ގާޒީ އަލީ ރަޝީދަށް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ނީނދެވޭނެ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި، ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ގާޒީ އަލީ ރަޝީދަށް އިންނެވުމުގެ ފުރުސަތެއް ނެތް ކަމަށާއި ޔާމީންގެ މައްސަލައިން އެ ފަނޑިޔާރު ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޯޓު ހިންގުމާ ހަވާލުކޮށްފައި ވަނީ ގާޒީ އަލީ ރަޝީދާ އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފައި އޮތް އިރު، އެ މައްސަލަ ކުރިއަށް ގެންދާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ފަހުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކުރި ފަހުންނެވެ.

ޔާމީންގެ ވަކީލުން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު އެއް ކަންބޮޑުވުމަކީ ގާޒީ އަލީ ރަޝީދު ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވި މައްސަލަ އެވެ. އަދި ޔާމީންގެ ޝަރީއަތް ލައިވް ނުކުރަން ކޯޓުން ނިންމި ނިންމުމަކީ ވެސް އެ ޓީމުގެ ކަންބޮޑުވުމެކެވެ.

ގާޒީ އަލީ ރަޝީދުގެ މައްސަލަ ބަލައި ދިނުމަށް އެދި މިހާރު ވަނީ ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، އެ މައްސަލަ ބެލުން އެ ކޮމިޝަނުން ކުރިއަށް ނުގެންދާތީ ވެސް އިދިކޮޅުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސް ކޮންފަރެންސް.

ހައިލަމް، މީ ގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތައް ގާޒީ އަލީ ރަޝީދު ވަނީ ދޮގުކުރައްވައިފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ، ކްރިމިނަލް ކޯޓު ހިންގުމާ އަލީ ރަޝީދު ހަވާލުވެވަޑައިގެން އަމަލު ކުރެއްވި ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުން މުވައްކިލަށް ލިބިގެންވާ ހައްގުތައް ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"މި މައްސަލައާ ގުޅުވައިގެން މީޑިއާ އަށް ދީފައިވާ ވާހަކަތަކަށް ބަލާ އިރު، ފަނޑިޔާރު އަލީ ރަޝީދު މިވަނީ މައްސަލައިގައި ވަކި ފަރާތަކަށް ތައައްސަބުވެފައިވާ ކަމަށް ގަބޫލު ކުރެވޭ،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ޖަމީލް ސަލާމް ކުރައްވަނީ. --- ފޮޓޯ: މިހާރު

ޖޭއެސްސީ އަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ މައްސަލައިގެ ވަކި ގޮތެއް ނުނިމެނީސް، ބޮޑު މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހަވާލާ ދެއްވައި ޖަމީލް ވިދާޅުވި ގޮތުގައި، އެއްވެސް މީހަކު އިންސާފުގެ ދޮރުގައި ޓަކި ޖެހުމުން، އެމީހާއާ ދޭތެރޭގައި މުއާމަލާތް ކުރަން ވާނީ ހަމަހަމަކަމާ އެކު އެވެ.

ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ލައިވްކޮށް ދައްކާފައި ވަނިކޮށް ކުއްލިއަކަށް ޝަރީއަތް ލައިވް ނުކުރަން ނިންމުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. ޝަރީއަތް ލައިވް ނުކޮށް ކުރިއަށް ގެންދާ ނަމަ، މައްސަލައިގައި ކަންތައްތަކެއް ފޮރުވަން ޖާގަ އޮތް އިރު، މަސައްކަތް ކުރަނީ ބޭނުން ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދަން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ގާޒީ އަލީ ރަޝީދު. (ވ). --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސުލޫކީ މިންގަނޑު ބުނާ ގޮތުން ގާޒީ އަލީ ރަޝީދަށް ބެންޗުގައި އިންނަވަން ހުއްދައެއް ނުކުރެ އެވެ. އަދި މާދަމާގެ އަޑުއެހުމުން ފެށިގެން ކޮންމެ އަޑުއެހުމެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ލައިވްކޮށް ކަމަށާއި އެކަން ހުއްޓާލައިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަދުލު އިންސާފަށްޓަކައި މި މައްސަލަ އެއް ހަމައެއްގައި ގެންގޮސް މައްސަލަ ނިންމަން ޖެހޭ،" ރާއްޖޭގެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާޒީ އަލީ ރަޝީދު ރާއްޖެ ޓީވީ އަށް ދެއްވި ބަޔާނުން ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ތަން ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ޔާމީންގެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް އަސަރު ފޯރާނެ ކަމަށް ވެސް ވިދާޅުވި އެވެ.