ދުނިޔެ / ކާބުލް

އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން

31 އޯގަސްޓް 2021 - 20:45

2 comments

އެތައް އަހަރުތަކަކަށް ފަހު ހަނގުރާމައިގައި ކާމިޔާބު ހޯދައި އެމެރިކާނުން ބަލިކޮށް ގައުމުގެ މިނިވަންކަން އަނބުރާ ހޯދާފައިވާ ކަމަށް ތާލިބާނުން މިއަދު ބުނެފި އެވެ.

އެ ޖަމާއަތުން މިއަދު ބުނި ގޮތުގައި މިހާރު އަފްގާނިސްތާނަކީ ސިޔާދަތީ މިނިވަންކަން ލިބިގެންވާ ގައުމެކެވެ. އަދި 20 އަހަރުގެ އަޅުވެތިކަމަށް ފަހު، އެމެރިކާ ސިފައިން ފައިބައިގެން ދިޔުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.

އެމެރިކާ ސިފައިންގެ އެންމެ ފަހު މީހުންކޮޅު ގޮވައިގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓު ރޭ ދަންވަރު ކާބުލްގެ ވައިގެ ބަނދަރުން ފުރުމާއެކު، ތާލިބާންގެ ހަނގުރާމަވެރިން ވަނީ، އުފާ ފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑިޖަހަމުން ކާބުލް ވައިގެ ބަނދަރަށް ވަދެ، އެތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

އެމެރިކާ ސިފައިންގެ އެންމެ ފަހު މަތިންދާބޯޓު ވައިގެ ތެރެއަށް އަރައިގެން ދިއުމާއެކު، ކާބުލްގެ ހުރިހާ ހިސާބަކުން ވައިގެ ތެރެއަށް ބަޑިޖަހައި އުފާ ފާޅުކުރަން ފެށި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަވާ އަރުވައި، އާންމުން މަގުތަކަށް ނުކުމެ ނަށައި އުޅުނެވެ.

"އަފްގާނިސްތާނުގެ ރައްޔިތުންނަށް އަހަރެމެން ތަހުނިޔާ ކިޔަން. މިއީ އަހަރެމެން އެންމެންނަށް ލިބުނު ނަސްރެއް. އެމެރިކާ ސިފައިން ކާބުލް ވައިގެ ބަނދަރު ދޫކޮށް ހިނގައްޖެ. އަހަރެމެންގެ ގައުމަށް ފުރިހަމަ މިނިވަންކަން އަލުން ލިބިއްޖެ. އެމެރިކާ އަށް ލިބުނު ނާކާމިޔާބަކީ، ގައުމުތައް އަޅުވެތިކުރާ އެހެން މީހުންނަށް ހުރި ރަނގަޅު ފިލާވަޅެއް،" ކާބުލްގެ ވައިގެ ބަނދަރުގައި މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރަމުން ތާލިބާނުންގެ ތަރުޖަމާބު ޒަބީހުﷲ މުޖާހިދު ބުންޏެވެ.

"އަފްގާނިސްތާނުގެ އިސްލާމީ އިމާރާތަކީ އަމިއްލަ ސިޔާދަތީ މިނިވަންކަން ލިބިގެންވާ ގައުމެއް ކަމާމެދަކު އަހަރެމެންގެ ހިތުގައި އެންމެ ހިނދުކޮޅަކަށް ވެސް ޝައްކެއް ނުއުފެދޭ. އެމެރިކާ ބަލިވެއްޖެ. އަހަރެމެންގެ ގައުމުގެ ފަރާތުން، އަހަރެމެން ބޭނުންވަނީ، ދުނިޔޭ އެހެން ހުރިހާ ގައުމުތަކާ އެކުގައި ވެސް ވަރަށް ރަނގަޅު ގުޅުމެއް ބާއްވަން. އަހަރެމެންގެ ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަން އަދި އަހަރެމެންގެ އިސްލާމީ އަގުތައް އަހަރެމެން ހިމާޔަތްކުރާނަން."

އަފްގާނިސްތާނުގައި އާ ވެރިކަމެއް ފެށުމަށް ތައްޔާރުވާ އިރު، އަފްގާނިސްތާނުގެ އާންމު ރައްޔިތުންނާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވުމަށް، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް، ތާލިބާނުންގެ ވެރިން މިއަދު އެންގި އެވެ. ކާބުލް ވައިގެ ބަނދަރުގައި ތިބި ތާލިބާން ލަޝްކަރުގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ "ބަދްރު"ގެ ހަނގުރާމަވެރިންނާ ބައްދަލުކޮށް، އެހެން ސަރަހައްދުތަކުގައި ތިބި "ބަދްރު"ގެ ހަނގުރާމަވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަމުން، ޒަބީހުﷲ ވަނީ، ރައްޔިތުންނަށް ދެރަ ގޮތެއް ނުހެދުމަށް އަންގައިފަ އެވެ.

