އައްޑޫ މޭޔަރު އަލީ ނިޒާރު ޖަލްސާއެއް ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ / މިހާރު
05 ސެޕްޓެމްބަރ 2021 - 22:40
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނަގަން، އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ކޯޓުގައި ކުރިއަށް ގެންދަނިކޮށް، ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓާއި އެ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލްގެ އިތުރު މެމްބަރުންތަކެއް ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ހިމެނޭ ބަޔަކާ، ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރެވޭތީ، އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ވެސް މިއަދު ވަނީ ބުނެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލްގެ މަސްލަހަތު ހިމެނޭ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ނިޒާރާއި ކައުންސިލްގެ އިތުރު ބައެއް މެމްބަރުން ހާޝިމްއާ ބައްދަލުކުރައްވާފައި ވަނީ ހިތަދޫ ކޯޓަށް ވަޑައިގެންނެވެ. ނަމަވެސް ހާޝިމަކީ އައްޑޫ ގޯތިތަކުގެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ނޫނެވެ.
ގޯތިތައް ނަގަން ކައުންސިލުން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދެ ގޮތަކަށް ހުކުމް ކޮށްފަ އެވެ.
ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 40 ގޯއްޗެއް އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އެ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ އެވެ. ނަމަވެސް، އެކަމާ ދެކޮޅު ހަދައި ބައެއް ގޯތިތަކުގެ ވެރިން ވަނީ މައްސަލަ ހިތަދޫ ކޯޓަށް ހުށަހަޅައިފަ އެވެ.
ސިޓީ ކައުންސިލާ ދެކޮޅަށް 14 މީހަކު ދައުވާ ކުރިއިރު، އޭގެ ތެރެއިން ފުރަތަމަ ހަތް މައްސަލަ ބެއްލެވީ ގާޒީ ރަފީއުއްދީން އަހުމަދެވެ. އަދި ބާކީ ހަތް މައްސަލަ ބެއްލެވީ ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުން އައްޑު އަށް ޒިޔާރަތް ކުރެއްވި އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.
އެ މައްސަލައިގައި މިދިޔަ މަހު 10 ވަނަ ދުވަހު ގާޒީ ރަފީއުއްދީން ބެއްލެވި ހަތް މައްސަލައިގައި ހުކުމް ކުރެއްވީ ބަންޑާރަ ބިމަކުން ގޯތި ދޫކުރުމަށް ފަހު، ދައުލަތުން އެ ބިން އަނބުރާ ބޭނުން ވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައި ވާތީ، އައްޑޫ ކައުންސިލުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
ނަމަވެސް، ބާކީ ހަތް މައްސަލައިގައި ފަނޑިޔާރު ނިހާމު މިދިޔަ މަހު 29 ގައި ހުކުމް ކުރެއްވީ ގޯތިތައް ނަގަން ކައުންސިލުން އިއުލާނު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، ކައުންސިލުގެ ނިންމުން ބާތިލު ކަމަށް އެ ގާޒީ ކަނޑައެޅުއްވި އެވެ.
އެއް ބާވަތެއްގެ މައްސަލަތަކުގައި ދެ ގޮތަކަށް ހުކުމް ކުރުމަކީ މީގެ ކުރިން ވެސް ދިމާވެފައިވާ ކަމެކެވެ. އެގޮތުން ހައި ކޯޓުގައި ވެސް އެއް ބާވަތެއްގެ މައްސަލަތައް ދެ ބެންޗަކުން ދެ ގޮތަކަށް ނިންމުމުން އަމަލު ކުރަންވީ ނިންމުމެއް ނޭނގި ބޮޑެތި އޮޅުންބޮޅުން ކުރިމަތިވެފައިވެ އެވެ. އެ މައްސަލަ ހައްލު ކުރަން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެފަދަ މައްސަލަތައް ބަލަން ޖެހޭނީ އެއް ބެންޗަކުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 September 2021
ރައްޔިތުންގެތެރޭގައި ފިތުނައާއި ބައިބައިވުން އުފެދޭނެ ބޭނުމެއްނެތްކަންކަން ހުއްޓާލާފައި މިސިޓީގައި ހުރި ޙަޤީގީ މައްސަލަތަކާއި ކުރިމަތިލައްވަންވީނޫންތޯ. # އެކަށީގެންވާ މުސާރައެއްދީގެން އިޤުތިސޯދީ، ޤާނޫނީ، މާލީ ފަންނީ ދާއިރާ ތަކުގެ މަދުވެގެން 6 ދާއިރާއިން އެންމެ މަތީ ފެންވަރުގެ ކޮންސަލްޓެންޓުން ހޯދައި ކުރިއަށްއޮތް 50 އަހަރަށް އައްޑޫސިޓީގެ ބިމާއި އިޤްތިސޯދީ ކަންކަމާއި ބެހޭ ޕްލޭން ހަދާން ނުފައްޓަނީ؟ އުއްމީދެއްއޮތްނަމަ ފުރަތަމަ މިކަންކަން ކުރައްވާ.
