ވިލިމާލެ ބްރިޖު މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 އޯގަސްޓް 2021 - 14:55
ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ބްރިޖުގެ މަޝްރޫއު ހަވާލުކުރުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ނިމުނު އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ އިގްތިސާދު ހުރީ ފަސް ބިލިއަން ޑޮލަރުގައި ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދާ ތަރައްގީގެ އެކި މަޝްރޫއުތަކާ އެކު މަދު އަހަރުތަކެއްގެ ތެރޭގައި އެ އަދަދު ދެގުނަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމުންނާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުންނާއި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން އަޕްގްރޭޑް ކުރުމުންނާއި މިއަދު މި ފަށާ ބްރިޖް ޕްރޮޖެކްޓުންނާއި މިހާރު ޕްލޭންކޮށްފައިވާ ރިޒޯޓު ތަރައްގީގެ މަސައްކަތްތައް ނިމުމުން އަޅުގަނޑުމެން ބަލަނީ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އިގްތިސާދު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވި ނަމަވެސް މިހާރު ވެސް އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިދުވަސްވަރު ފަންޑުކޮށްގެން ހިންގާ ޕްރޮޖެކްޓުތައް މަޑު ޖައްސާލުމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ޕްރޮޖެކްޓުތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ފަންޑު ކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއުތައް މި ދުވަސްކޮޅު ހިންގަނީ އެ ފަންޑަކީ ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލިބޭ ފަންޑަކަށްވާތީ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ގެއްލުވާލުމަކީ ފަހުން ދެރަވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތަކަކީ ކުރިއަށް އޮތްތާނގައި އިގްތިސާދަށް ރަނގަޅު ޕްރޮޖެކްޓުތަކެއް. މީގެ ސަބަބުން ދަރަނި އިތުރުވިޔަސް ދެއްކޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. މި ފަންޑަކީ ކުޑަ އިންޓްރެސްޓެއްގައި ލިބޭ ދައްކަން ދިގު މުއްދަތެއް ލިބޭ ފަންޑުތަކެއް،" އަމީރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިންއޮފް ކްރެޑީޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކެކެވެ. މިއީ 1.5 ޕަސެންޓު އިންޓްރެސްޓު ރޭޓާއި ފަސް އަހަރުގެ ގްރޭސް ޕީރިއެޑަކާއެކު ދައްކަން ދޭ ލޯނެކެވެ. މި ލޯނު ދައްކަން 15 އަހަރުގެ މުއްދަތު ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 August 2021
ކުރިއަށްއޮތް ދިހައެއް ނުވަތަ 20 އަހަރުތެރޭ ރައްޔިތުންގެ ފަޤީރުކަން އިތުރުވެ ދިވެހިންގެ މައްޗަށް ބިދޭސިން (އިމިޤްރޭޝަން ޤާނޫނާއި ޙިލާފު ބިދޭސިންވެސް ހިމެނޭގޮތުން) ގެ ނުފޫޒު އޮންނާނެވަރާއި، އިޖުތިމާއީ އަދާލަތު ނެތުމުގެސަބަބުން ނިކުންނާނެ ނޭދެވޭއަސަރުތަކާއި ހާލީ ހާލަތުގޯސްވެ އާއިލާތަށް ބިކަވެ ރޫޅިގެންދާ އާއިލާތަކުގެ ކުޑަކުދިން މުޖުރިމުންގެ ގޮތުގައި ބޮޑުވާތަނާއި، ގައިންގަޔަށް އަރާފަދަ ބަލިމަޑުކަން އޮންނާނެމިންވަރުވެސް އަންދާޒާ ކޮށްލައްވަންވީ ނޫންތޯ؟
އަތްޖަހާ
26 August 2021
މޮޔަވެދާނެ. ތި ޕްރޮޖެކްޓްގެ މަސައްކަތް ކުރާނީ އިންޑިއާ މީހުން، ބޭނުންވާ އެއްޗެހި ގެންނާނީ އިންޑިއާއިން. ދެން ރާއްޖޭގެ އިގްތިސާދު ތެރޭ ތިފައިސާ ދައުރުނުވެ އިގްތިސާދު ކުރިއަރަނީ ކިހިނެއް. ދުނިޔޭގެ އެހެން ތަންތާ މިކަހަލަ ޕްރޮޖެކްޓް ހިންގާއިރު ބޭނުންކުރާނީ އެގައުމެއްގެ މަސައްކަތު މީހުން، އެއްޗެހި ގަންނާނީ އެގައުމަކުން.
އިގްތިސާދު
26 August 2021
ތިޔަ އޮފީސްތަކުގެ އިގްތިސާދު ތޯ؟
ބޮކިފުރާޅު ޢީސާ
26 August 2021
ކަލޭމެން ލައިގެން 30 މިކަން ވާނެކަމަކަށް ނުފެނޭ. އެހެނެއްނޫން އެހެންބަޔަކު 10 އަހަރުތެރޭގާ ފަހަރެއްގާ ކޮށްފާނެ.
ކޮރަލް
26 August 2021
މާދަމާ ވެސް ވެރިކަ ން ނިމޭ އިރަށް މަގާމް ގެއްލި ގިނަ ބަޔަކު ރާއްޖެ އިން ބޭރަށް ފައިސާ ކޮޅު ހިފައިގެން ދާނެ އެވެ. ރާއްޖޭގެ މިހާރު ހުރި ބޭރުގެ ދަރަނި އަދި ބްރިޖް ނިމުމުން ދަރި ދައްކަން ޖެހޭ ޖުމްލަ އަދަދު ހާމަ ކޮށް ލަބަލާށެވެ. ހަމަ އެކަނި އަހަރަކު ލިބޭ ވަރު ހާމަ ކުރިއަށް ހަގީގަތް ހާމަ އެއް ނުވާނެ އެވެ.