"މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން ދެން ދާންވީ ކޯޓެއް ވެސް ނޭނގޭ. ޑްރަގު ކޯޓުތޯ، ކްރިމިނަލް ކޯޓުތޯ ނޫނީ ކޮން ކޯޓެއް ކަމެއް ނޭނގޭ. އޭގެ ނަތީޖާއަކަށް ވެގެންދަނީ މަސްތުވާ ހާލުގައި ތިބޭ މީހުންނާ ދޭތެރޭގައި ކުރާނެ ކަމެއް ނެތުން ނުވަތަ ގޮތް ހުސްވުން"
އެންޑީއޭ ބަދަލުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
12 ސެޕްޓެމްބަރ 2021 - 07:44
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ލީގަލް އޮފިސަރު އަދި މީޑިއާގެ ކަންތައް ބަލަހައްޓަވާ އަހުމަދު ހިލްމީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ކުރެއްވި އެއް ސުވާލަކީ މި އެވެ؛ ގެއެއްގައި މަންމަ ބާރުވެރިނުކޮށް އެ ގޭގެ ދަރިން ބަލާނީ ކިހިނެއްތޯ އެވެ؟
އޭނާ ދެން ކުރެއްވީ ޝަކުވާ އެވެ. އިމާރާތް ބާވުމާއި ޖާގައިގެ ދަތިކަމާ ހެދި މަސައްކަތްތައް ކުރިއަށް ގެންދަން ގޮންޖެހުންތައް ކުރިމަތިވުމުގެ ޝަކުވާ އެވެ. އެ އެޖެންސީއަކީ "65 އަހަރުވެފައިވާ ތަނެއްގެ ގޮތުގައި ބަލައި" އެލަވަންސެއް ދީގެން ވިޔަސް އެޖެންސީ ހިންގުމުގައި އެހީތެރިވެދޭން، މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކޮމެޓީގައި އޭނާ އެދިވަޑައިގަތެވެ.
އެންޑީއޭ އިސްލާހު ކުރަން ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކުރިން ވާހަކަދެއްކެވި، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ރަޖިސްޓްރާއިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ވެސް އޮއްސާލެއްވީ ހުސް ޝަކުވާ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ނުވަ އަހަރުވާ އިރު، އެ ގާނޫނު ރަނގަޅަށް ތަންފީޒުނުކުރެވޭ ކަމުގެ ކަންބޮޑުވުންތަކެވެ.
އެ ވާހަކަތަކަށް ފަހު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މުޅި ނިޒާމު އޮތީ އަރިއަޅާލާފައި ކަމަށެވެ. އެކަމުގެ ޒިންމާ އެ މޭޒުގެ ވަށައިގެން ތިއްބެވި އެންމެން ނަގަންޖެހޭ ކަމަށާއި މަސްތުވާތަކެތީގެ ކަންކަން ރަނގަޅުކުރަން ދުވަހެއް ދުވަހަކަށް މުއައްސަސާތައް ގިނަވަމުން ދިޔަ ނަމަވެސް އެ މުއައްސަސާތަކާއި ގާނޫނުން ހައްލުކުރީ ކޮން ކަމެއްތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.
އެންޑީއޭ އެ އޮތީ މަސައްކަތައިގެން ހިރި ނުލެވިފައި... ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އެހާ ގިނަ... ދައުލަތުގެ ބަޖެޓު ކިހާ ހިސާބަކަށް ގޮސްގެންތޯ މިކަން ހައްލުކުރެވޭނީ -- ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
"އަޅުގަނޑު ދަންނަވާނެ އެއްޗެއް ވެސް ނޭނގެ. ޒުވާން ޖީލެއް ހަލާކުވަމުންދާ ތަން ބަލަން އަޅުގަނޑުމެން މި ތިބީ. ކޮންމެ މުއައްސަސާއަކުން ވެސް ވިދާޅުވަނީ އަނެއް މުއައްސަސާގައި ހުރި މައްސަލަތައް. އެނޫން އެއްވެސް ކަމެއް އަޅުގަނޑު މިއަދު އަޑެއް ނާހަން. ޖަލުތައް އެ އޮތީ ފުރިފައި،" އޭނާ ވާހަކަ ކުރިއަށް ގެންދެވި އެވެ.
