ކުޅިވަރު / އޭއެފްސީ ކަޕް

ދެކުނު އޭޝިއާގެ އެއްވަނަ ހޯދައި މޯހަން ބަގާން އިންޓަ ޒޯން ޕްލޭއޮފް ސެމީ އަށް

މޯހަން ބަގާން އަށް ނަތީޖާ ހަމަހަމ ކޮށްދިން ވިލިއަމްސް އުފާފާޅު ކުރަނީ ފޮޓޯ: ނިޝާން އަލީ | މިހާރު

ބަންގަލަދޭޝްގެ ބަށުންދަރާ ކިންގްސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، އޭއެފްސީ ކަޕުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ދަތުރު ކޮށްފި އެވެ.

ދެކުނު އޭޝިއާގެ ޒޯނުން އަނެއް ބުރަށް ނުވަތަ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރު ކުރާނީ ގުރޫޕްގެ އެއް ވަނަ ޓީމު އެކަންޏެވެ. މެޗަށް ނުކުތް އިރުވެސް ދެ ޕޮއިންޓްގެ ލީޑަކާއެކު މޯހަން ބަގާން އޮތީ އެއް ވަނައިގަ އެވެ. ބަށުންދަރާ އަށް އަނެއް ބުރަށް ދެވެން އޮތީ މެޗުން މޮޅު ވެގެންނެވެ.

ބަށުންދަރާ ކިންގްސްއިން ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ކަނާ ދިމާލުން އަރައި ރޮބްސަން އަޒެވޭޑޯ ޑަސިލްވާ (ރޮބީނިއޯ) ބޯޅަ ދިނީ އޭނާގެ ކައިރީގައި ހުރި ރައުލް ފެނާންޑޭޒް އަށެވެ. އޭރިއާގެ ތެރޭގައި ހުރެފައި ފެނާންޑޭޒް މަސައްކަތް ކުރީ މޯހަން ބަގާންގެ ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށެވެ. ނަމަވެސް ބޯޅަ ހިފައިގެން ވަންނާނެ ޖާގަ ނުލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ވެސް ލަނޑު ޖާހާނެ ފުރުސަތެއް ބަށުންދަރާ އަށް ލިބުނެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ބަގާންގެ އޭރިއާ ތެރެއަށް ނަގައިދިނުމުން ފުރުތަމަ ބޮލުން ޖެހީ ބަށުންދާރާގެ ކެޕްޓަން ޓޯޕޫ ބާމަން އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ބްލޮކްވުމުން ރީބައުންސްވި ބޯޅަ ލިބުނީ ރޮބީނިއޯ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލް ހުރަސްކޮށް ދިއުމުން ވެސް ދެން ވެސް ލިބުނީ ބަށުންދަރާގެ ކުޅުންތެރިންނަށެވެ. އެ ޓީމުން ބޯޅަ ކޮންޓްރޯލް ހޯދައި ހުރަސް ނެގި ނަމަވެސް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

މެޗު ފަށައިގެން އެޓޭކުގައި ޑޮމިނޭޓް ކުރަމުން ދިޔައީ ބަށުންދާރާގެ ޓީމެވެ. ބަގާންއިން ފަހުން އެޓޭކުގައި ޑޮމިނޭޓްކޮށް ހުސް ދެ ފުރުސަތެއް ތަނަވަސް ކުރި އެވެ.

މެޗުގެ 18 ވަނަ މިނެޓްގައި އޭރިއާގެ އަރިމަތިން ރޯއީ ކްރިޝްނާ ބަށުންދަރާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ ބޯޅަ ދިނީ ޑޭވިޑް ވިލިއަމްސް އަށެވެ. ވިލިއަމްސް އަށް ލިބުނު ބޯޅަ ހުއްޓުވަން ބަށުންދަރާގެ ކީޕަރު އަނީސުއް ރަހްމާން ވެސް ވިލިއަމްސް ކައިރީގައި ވިއްދި އެވެ. ވިލިއަން ބޯޅަފަހަތަށް ޕުޝްކޮށްލީ ލިސްޓަން ކޮލާކޯ އަށެވެ. ލިސްޓަން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ބަށުންދަރާގެ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ ފަހުން ލިސްޓަން ނަގައިދިން ހުރަހަކުން ރޯއީ ކްރިޝްނާ ބައިސްކަލް ކިކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.

ފުރަތަމަ ހާފު ނިންމާލަން ބަށުންދަރާ އަށް ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ޝުޝާންޓޯ ޓުރިޕޫރާ، މޯހަން ބަގާންގެ ޝުބަޝިޝް ބޯސް އަށް ކުރި ޗެލެންޖުގައި ރެފްރީ ވަނީ ޝުޝާންޓޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ކުރިން އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ބަށުންދަރާ އށް ޖެހުނީ ޑިފެންސިވް ގޭމަކަށް ބަދަލު ކުރާށެވެ. އެހެން ނަމަވެސް ދެ ވަނަ ހާފު ފަށައިގެން އެންމެ ފުރަތަމަ ދެ ހަމަލާ އުފެއްދީ ވެސް އެ ޓީމުންނެވެ. ނަމަވެސް ފަހުން ފަހަތަށް ޖެހި ޑިފެންސިވް ކުރަން ޖެހުނެވެ. މޯހަން ބަގާން އިން ނަތީޖާ ހަމަހަމ ކުރީ ވެސް ބަށުންދަރާއިން މާބޮޑަށް ފަހަތަށް ޖެހުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މޯހަން ބަގާން އިން ނަތީޖާ ހަމަހަމ ކުރީ މެޗުގެ 61 ވަނަ މިނެޓްގައި އޭރިއާގެ އަރިމަތިން އަރައި ލިސްޓަން ވަރަށް ބަލާފައި ވިލިއަމްސް އަށް ނަގައިދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގައި މޯހަން ބަގާން ވާދަ ކުރާނީ، ސެންޓްރަލް އޭޝިއާ ޒޯނަލް ފައިނަލް ކާމިޔާބު ކުރާ ޓީމަކާ ދެކޮޅަށެވެ. ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި މިިރޭ މާޒިޔާ އާއި ބެންގަލޫރު ވާދަ ކުރާނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

24 August 2021

ނިއުރޭޑިޔަންޓާ ޖެހުނި ނަމަ ތި ބާގާ ކާލިސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454