ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީގެ މެމްބަރުން. ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 އޯގަސްޓް 2021 - 18:48
މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލާގައި އެ ތިން ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ އޯޑިއޯއެއް ލީކުވެފައި ވާއިރު ދެން ތިއްބެވި ގާޒީންގެ ތެރެއިން އަލީ އާދަމް އަދި ގާޒީ މުހައްމަދު ސަމީރު ކަމަށް ބުނާ ދެ މީހެއްގެ އޯޑިއޯ ވެސް ލީކުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ތިން ފަނޑިޔާރުން މިއަދު ޖޭއެސްސީއަށް ހާޒިރުކޮށް އެ ކޮމިޝަންގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށ ސުވާލުކުރި އެވެ.
ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލު ވެސް އެ ކޮމިޝަނަށް ހާޒިރުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ލީކުވި އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވައި އަޑުގަދަ ކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ރައީސް އޮފީހަށް ވެސް ވަޑައިގެންފަ އެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ޔާމީންގެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށޭނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފުރާސިޔާބު
30 August 2021
ތިޔައީ ޔާމީނު ދޫކޮށްލައި އަންނަ އަހަރުގެ އިންތީޚާބީ ކެމްޕޭނަށް ޔާމީން ހަވަރަށް ދިނުމުގެ ނުބައިރޭވުމަކަށް ވުން ވަރަށް ގާތް. އެބޭނުމަށް މަގުފަހިކުރަން ގެޔަށް ބަދަލުކޮށްގެންވެސް ތިއުޅެނީ ކަމަށް ބެލެވިދާނެ.