"އެންޑީއޭ އެ އޮތީ މަސައްކަތައިގެން ހިރި ނުލެވިފައި... ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އެހާ ގިނަ... ދައުލަތުގެ ބަޖެޓު ކިހާ ހިސާބަކަށް ގޮސްގެންތޯ މިކަން ހައްލުކުރެވޭނީ."
ސަލީމްގެ އިތުރުން ވާހަކަދެއްކެވި ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ފާޅުކުރެއްވީ ކަންބޮޑުވުންތަކެވެ. އެއް އިދާރާއިން އަނެއް އިދާރާ އަށް "ބޯޅަ" ޖަހަމުން، އަމިއްލަ ޒިންމާ ނެގުމުގައި ފެއިލްވެފައިވާ މަންޒަރު ވަރަށް ރަނގަޅަށް އެނގިގެންދިޔަ އެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ގެއަކަށް، ފުލުހުންނާ އެކު ދިޔައިރު ތިބި ބަޔަކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފާއިތުވި އަހަރުތަކުގައި އެންޑީއޭ ހިންގުމުގައި އިސްކޮށް އުޅުއްވި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (އައިޝާ) ވިދާޅުވީ އިހުލާސްތެރިކަން ހުރިނަމަ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އެކަން ކުރަން ބޭނުން ވަނީ ޕެޝަން ކަމަށާއި އިމާރާތް ކޮންމެ ހާލަތެއްގައި އޮތަސް އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ނަމަ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުވާ އަށް ހާއްސަ ސަމާލުކަމެއް ދީ، ކަންކަން އިސްލާހުކުރުމަށް ސަރުކާރުން ވަނީ މީގެ ތިން މަސް ކުރިން ޖެންޑާގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭގެ ހިންގުން ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ ޖަމިއްޔާއެއްގެ އެހީތެރިކަމާ އެކު ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ގާނޫނެއް ހެދި ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެހެންވެ، މޮޅު ގާނޫނެއް ހަދާފައި ބޭއްވުމުގެ ބަދަލުގައި އެ ގާނޫނަށް ގެންނަންވީ ބަދަލުތަކަކީ ކޮބައިތޯ ބެލުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިންސިއާ ކޮށް މިކަން ހުއްޓުވަން ބޭނުންވިއްޔާ ހުއްޓުވޭނެ. އެކަމަކު އެކަން ކުރެވޭނީ ސިޔާސަތުން ފަށައިގެން ގޮސް ތަންފީޒުކުރާ ހިސާބަށް ގޮސް، ސެކިއުރިޓީ ގާޑާ ހަމައިން، ހެނދުނު ބޭސް ގުޅަ ކާންދޭން ހުންނަ މީހާއަ ހަމައިން. ކައްކާ މީހައާ ހަމައިން-- މިނިސްޓަރު އައިޝާ
"ސިންސިއާ ކޮށް މިކަން ހުއްޓުވަން ބޭނުންވިއްޔާ ހުއްޓުވޭނެ. އެކަމަކު އެކަން ކުރެވޭނީ ސިޔާސަތުން ފަށައިގެން ގޮސް ތަންފީޒުކުރާ ހިސާބަށް ގޮސް، ސެކިއުރިޓީ ގާޑާ ހަމައިން، ހެނދުނު ބޭސް ގުޅަ ކާންދޭން ހުންނަ މީހާއާ ހަމައިން. ކައްކާ މީހާއާ ހަމައިން...