވަހަށް ހަރަދު ކޮއްލާ - އިތުރު ލޯނު ނަގާ ހަރަދު ކުރަންޖެހޭނީ ރައްޔިތުންގެ ރަޢުޔު ލިބިގެން!!