މުޝިހާ
06 September 2021
ކަށީގައި ހިފާފައި ހުރިކަމެއް ނުހުއްޓޭނެ ދޯ؟
އޮނަރަބްލް އަފީފު ދީދީ
06 September 2021
ކުރީގެ ސަރުކާރުތަކެކޭއެއްގޮތަށް މިހާރުގެސަރުކާރުންވެސް "ޝަރީއަތް މޮޑެން" ބޭނުންވެދާވެ. # ނަމަވެސް ސްޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުން ވިސްނާންޖެހޭނީ މިއަދުއޮތް ދައުލަތުގެ ސްޕްރީމްކޯޓް ފަނޑިޔާރު މަނިކުފާނާއި ފަނޑިޔާރުންގެ ދިގު ފިލާގައިތިއްބެވި އަބުރުވެރި ފަނޑިޔާރުންނަކީ އެކަންކަން އެގޮތަށް ކުރާން ފުރުސަތުދީގެން "ނުދެނަހުރިކަމަށް ހަދައިގެން" ތިއްބަވާނެ ބައެއްނޫންކަން. # ކުރީގެ ގޮތް ގަނޑު ދޫކޮށް އިސްލާޙް ވުން ނޫންގޮތެއް ނޯންނާނެ. އެމަގު ޙިޔާރު ކުރައްވާ.
މިކަލޭގެ
06 September 2021
އައްޑޫގެ ކޮވިޑް ހާލަތު މިހާ ގޯސްވީ ނިޔާޒުގެ ދޯހޮޅި ސިޔާސަތުގެ ސަބަބުން މިއަދު ޔަގީންވެ އެނގެނީ ސޯބެ ނިޒާރަށްވުރެ މޭޔަރުކަމަށް ރަގަޅުކަން
ކޮރަޕްކައުންސިލް
06 September 2021
މުޅިއަތޮޅުގަ ހުސްގޯތިގައް. ގިނަ ގޯތިތައް ހުރީ މަރުވެފަ ވާ މީހުންގެ ނަމުގަ. އެއީ އެމީހިންގެ ދަރިން އުޅުނީ މާލޭގަ ކަމަށް ވާތީ. ތިޔަކައުންސިލުން މިފަދަ ގޯތިތައް ކައުންސިލައްނަގާ ރަށުގަ ދިރިއުޅޭ މީހުނަށް ފައިދާ ވާގޮތައް ހަދަން ގޮވާލަން.
ރޮމާރިއޯ
06 September 2021
ރައްޔިތުންނަށް ކަންބޮޑުވިތޯ ކައުންސިލްގެ އިމާރާތެއްގައި ފަނޑިޔާރުން ތިބެންޖެހުން، ކައުންސިލްގެ އިދާރާއަށް ލިޔެގެން ހަމަޖައްސަންޖެހޭ ކަންކަންވެސް ކޯޓުގައި ހުރޭ، ވީމާ، މީޓިންގ އެއް ބޭއްވުމަކީ މައްސަލައެއް ނޫން. ތިމާ ނުރުހޭ ހުކުމެއް ކޯޓުން ކުރީމާ ބަދުނާމުކުރުން ނޫން އެހެންކަމެއް ނޫން. ހިތްހަމަ ނުޖެހުނީމަ ޝަކުވާކުރިއަކަށް ގޯއްޗެއް ނުލިބޭނެ އަނބުރާ، ހިންހަމަ ނުޖެހެންޏާ އިސްތިއުނާފުކުރާނީ. ކޯޓަށް އަމިއްލަ އިމާރާތެއް ހޯދުމަށް ޑިމާންޑުކުރިނަމަ މާ ރަނގަޅު
ރައުޔު
06 September 2021
"ނިޒާރާއި ކައުންސިލްގެ އިތުރު ބައެއް މެމްބަރުން ހާޝިމްއާ ބައްދަލުކުރައްވާފައި ވަނީ ހިތަދޫ ކޯޓަށް ވަޑައިގެންނެވެ." ސިއްރުން ބައްދަލެއްނުކުރޭ. ސިއްރު ތަނެއްގައި ބައްދަލު ނުކުރޭ. ހާޝިމްއާއި ބައްދަލުކުރުން ގޯހެއް ނޫން. "ނަމަވެސް ހާޝިމަކީ އައްޑޫ ގޯތިތަކުގެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ނޫނެވެ." މިކަމުން އެނގެނީ ހާޝިމަށް އެކަމަށް ނުފޫޒެއް ނުފޯރުވޭކަން.
މާ ރައުޔު
06 September 2021
ކޮއްކޯ! ކޮމެންޓް ކުރާއިރު ވާނުވާ އެބައިގޭތަ؟ ހާޝިމަކީ އިސްމެޖިސްޓްރޭޓް. މައްސަލައެއް ކޯޓަށް ހުށަހެޅުމުން މައްސަލަ ހަވާލުކުރާނީ ކޮން މެޖިސްޓްރޭޓަކާއި ކަން ނިންމަނީ އިސްމެޖިސްޓްރޭޓް. ދެންބުނެބަލަ ނުފޫޒްނުފޯރުވޭނެތާ؟