އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި އަހުމަދު އާހިދު ރަޝީދުއާ މަގާމު ހަވާލުކުރައްވަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
06 ސެޕްޓެމްބަރ 2021 - 13:25
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އަހުމަދު އާހިދު ރަޝީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަގާމަށް ހ.ގުރުވަ، އާހިދު އައްޔަންކުރެއްވީ މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަ ޔުނިވަސިޓީން ބެޗުލާ އޮފް ލޯ ވިތު އޮނަސް ހާސިލުކުރައްވާފައިވާ އާހިދު ކުރިން ހުންނެވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުކަމުގެ މަގާމުގަ އެވެ. އޭނާ ވަނީ އެތަނުގެ ސީނިއާ ލީގަލް އެޑްވައިޒަރު ކަމާއި ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރު ކަމާއި މޯލްޑިވްސް ވޮލަންޓިއަސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި އެވެ. އެއީ އާހިދުގެ އިތުރުން ޝިހާމް މުހައްމަދު ވަހީދު، އާއި އަޒްލީމާ އަހުމަދު، ދަފްތަރު ރސ. 341-94 އަދި މަރިޔަމް އަލީމް، ގ. ދާސްތާނާ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމަށް އޭގެ ކުރިން ވެސް ތިން ނަމެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވި ނަމަވެސް، އެއްވެސް ބޭފުޅަކަށް ރުހުމެއް ނުލިބުނެވެ.
އިންފޮމޭޝަން ކަމިޝަނަރުގެ މަގާމަށް ކުރިމަތިލާން އިއުލާން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފިޔާޒް މޫސާ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy