ދުނިޔެ / އަފްޣާނިސްތާން

އަހަރެމެން މިތިބީ ވާހަކަ ދައްކަން ތައްޔާރަށް: އަހްމަދު

06 ސެޕްޓެމްބަރ 2021 - 11:41

ތާލިބާންގެ ހަނގުރާމަވެރިންގެ ކުރިމަތީގައި ހަތިޔާރު ނުބަހައްޓައި ހަނގުރާމަ ކުރަމުންދާ، ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން މިހާރު ވެސް ބޭނުން ވަނީ ސުލްހައިގެ ވާހަކަތަކުން މައްސަލަ އަށް ހައްލެއް ހޯދަން ކަމަށް، އެ ސަރަހައްދުގެ ވެރިޔާ އަހްމަދު މަސްއޫދު ބުނެފި އެވެ.

ހުސްވި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފިއިރު، އެ ގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން ތާލިބާނުންގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސަކީ ކާބުލްގެ އިރުއުތުރުން އޮންނަ ޕަންޖްޝޭރް ވާދީ އެވެ. އެ ޕްރޮވިންސް އޮތީ، މުޖާހިދުންގެ ކުރީގެ ކޮމާންޑަރު އަހްމަދު ޝާހް މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. މިހާރު އެ ހަނގުރާމަވެރިންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރީ އަހްމަދު ޝާހް މަސްއޫދުގެ ދަރި، އަހްމަދު މަސްއޫދެވެ.

ހަތިޔާރު ބަހައްޓައި ސުލްހަވެރިކަމާ އެކު ތާލިބާނުންގެ ސަރުކާރުގައި ބައިވެރިވުމަށް، ތާލިބާނުންގެ ފަރާތުން ގޮވައިލުމުން އަހްމަދު މަސްއޫދު ވަނީ އެކަމަށް ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އެއީ އެ ޕްރޮވިންސްގެ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުނުލުމާއި، ތާލިބާނުން އުފައްދާ ސަރުކާރުގެ 30 ޕަސެންޓް އެމީހުންނަށް ދިނުމެވެ.

އަހްމަދުގެ އެ ޝަރުތުތައް ގަބޫލުނުކޮށް ތާލިބާނުން އެ ޕްރޮވިންސް ހިފުމަށް ހަނގުރާމަ ފެށީ، މިދިޔަ ހަފުތާގަ އެވެ. ތާލިބާނުންގެ ހަނގުރާމަވެރިން ޕަންޖްޝޭރް ވާދީ ހިސާރުކޮށްގެން ތިބި އިރު، އެ ވާދީގެ ހަނގުރާމަވެރިންނަށް މިހާރު އެ ސަރަހައްދުން ބޭރަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ.

އެހެންކަމުން، އަހްމަދު މަސްއޫދު ބުނީ އެ ޕްރޮވިންސްގެ ދީނީ އިލްމުވެރިން ހުށަހެޅި ސުލްހައިގެ ރޭވުމަށް އޭނާ ތާއީދުކުރައްވާ ކަމަށާއި، މިހާރު ބޭނުންވަނީ ތާލިބާނުންނާ އެކުގައި މަޝްވަރާ ކުރަން ކަމަށެވެ. އޭނާ ބުނީ ތާލިބާނުންގެ ހަނގުރާމަވެރިން ހަމަލާ ދިނުން ހުއްޓާލައިފި ނަމަ، އޭނާގެ ހަނގުރާމަވެރިން ވެސް ހަމަލާ ދިނުން ހުއްޓައިލާނެ ކަމަށެވެ.

ޕަންޖްޝޭރް ވާދީގެ ލީޑަރު އަހްމަދު މަސްއޫދު

ޕަންޖްޝޭރް ވާދީގައި މިހާރު ތިބި ހަނގުރާމަވެރިންގެ ތެރޭގައި، ވެއްޓުނު ސަރުކާރުގެ ސިފައިންގެ ތެރޭގައި އުޅުނު ގިނަ އަދަދެއްގެ ބަޔަކު ހިމެނެ އެވެ. އަހްމަދު މަސްއޫދު ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް ތާލިބާނުންގެ ފަރާތުން އަދި ވަކި ޖަވާބެއް ނުދެ އެވެ.

ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ބުނާ ގޮތުގައި، މިދިޔަ ދެ ދުވަހު ކުރި ހަނގުރާމައިގައި، އެ ޖަމާއަތުގެ ތަރުޖަމާނު ފާހިމް ދަޝްތީ އާއި ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް އަބްދުލް ވަދޫދު ޒާރާ ވަނީ، ތާލިބާނުންގެ ހަމަލާތަކުގައި މަރުވެފަ އެވެ. އޭގެ އިތުރުން ތާލިބާނުންގެ އިސް ކޮމާންޑަރަކާއި އޭނާގެ 13 ބޮޑީގާޑުން ވެސް މަރުވެފައިވާ ކަމަށް ވާދީގެ ހަނގުރާމަވެރިން ބުނެ އެވެ.

ޕަންޖްޝޭރް ވާދީއަކީ، އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގައި، ކޮންމެ ބަޔަކަށް ވެސް އެންމެ އުނދަގޫތައް ކުރިމަތިވާ ސަރަހައްދެވެ. ސޯވިއެޓް ސިފައިން 1980ގެ އަހަރުތަކުގައި އަފްގާނިސްތާނު ހިފައިގެން އޮތް ދުވަސްވަރު ވެސް، ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ވަނީ، ސޯވިއެޓް ސިފައިންގެ ބާރުގެ ދަށަށް ދިޔަ ނުދީ، އެ ސަރަހައްދު ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން 1996-2001 ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު ވެސް، އެ ސަރަހައްދުގައި އޮތީ، އަހްމަދު ޝާހް މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރެވެ. އެ ޕްރޮވިންސް ހިފުމަށް ތާލިބާނުން އެދުވަސްވަރު ދިން ހަމަލާތަކުގައި އަހްމަދު ޝާހް މަސްއޫދު ވަނީ މަރުވެފަ އެވެ.

ވަށައިގެން ފަރުބަދަތައް އޮތް، ޕަންޖްޝޭރް ވާދީގެ އާބާދީގައި 150 އާއި 200 ހާހާ ދެމެދުގެ އަދަދަކަށް މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454