މި ހުރިހާ ހިސާބެއްގައި ސިންސިއަރިޓީ އޮވެގެން. މިއީކީ ކުޑަ ކަމެއް ނޫން. މީގައި އަޅުގަނޑުމެން އެންމެންގެ ހަމަ ޖީލެއް އެކީއެއް ނޫން މި ދަނީ، ޖީލު ޖީލުން ހަލާކުވެގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެސިސްޓެންޓް ޕީޖީ ނާޝިދު (ކ) އަދި އެންޑީއޭގެ ލީގަލް އޮފިސަރު ހިލްމީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ނާޝިދު ވިދާޅުވި 2016 ވަނަ އަހަރު ޑްރަގް ކޯޓަށް 1،500 އަށްވުރެ ގިނަ މައްސަލަ، 2017 ވަނަ އަހަރު 1،400 މައްސަލަ އަދި ޖެހިގެން އައި އަހަރު 900 އަށްވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު 800 އަށްވުރެ ގިނަ މައްސަލަ އަދި މިދިޔަ އަހަރު 650 މައްސަލައެއް ހުށަހެޅިއިރު މި އަހަރުގެ މިހާތަނަށް 410 މައްސަލައެއް ޑްރަގް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ ކޮންމެ މައްސަލައަކީ ވެސް ކޮންމެވެސް މީހެއްގެ މައްސަލަ އެވެ.
އޭނާ ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތުގެ 70 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށެވެ. ނަމަވެސް ޑްރަގް ކޯޓަށް ފަރުވާ އަށް ވެއްދޭ މީހުންގެ ނިސްބަތަށް ނުވަތަ އެއާ ގާތްކުރާ އަދަދަކަށް ވެސް ފަރުވާގެ ނިޒާމު ފުރިހަމަވެގެން ނުކުންނަ ތަން ނުފެނުމަކީ ކަންބޮޑުވުމެއް ކަމަށް ނާޝިދު ވިދާޅުވި އެވެ.
ކޮންމެ ވެސް ހިސާބަކުން އެބަ އުޅޭ މައްސަލަތައް. މި ނިޒާމު އެބަޖެހޭ އިސްލާހުކުރަން. އެކަން ކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނަތީޖާ ބަދަލުކުރެވޭނެ ތަނެއް ނެތް ފެންނާކަށް -- އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ނާޝިދު
"ކޮންމެ ވެސް ހިސާބަކުން އެބަ އުޅޭ މައްސަލަތައް،" ނާޝިދު ވިދާޅުވި އެވެ.
"ޕެޓިޝަންގައި ފާހަގަކުރި ގޮތަށް މި ނިޒާމު އެބަޖެހޭ އިސްލާހުކުރަން. އެކަން ކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނަތީޖާ ބަދަލުކުރެވޭނެ ތަނެއް ނެތް ފެންނާކަށް."
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި ޑްރަގް ކޯޓާއި ފަރުވާއަށް އެންޑީއޭ ކައިރީގައި ހުއްޓެން އަހަރެއް ނަގާއިރު، އެއީ 30 ދުވަހުން ނުވާންވީ ކަމެއް ނޫނެވެ. އަދި މިއީ ހަމައެކަނި އެންޑީއޭއާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންޑީއޭގައި ފެސިލިޓީ ހުއްޓަސް މުޅި މައްސަލަ އަށް ހައްލު ހޯދޭނެ ގާބިލްކަމެއް ނެތް ކަމަށާއި ނުވަ އަހަރުވެގެން ދިޔައިރު ވެސް ބަދަލެއް ފެނިފައިނުވަނީ ގާބިލްކަން ނެތުމުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (ވ) އަދި އަދި އެންޑީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެކަމަކު ޑްރަގް ކޯޓުގެ ރަޖިސްޓްރާ ހަސަން ޒަރީރު ވިދާޅުވި ގޮތުގައި އެ ކޯޓަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 1000 މައްސަލަ ހުށަހަޅަ އެވެ. މިހާރު ވެސް 500 އެއްހާ މައްސަލަ ހުށަހަޅާފައިވާއިރު، ޑްރަގް ކޯޓަށް ހަ މަހަށް ވުރެ އަވަހަށް މައްސަލައެއް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސެންޓަރުގައި ތިން މަސް އަދި އޭގެ ފަހުން ކޮމިއުނިޓީ ފަރުވާގައި ހޭދަކުރަންޖެެހޭ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވެސް އިތުރު ވަގުތު ނަގާ ކަންކަން ހުންނަ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވެސް ވަނީ ޑްރަގް ކޯޓަށް އެ އަދަދަށް މައްސަލަ ހުށަހެޅިއަސް އެސެސްމަންޓް ހަދަން 500 އަމުރު ފޮނުވައިފިނަމަ އެންޑީއޭ އަށް އެކަން ވާނެތޯ ސުވާލު އުފައްދަވައިފަ އެވެ. އެ މަސައްކަތް ކުރަން ތިބެނީ ފަސް މުވައްޒަފުން ކަމަށާއި އެސެސްމަންޓް ހަދަން ދީފައި އޮންނަ އެއް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިމުމުން 10 ދުވަސް އިތުރު ކޮށްދިނުމަށް އަނެއްކާ ވެސް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަންތައްތައް މިހެން ހުރިއިރު މިއީ އެއްގޮތަކަށް ވެސް އެންޑީއޭ ކުށްވެރިކުރާ ކަށެއް ނޫން. އެންޑީއޭ ވެސް ކުރާނެ ކަމެއް ނެތް، އެ ބޭފުޅުންނަށް ހުރި ފެންވަރުން ކަންތައް ކުރެވޭނީ،" ޒަރީރު ވިދާޅުވި އެވެ.
އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް 10 ދުވަސް ދިނަސް އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުނިމޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާތަނަށް 7735 އަމުރު ފޮނުވިއިރު މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 996 އަމުރެކެވެ. އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ކަންކަން އަވަސްވާނެ ގޮތަކަށް ކަންކަން ފަހިވުމަށް ޒަރީރު އެދިވަޑައިގަތެވެ.
ނިއު ސައުތު ވޭލްސްގެ ސިސްޓަމަށް ބަލައި ރާއްޖޭގައި ހަދާފައިވާ ގާނޫނާއި ގަވާއިދަކަށް ވިޔަސް ކުރިއަށްދާނީ އެކަމަށް މަގުފަހިވާ ކަންކަން ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގައުމުގައި ޑްރަގް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު ކައުންސެލަރަކާއި ފުލުހެއް ހުންނައިރު، ކަންތައް ދަނީ ތިން މީހުން ގުޅިގެން ކަމަށް ވިިޔަސް، ރާއްޖޭގައި ވަކި ކަމެއް ކުރަން އަންގާއިރު އަނެއް މުއައްސަސާއަކަށް ވާނުވާ ނޭނގުމަކީ އޭގެ ސަބަބުން ވަގުތު ނަގާ ކަމެކެވެ.
"އަޅުގަނޑު ކައިރިއަށް އައިސް މީހަކު ބުނެފި ތިމަންނަ ދަރިފުޅު އައްޑު އަތޮޅުން ގެނެސްފައޭ މި ހުރީ މި ތަނަށް. މީނައަށް ފުރުސަތެއް ހޯދަދޭށޭ، އަޅުގަނޑު ބަލާލިއިރު ކިއުގައި 150 މީހުން. އަޅުގަނޑު ދެންނެވިން މިހެންނޭ، ދެން އޭނާ ބުނެފި ތިމަންނަ ހުންނާނީ ކިހިނެއްހޭ މިތާނގައި،" އޭނާ ވިދާޅުވި އެވެ.