"ރައްޔިތުންނާ މުއާމަލާތު ކުރުމުގައި ކަލޭމެން ވަރަށް ފަރުވާތެރިވާނެ ކަމަށް އަހަރެމެން އުންމީދު ކުރަން. އަހަރެމެންގެ މި ގައުމު މިވަނީ ހަނގުރާމަ އާއި އިސްތިއުމާރީ އަޅުވެތިކަމުގެ ވޭން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހިފައި. ރައްޔިތުންނަށް ދެން އިތުރަށް އެކަންކަމަށް ކެތެއް ނުކުރެވޭނެ، ތަހައްމަލެއް ވެސް ނުކުރެވޭނެ،" ޒަބީހުﷲ ބުންޏެވެ.

އޭނާ ބުނީ ވެރިރަށް ކާބުލްގައި ވެސް ފުރިހަމަ ރައްކާތެރިކަން އޮންނާނެ ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ބިރުގަނެ ޖެހިލުންވާން ނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ތާލިބާނުންގެ ފުރިހަމަ ބާރުގެ ދަށަށް އަފްގާނިސްތާނު އައުމާއެކު، ވެރިރަށް ކާބުލް އާއި އެހެން ބޮޑެތި ސަހަރުތަކުގައި ވެސް މިހާރުވަނީ ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވާން ފަށައިފަ އެވެ. ފިހާރަތަކާއި މިސްކިތްތަކާއި ރެސްޓޮރަންޓުތައް ހުޅުވައި ހިދުމަތް ދެމުން އައި ނަމަވެސް، މީގެ 15 ވަރަކަށް ދުވަސް ކުރިން ފެނުނު މަންޒަރުތައް މިހާރު ނުފެންނަ ކަމަށް އާންމުން ބުނެ އެވެ.

"ރެސްޓޮރަންޓުތައް މިހާރު މިހިރީ ހުޅުވާފައި. އެކަމަކު ވަރަށް މަދު ފަހަރަކު ނޫނީ އަންހެނަކު މިހާރު ނުފެނޭ މިއިން ތަނަކުން. މީގެ ކުރިން، އަންހެންކުދިންނާއި ފިރިހެން ކުދިން ވެސް، މޯބައިލް ފޯނުން ފިލްމު ބަލައި ގޭމް ކުޅެން ނުވަތަ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ތިބޭނެ މި ރެސްޓޮރަންޓްތަކުގައި ވަރަށް ގިނަ ވަގުތު. މިހާރު އެ މަންޒަރެއް ނުފެނޭ،" އަފްގާނިސްތާނުގެ ސަގާފީ ވެރިރަށުގެ ގޮތުގައި ބެލެވޭ މަޒާރެ ޝަރީފްގެ ޒުވާނެއް ކަމަށްވާ ހަސަން، ބީބީސީ އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެހާ މިނިވަން މާހައުލެއް އޮތް ތަނެއް މިހާ ކުއްލި ގޮތަކަށް ބަދަލުވެދާނެ ކަމަށް ހީވެސް ނުކުރެވެ އެވެ. މީގެ ހަތް އަހަރު ކުރިން 2014 ވަނަ އަހަރު މަޒާރެ ޝަރީފަށް އައި އިރު، ފިހާރަތަކުން ވެސް އެންމެ ޒަމާނީ ފެޝަން ހެދުންތައް ލިބެން ހުއްޓެވެ. އެންމެ ފަހުގެ އިލެކްޓްރޯނިކް ސާމާނު ވެސް ހުއްޓެވެ.

އޭގެ އިތުރުން އިޓަލީ އާއި އިންޑިއާ އާއި ޖަރުމަނުގެ ކެއުންތަކަށް ހާއްސަ ރެސްޓޮރަންޓްތައް ވެސް ހުރެ އެވެ. ނަމަވެސް މިހާރު އެ ސަހަރުގެ އެންމެން ވެސް ދައްކަނީ ބިރުގަނެ ޖެހިލުންވެފައި ތިބި ވާހަކަ ކަމަށާއި، އޭރު އޮތް މިނިވަން މާހައުލު ދެން ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ރައްޔިތުން ބުނެ އެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމާ ގުޅިގެން، ކާބުލްގެ ވައިގެ ބަނދަރު ރަނގަޅު އިންތިޒާމެއް ދަށުން ހިންގުމާ ގުޅޭ ގޮތުން، ތާލިބާނުންގެ އިސް ވެރިންތަކެއް މިހާރު އަންނަނީ، ގަތަރާއި ތުރުކީގެ ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ.

ފަރަންސޭސި ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެ މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ، އަފްގާނިސްތާނުން ބޭރު ނުވެވި މިހާރު ތިބި ހުޅަނގުގެ ގައުމުތަކުގެ މީހުންނާއި، އަފްގާނިސްތާނު ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކުރަން ބޭނުންވާ މީހުންނަށް، ރައްކާތެރިކަމާ އެކު އަފްގާނިސްތާނުން ބޭރުވެވޭނެ މަގެއް ތަނަވަސްކުރުމެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުއްބަ

01 September 2021

އަލްހަމްދް ލިއްލާހް

The name is already taken The name is available. Register?

ހިފެހެއްޓުމެއްނެތްކަރުނަ

01 September 2021

އެމެރިކާބަލިކޮށް ސަލާމަތުގެ އައްސޭރިޔަކަށް ގައުމު ގެންދިއުމީ ސައެއްބޯލާވަރުގެ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454