ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، އަދާލަތު ޕާޓީގެ އިސްބޭފުޅުން މިދިޔަ ޖޫން މަހު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
05 ސެޕްޓެމްބަރ 2021 - 13:25
ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދަނީ ކުރީގެ ސަރުކާރު ކޮށްފައިވާ ވައްކަންތައް ފޮރުވުމަށްޓަކައި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިހެން ބުނީ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި، ޝަރީއަތްތަކަށް ނުފޫޒު ފޯރުއްވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.
އެހެންވެ، އަލީ ޒާހިރުގެ ދިފާއުގައި އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެ ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގު ވައްޓާލުމާއި އަދުލު އިންސާފަށް ހުރަސް އެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.
ސިޔާސީ ވާދަވެރިކަމުގައި ހިންގާ އެފަދަ އަމަލުތަކުގެ ސަބަބުން އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތް މަޑުޖެހޭނެ ކަމަށާއި ސުލްހަވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ވެސް ހުރަސް އެޅޭ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އަދި ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ދޮގު ވާހަކަތައް ފެތުރުމަކީ ކުރިން ކޮށްފައިވާ ވައްކަންތަކު ރެކިގަނެވޭނެ ގޮތެއް ނޫން ކަމަށް އެ ޕާޓީން ބުނެ އެވެ.
"...ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން،" އަދާލަތުގެ ބަޔާނުގައި ވެ އެވެ.
ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ޝަރުއީ ދާއިރާ އާއި ހުރިހާ މުއައްސަސާތަކެއްގެ ގަދަރު ގެއްލުވާލައި، ގާނޫނާ ހިލާފު އަމަލުތަކެއް ކުރަމުން ދިޔަ ސަރުކާރުން ބަދަލުކޮށް އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި މި ސަރުކާރުން ވެފައިވާ ވައުދުތައް ކާމިޔާބުކަމާ އެކީ ފުއްދަމުންދާތީ އެކަން އުފަލާއެކު ބަލައި ގަންނަ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު އެންމެ ފަހުން އަލީ ޒާހިރަށް ކުރެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އަލީ ޒާހިރު މަގާމުން ވަކި ކުރެއްވުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
05 September 2021
ލާލޭޔޫތު ސުކޫލު ފޭރުމުގެ އަޑީގަ ހުރީވެސް ހަމަ އޭނަ
އަލި
05 September 2021
އަދާލަތީކެސް ދީން ނިވަލަކަށް ހަދައިގެންތިބެ ސިޔާސީ މަންފާ ހޯދާ ޖަމާއަތެއް.
ޖަމީލުބެ
05 September 2021
މީހުންނަށް ގަބޫލުކުރެވޭފަދަ ދޮގެއް ހަދާލިނަމަވެސް ބަޔަކު ގަބޫލު ކުރީސް ކަންނޭގެ! ޗީފް އޮފް ސްޓާފްގެ ތިބުނާ އޯޑިއޯ ނުނެރެވި މިހާ ގިނަދުވަސްވަނީ އަދި ތައްޔާރުނުވާތީދޯ؟
4 ބުރު
05 September 2021
4 ބުރު މަތިން މަގުތަކަށް ނިކުމެ އިމްރާން އެހާ ބާރަށް ހަޅޭއްލަވައި ފުރަތަމަ ވެރިކަން ވޯޓުން ބަދަލުކޮށް ދެވަނަ ވެރިކަން ވައްޓައި ތިންވަނަ ވެރިކަން ވައްޓަން އުޅެ ނުވެއްޓުމުން ވޯޓުން އެވެރިކަން ބަދަލުކޮށްފަ ދެވަނައަށް ވެއްޓި ވެރިކަމުގެ މީހާއާ ފުރަތަމަ ވެރިކަމުގެ މީހާއާއެކު މިހާރު ހުންނަނީ ކޮންފަދަ ތެދުވެރި ކަމެއް ހުރެގެންބާ އަދި ކޮންކަމެއް ފޮރުވަންބާ. ކޮން އިރަކު ކިއީ ކޮން ވާހަކައެއްކަން ތެދުކުރަންވީ ދޮގުކުރަންވީ އެންމެ ވިސްނާ މީހަކަށްވެސް ނޭނގޭނެ.
ޖަމީލުބެ
05 September 2021
ބަޔަކު އުޅޭގޮތުން ކުޑަކުއްޖާއަށްވެސް ތިޔަކަން ޔަގީންވާވަރުވޭ!
ޢިބުރު
05 September 2021
ސުޖާއު މެން ކަހަލަ މީހުން ނަކަށް އެހެން މީހުންގެ ވާހަކަ ދެއްކުން ތާހިރެއްނޫން ތިޔަބުނާ ނުފޫޒު ފޯރުވައިގެން އަޅުގަނޑުގެ ހައްގު ވަނީ ތިޔަ ސުޖާއު ގެއްލުވާލައިފައި.
ގަދަހަސަނު
05 September 2021
މަށަށް ޔާމީނުވެސް ގޯސް އަދި އަލީ ޒާއިރުވެސް ގޯސް.
ގަދަ ހަސަނުގެ ބަފާ
05 September 2021
މަަށަށް ކަލޭ ވެސް ގޯސް.