"ތިން ވަނަ ފަހަރަށް ވިދާޅުވެއްޖެ އޭނާ މިތާގަައި ހުރެއްޖެއްޔާ އޭނާ ސަލާމަތެއް ނުވާނެއޭ. އެންޑީއޭ އަށް ގުޅާލިއަސް އެ ބޭފުޅުންނަށް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ވިދާޅުވަނީ. އެންމެ ފަހުން އެއް ކަހަލަ ކުއްޖާ ޖަލަށް ގޮސް އަނެއްކާ އެހެން ކުށްތަކަށް އަރައިގެން ޖަލުގައި ހޭދަކުރަމުންދަނީ."
މީގެ 10 އަހަރުކުރިން ވުޖޫދުވި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ފަރުވާ ހޯދާ މީހުންނަށް އެކި ސެންޓަރުތައް އަޅަން ލާޒިމްކޮށްފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ސެންޓަރުތައް އަދިވެސް ވުޖޫދުގައި ނެތްއިރު މި އަހަރުގެ ތެރޭގައި ވަނީ ގުޅީފަޅުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހުޅުވައިފަ އެވެ.
އެ ސެންޓަރު ހުޅުވި ނަމަވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކްރިމިނަލް ކޯޓުން ވަނީ 238 މީހުންގެ މުއްދަތު ޖެހުމަށްފަހު ފަރުވާގެ ކަންތައްތަކަކީ ކްރިމިނަލް ކޯޓުގެ އިހުތިސޯސެއް ނެތް މައްސަލައިގެ ގޮތުގައި ނިންމައިފަ އެވެ.
އެކަމުގައި ވެސް ކަމާބެހޭ އިދާރާތަކުގެ ހިޔާލުތަފާވުން އެބަހުއްޓެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ފަރުވާ އަށް ބޭނުންވާ މީހުންގެ ބަންދު ޖެހުމުގެ މައްސަލަ އަށް ހައްލެއް ގެންނަން މީގެ ކުރިން ވެސް ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާކުރި ކަމަށެވެ. އެކަން، ނައިބު ރައީސް ފައިސަލް ނަސީމް ޗެއާކުރައްވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު (ވ) އަދި ޑީއީޑީގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ޝާކިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ޝާކިރު ވެސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ނިންމުމުގެ ސަބަބުން ދެން ދާންވީ ކޯޓެއް ނޭނގޭ ކަމަށެވެ.
މި ގާނޫނު ގޯސްވެގެން ނޫން މި އުޅެނީ. މި ގާނޫނު ތަރުތީބުކޮށްފައިވާ ގޮތަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ނުކުރެވިގެން މި އުޅެނީ -- ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު
"މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން ދެން ދާންވީ ކޯޓެއް ވެސް ނޭނގޭ. ޑްރަގު ކޯޓުތޯ، ކްރިމިނަލް ކޯޓުތޯ ނޫނީ ކޮން ކޯޓެއް ކަމެއް ނޭނގޭ. އޭގެ ނަތީޖާއަކަށް ވެގެންދަނީ މަސްތުވާ ހާލުގައި ތިބޭ މީހުންނާ ދޭތެރޭގައި ފުރަތަމަ މަރުހަލާގައި ވެސް ކުރާނެ ކަމެއް ނެތުން ނުވަތަ ގޮތް ހުސްވުން... މި ގާނޫނު ގޯސްވެގެން ނޫން މި އުޅެނީ. މި ގާނޫނު ތަރުތީބުކޮށްފައިވާ ގޮތަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ނުކުރެވިގެން