އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރައްވަނީ. --ފޮޓޯ: އަލްޖަޒީރާ
26 އޯގަސްޓް 2021 - 12:11
ބާލިން (އޮގަސްޓް 26) - އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ސައިދު އަހުމަދު ސާދާތު ޖަރުމަނުގައި ޕިއްޒާ ޑެލިވަރީ ކުރައްވަން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.
އަފްޣާނިސްތާނުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސާދާތު ޖަރުމަނަށް ވަޑައިގެންނެވީ 2020 ގަ އެވެ. ސާދާތު ވަނީ ކޮމިއުނިކޭޝަން އާއި އިލެކްޓްރޯނިކް އިންޖިނިއަރިން އިން ދެ މާސްޓާސް ޑިގްރީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ހާސިލް ކުރައްވައިފަ އެވެ.
އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރާ ސާދާތު ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ސަރުކާރާ ޚިޔާލު ތަފާތުވެ އިސްތިއުފާ ދެއްވީ 2020 ގަ އެވެ. އެ އަހަރުގެ ޑިސެމްބަރު މަހު ޖަރުމަނަށް ވަޑައިގެން އޭނާ ދިރިއުޅުއްވަނީ ލައިޕްޒިގްގަ އެވެ.
وزير الاتصالات والتكنولوجيا الأفغاني السابق سيد أحمد سادات يلجأ لمهنة توصيل طلبات الطعام على متن دراجة هوائية في مدينة لايبزيغ الألمانية التي وصلها نهاية عام 2020، بعد تخليه عن منصبه pic.twitter.com/zfFERbqCmD
— قناة الجزيرة (@AJArabic) August 24, 2021
ޖަރުމަނުގައި ސާދާތު ޕިއްޒާ ޑެލިވަރީ ކުރައްވާ ފޮޓޯތައް އަލްޖަޒީރާ އަރަބިއާ އިން ޓްވީޓް ކުރުމާ ގުޅިގެން ސްކައި ނިއުސް އިން ސާދާތާ ގުޅުމުން ވަނީ އެއީ އޭނާކަން ޔަގީންކޮށްދެއްވައިފަ އެވެ. ސްކައި ނިއުސް އިން ބުނި ގޮތުގައި ޖަރުމަނުގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ސާދާތު ފެށީ އޭނާގެ އަތުން ފައިސާ ހުސްވުމުން ކަމަށެވެ.
އެއް ޒަމާނެއްގައި ސެކިއުރިޓީއާ އެކު އުޅުއްވި ބޭފުޅަކު މިހާރު އެ އުޅުއްވަނީ ޕިއްޒާ ޑެލިވަރީގަ އެވެ.
ސާދާތު އަފްޣާނިސްތާނުގައި ވަޒީރުކަން ކުރެއްވި ދުވަސްވަރު.
ކޮމިއުނިކޭޝަން ދާއިރާގައި 13 ގައުމެއްގެ 20 އަށް ވުރެ ގިނަ ކުންފުނީގައި ސާދާތު ވަނީ 23 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައުދީގެ އަރާމްކޯ އަދި ސައުދީ ޓެލެކޮމް ކޮމްޕެނީ ހިމެނެ އެވެ.
އަފްޣާނިސްތާނުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އެޑްވައިޒަރުކަން ސާދާތު ވަނީ 2005 އިން 2013 އަށް ކުރައްވައިފަ އެވެ. ލަންޑަންގެ އަރިއާނާ ޓެލެކޮމްގެ ސީއީއޯކަން އޭނާ ވަނީ 2016 އިން 2017 އަށް ކުރައްވައިފަ އެވެ.
އަފްޣާނިސްތާނުގެ ވެރިކަން މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަހުޔާ.
28 August 2021
ތިކަމުން ދޭހަވަނީ ވަޒީރުގެ ތެދުވެރިކަމާއި ވަފާތެރިކަން. މި ގައުމުގާ ވަޒީރުކަން ކޮށްފިމީހަކު އުދުހޭނީ ޖައްވުގަ.
ޅަބޭ
26 August 2021
ތީ ކެރީގޭ ނަޝީދުގެވެސް މުސްތަގުބަލް އޮންނާނެ ގޮތް. ބަލަން ތިބޭ!
ހާރޫނު
28 August 2021
ޅަބެމެން ދެކޭ ގޮތުގައި ސަރުކާރުގެ ވަޒީފާޔަކީ އެ ލިބޭ މީހެއްގެ މިލްކެއް. ތިމާގެ އާއިލާޔާ ތިމާ އަމިއްލަޔަށް ކާންބޯން އެވަގު ތަކު ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ފަސްޖެހެން ޖެހޭ ސަބަބެއްނެތް.
ޢެޑްމުންޑޯ
26 August 2021
ކުރީގެ ބައެއް އެމްޕީން ކޭކުވިއްކާ ޑެލިވެރީގައި އެބައުޅުއްވާ މާލޭ އަދި ހުޅުމާލޭގައި
ސާދާތު
26 August 2021
މިގައުމުގެ މީހުން ލަދުގަންނާނެ ތިޔަ ޒާތުގެ އެއްވެސް ކަމެއް ކުރަން. މިގައުމުގައި ނަމަ ޑައުންވީމަ މަސައްކަތެއް ނުކުރާނެ. އެކި މީހުން އަތުން ފަހުން ދޭނަމޭ ކިޔައި ފައިސާ ހޯދަމުން ހިނގާނީ. ސަލާންޖަހަން އެއްވެސް ވަރަކަށް ލަދުނުގަންނާނެ. މާލޭގަ ޑެލިވަރީއެއްގަ މަދުވާނެ ދިވެއްސަކާ ދިމާވާ ފަހަރު.
ކަދީދައްތަގެ މުނީރާ
26 August 2021
އަހަރެމެންގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރުވެސް މިގެއަށް ޕއްޒާއެއް ޑެލިވަރކޮށްދީފާނެތޯ މިހާރު ހާދަ އެބަ ވިނެއޭ މިޚަބަރު ފެނުނީމާ.
ހެހެހެހެ
26 August 2021
ސަޅި. ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ކައިބޮއެ އުޅުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން. ވަރައް ބަރާބަރު.