މި އުޅެނީ،" ޝާކިރު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގެ ނިންމުން މިހާތަނަށް އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިނުވާ ކަމަށެވެ. އެގޮތަށް އިސްތިއުނާފުކޮށްފި ނަމަ އެކަމަށް ރިއާޔަތްކުރާނެ ކަމަށާއި އެކަމަކު ގާނޫނުން ވެސް ކްރިމިނަލް ކޯޓަކީ ފަރުވާގެ ބައި ފިޔަވައި ދެން ހުރި ކަންތައްތައް ގެންދާ ކޯޓު ކަމަށް ރަޖިސްޓްރާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ގާނޫނު ތަސައްވަރުކޮށްފައިވާ ގޮތަށް ހިނގާނަމަ ވަރަށް ރަނގަޅަށް އެކަން ހިނގާނެ ކަމަށް ޕީޖީ އޮފީހުން ވާހަކަދެއްކެވި ނާޝިދު ވިދާޅުވި އެވެ. ބަންދު ޖެހުމުގެ ކަންކަން ކުރަން ގާނޫނުން ޑްރަގް ކޯޓަށް ހުރަހެއް ނެތް ކަމަށާއި އެ އޮފީހަށް ފެންނަ ގޮތުގައި ޑްރަގް ކޯޓަށް ވެސް އެކަން ކުރިއަށްގެންދެވިދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކަމާގުޅުންހުރި އިދާރާތައް ފެއިލްވެފައިވާ ކަމަށް ގަބޫލުކުރަންތޯ ސުވާލު އުފައްދަވައިފަ އެވެ. އެކަމަށް ރައްދު ދެއްވައި މިނިސްޓަރު އައިޝަތު ވިދާޅުވީ އެ މަސައްކަތުގައި ފެއިލް ނުވާ ކަމަށާއި ހަގީގަތުގައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން އަދި ފެށީ ކަމަށެވެ.
ޑްރަގް ކޯޓުން ވެސް ބުނީ އެ ކޯޓުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް ކުރާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ސުވާލަށް އެހެން އިދާރާއަކުން ޖަވާބެއް ނުދިނެވެ.
މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމައި ފެއިލްނުވާ ކަމަށް ބުންޏަސް، މަސްތުވެގެން މަގުމަތީގައި ތިބޭ މީހުން ގިނަވެ، ފަރުވާ ދޭ މަރުކަޒުތަކުގެ ދޮރު ބަންދުވާނީ ކޮންމެ ވެސް ހިސާބަކުން މައްސަލަތަކެއް ހުރެގެންނެވެ. އަބަދު ވެސް ތޮއްޖެހިފައި އޮންނަ ޖަލުގެ ހާލަތު ވެސް، ފަރުވާއިން ފެއިލްވެގެން ދާ މީހުންގެ ސަބަބުން އިތުރުވަމުންދާއިރު މިކަމަށް މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަންޖެހެ އެވެ. އެ ޝަކުވާ މަދުކޮށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރަންޖެހެ އެވެ. އެހެންނޫނީ، ކޮމިޓީގައި ވާހަކަދެއްކެވި މެމްބަރުން ވިދާޅުވި ގޮތަށް އެ މައްސަލައެއް ހައްލެއް ނާންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސޮރު
13 September 2021
ގޮތް ހުސްވާނެ ކަމެއް ނެތް... ޑުޓާޓޭ ސިޔާސަތު ހިންގާލާ. އެއްފަހަރުން ރަމަތަވީ
އިބުރާ
12 September 2021
ތިވިދާޅުވާ ސިސްޓަމަކީ ހަމަ ތިބޭފުޅުން. ސިސްޓަމް ފެއިލްވުމަކީ ތިބޭފުޅުންގެ ފެއިލިއަރ. އިސްތިއުފާ ދެއްވާ!
ޑރ ޝުޢައިބު
12 September 2021
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ ޖަމިއްޔާއެއްގެ އެހީތެރިކަމާއެކު ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ގާނޫނެއްހެދިނަމަވެސް އެގާނޫނު ތަންފީޒުކުރުމުގައި ބޮޑެތިގޮންޖެހުންތައް އެބަހުރިކަމަށެވެ. ***** އަހަރެމެންގެކަންކަން ހައްލުކުރަން ބައިނަލްއަޤްވާމީ ޤަވާއިދެއްހަދާކަށްނުޖެހޭނެ. ކަކުނި ހަރުކޮންނަކީ އެކަކުނީގެ މިންވަރުން. މިކަންނުދަންނަވެރިން އިސްތިއުފާދެއްވަފައިގޭގައިތިއްބަވާ. ވެރިން ހައްލުކުރަން ބޭނުންނުވާކަމެއް ހައްލެއްނުކުރެވޭނެ. ބަލާސިންގަޕޫރު
މީސްމީހުން
12 September 2021
މިފަދަ ކަންކަމުގައި މުއައްސަސާތަކުގެ ފައި ބިންދާލަން އެންމެ ކުރީގައި ތިބެނީ "އިއްޒަތްތެރި" ކިޔައިގެން އުޅޭ ބަޔަކު. ދެން އެކިއެކި ސިޔާސީ އެހެން މީހުން. މަސްތުވާ ދަރީގެ ބެލެނިވެރިޔާ ގޮސް މިއިން މީހެއްގެ ގާތު އެދުނީމާ އަންނަ ދައުރު ހޯދަން "ގޮތެއް ހަދައިދޭ". މަސްތުވި ކުއްޖާ މިނިވަންވެ އަނެއްކާ އިހުނަށްވުރެ ފޯރި އަރުވާލާ. އަނެއްކޮޅުން "ބޭބޭފުޅުންނަށް" އެކި ގޮތްގޮތުން މިކަމުގައި ލިބޭ ކަޓުތައްވެސް ނުހަނު ބޮޑު. ފުރަތަމަ ރަނގަޅުވާންވީ މި މީސްމީހުން.
ޢަނީ
12 September 2021
ޑިމޮކްރަޓިކް ވެރިކަމެއްގާ ކަންކިޔާމީހުން ގިނަވެ މިނިސްޓްރީ ރައީސް އޮފީސް އަދި މިކަމުން ފައިދާ ނަގަންބޭނުންވާ ޕާލިމެންޓޭރިއަނުން ގިނަ ކަމުން އެއްކަމެއްވެސް ކުރިއަކަށް ނުދެ!މިއީ ރާއްޖެއަށް މިލިބުނު ޑިމޮކްރަސީގެ ހާލުއޮތްގޮތް. ކަންނުވުން ނުވަތަ ވިޔަނުދިނުމަކީ މާ ކޮރަޕްޓު ގޮތެއް.ހަގީގަތުގައި މިކަހަލަ ކުޑަ ގައުމެއްގެ ޑްރަގުމައްސަލަ ހައްލުކުރުމަކީ ބޮޑުކަމެއްނޫން.ކުޑަކަމެއް.ދައުލަތަށް ހަމަ ނުވަނީ ބޯގިނަކަމުން.
އަފުރާސިޔާބު
12 September 2021
ތިބޭފުޅުންނަށް މިކަން ހިނގާގޮތް ރަނގަޅަށްވެސް އެނގޭނެ. މިކަން ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބަޔަކު މުއްސަނދިކުރުން ނޫން އެހެންކަމެއް މިގައުމުގައި ކުރާތަނެއް ނުފެނޭ. ގިނަޕްރޮގްރާމްތައް ހިންގީމާ ކޮރަޕްޝަންގެ ގޮތުގައި ގިނަފައިސާ ދަމައިގަތުމުގެ ފުރުޞަތު އޮންނާނެތާ؟ ތެދެއްމެ މިތިބީ ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފާ. މީގެ ދޮންމީހުން ބުނާގޮތް ހެދި އެއްވެސް ގައުމަކަށް މިނިވަން ކަމާއެކު ހަމަޖެހުމުގެ ފުރުޞަތެއްނެތް.
ކޮންމެމަހެއްގެ30
12 September 2021
މުސާރަ ލިބެންޖެހޭ ދުވަސް ޖެހުނީމަ އެނގޭތޯ އަނެއްކާ. ދާންވީ ކޯޓެއް ނޭނގިގެން އުޅޭތީ، ރާއްޖޭގެ ކޯޓު ސިސްޓަމްގައި، ހައިކޯޓަކާ ސުޕްރީމް ކޯޓެއް ހުރޭ، 'އިސްތިއުނާފު' ކިޔާ އެއްޗެއްވެސް އޮންނަކަމުގައި ދަންނަވާލަން.
ޙަަސަން
12 September 2021
އެން.ޑީ.އޭ ގެ ވެރިންގެ އިޚްލާސްތެރި ކަން ހުރި ވަރު ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުން ފެނުނީ.. ލީގަލް އޮފިސަރު ހިލްމީ އާ ތިތަނުގައި ވޮލަންޓިއަރަކަށް މަސައްކަތް ކުރާ ސޮބްރީ ނެރެ ، ތަނުގައި އިސް މަޤާމުތަކުގައި ބޮޑު މުސާރަ ނަގައިގެން އުޅޭ 3 ޑިރެކްޓަރ ޖެނެރަލުން ފިލީ. .
ޖައިޝާން
12 September 2021
ހިލުމީ ރަނގަޅު އެގޮލާ ބަރާބަރަށް ޖަވާބުދާރީވާނެ ކޮންމެ މީހަކު ބައްދަލުކުރަން ދިޔަސް ހަމަ ވަގުތުން އެމީހުނާ ބައްދަވެސްކުރޭ، ދެން ހަދަންވީ ގޮތްވެސް ބުނެދޭ، އެމްޑީއެމް ގަ ހުރި އެންމެ ރަނގަޅު އެއް މުވަންޒަފު އެއީ، މީހުން ތަފާތެއްވެސް ނުކުރާނެ
ހަމީދު.
13 September 2021
އެން.ޑީ.އޭ ގެ ވެރިންގެ އިޚްލާސްތެރި ކަން ހުރި ވަރު ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުން ފެނުނީ.. ލީގަލް އޮފިސަރު ހިލްމީ އާ ތިތަނުގައި ވޮލަންޓިއަރަކަށް މަސައްކަތް ކުރާ ސޮބްރީ ނެރެ ، ތަނުގައި އިސް މަޤާމުތަކުގައި ބޮޑު މުސާރަ ނަގައިގެން އުޅޭ 3 ޑިރެކްޓަރ ޖެނެރަލުން ފިލީ. .ސުކުރަން .. ސުކުރަން....
ބިލް ކުލިންޓަން
12 September 2021
ދައުލަތް އިސްތިއުފާ.
އައްޑަނަ
12 September 2021
ކޮންމެ ރަށެއްގައި އެއަރޕޯރޓެއް އަޅައި، ނަރުދަމާ އަޅާފައި ބެޖެޓަކު ފައިސާ އެއްނެތޭ ބުނީމާ ރަނގަޅޫވާނޭ. ކޮންމެ މިނިސްޓްރީއަކު 15-20 އެކްޒެކްޓިވް ޑިރެކްޓަރ އާއި ސްޓޭޓް މިނިސްޓަރުން އަދި ޑެޕިޔިޓީ މިނިސްޓްރުން ލާ މުޅީ ސަރުކާރު އޮތީ ފުރިފާ - ހަރާން ފަދަ ކުރާ އަދި ކުރެވޭ އެއްކަމެއްވެސް! ދައލުލަތް ހިންގަން ކުރަން ޖެހޭކަން ކުރަން ފައިސާނެތްވާހަކަ ބުނީމާ ހިނި އަންނަނީ!
ބެނިޝްދެމް
12 September 2021
ހުރިހާ ޕާޓޭންތައް ފަޅުރަށަކަށް ލާފަ ބައިތިއްބާ!
ވެރިން
12 September 2021
ޕާޓޭންތައް ފަޅުރަށަކަށް އެޅުމަށްވުރެން ތިއެއްޗެހި އެތެރެ ކުރާ "ބޭފުޅުންތައް" ލާންފެނޭ .. އެހެން ނޫނީ ތި ލާހިކެއްނޫން ތިޔަބުނާ ޕާޓޭންތައް މަދުކުރާކަށް.