މުނިފޫހިފިލުވުން / ފިލްމު ރިވިއު

ކަންގަނާގެ "ތަލައިވީ" އަށް ތައުރީފު ނޫން އެއްޗެއް ނެތް

ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ސްޕެޝަލް ސްކްރީންތަކަށް ފަހު ފިލްމު ބެލި ހުރިހާ ކްރިޓިކުން ފިލްމަށް ތައުރީފު އޮއްސާލައިފި އެވެ.

މި ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނާގެ ރޯލު ކަންގަނާ ކުޅުނު ފިލްމުގައި ޖަޔަލަލީތާގެ ފިލްމީ ދުނިޔޭގެ ދުވަސްވަރާއި އޭނާ ފަހުން އިންޑިއާގެ ނުފޫޒު ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް، ޖަޔަލަލާތީގެ ހަޔާތުގެ އެކު ދުވަސްވަރާ އެކު ގެނެސްދީފައިވެ އެވެ.

"ތަލައިވީ" ކްރިޓިކުންނަށް ވަރަށް ކަމުދިޔަ ފިލްމަކަށްވެގެން ދިޔަ އިރު، ފާހަގުރެވުނީ ގާތްގަނޑަކަށް ހުރިހާ ރިިވިއުތަކުގައި ވެސް ފިލްމަށް ފަހަކުން ހަތަރު ތަރީގެ ޜޭޓިންއެއް ދީފައިވާކަމެވެ. އެއްވެސް ރިވިއުއެއްގެ ރޭޓިން ތިނަކަށް ވުރެ ދަށެއް ނޫނެވެ.

ކަންގަނާ އަކީ އަބަދު ވެސް ސްކްރީނުގައި ޖާދޫއެއް ކަހަލަ ބަތަލާއަކަށްވާތީ އޭނާގެ މޮޅު އެކްޓިން އެންމެ މަތީ ފަންތީގައި "ތަލައިވީ" ގައި ދައްކުވައި ދީފައިވާ ކަމަށް ކްރިޓިކުން އެއްބަސްވެ އެވެ.

ގިނަ ބަޔަކު އިތުބާރުކުރާ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ކަންގަނާ ވަނީ އަނެއްކާ ވެސް އޭނާ އަކީ ކިހާ މޮޅު ބަތަލާއެއްކަން "ތަލައިވީ" އިން ސާބިތުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ޖަޔަލަލީތާގެ އެކި ޒަމާން ފިލްމުގައި ދައްކުވައިދިން އިރު، ކަންގަނާ އެއިން ކޮންމެ ދައުރަކަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދީފައިވެ އެވެ. އަދި މި ފިލްމަކީ ކަންގަނާ ޖިސްމާނީ ގޮތުން ވެސް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނައި ފިލްމެކެވެ.

ތަރަން ބުނި ގޮތުގައި "ތަލައިވީ" އަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އަށް އަނެއްކާ ވެސް އެވޯޑްތަކެއް ހައްގުވާ ފެންވަރުގެ ފިލްމެކެވެ. އޭނާ ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ސިނަމާތަކަށް އައި އެންމެ ފުރިހަމަ ބައޮޕިކެވެ. އަދި ފިލްމުން އެތައް އިހުސާސް ގެނެސްދީފައިވާ ކަމަށާއި މުޅި ފިލްމަސް ބެލިޔަސް ހުރިހާ ކާސްޓުންގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ބުންޏެވެ.

"ތަލައިވީ" އަކީ ކޭއެލް ވިޖޭ ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކަމަށްވާ "ބާހްބަލީ" އާއި ކަންގަނާގެ 2019 ގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ރައިޓަރު ކޭވީ ވިޖެންދުރަ ޕްރަސާދެވެ.

ތަރަން ބުނި ގޮތުގައި "ތަލައިވީ" އަކީ މޮޅު އަދި އެހާމެ ފުރިހަމަ ފިލްމަކަށްވުމުގެ އަސްލަކީ އޭގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން އޮމާންވުމެވެ. އެގޮތުން ވިޖޭ ކޮށްފައި ހުރި މަސައްކަތް ވަރަށް ޗާލު ކަމަށާއި އޭނާ ފިލްމު ހަދާފައި އޮތީ ހުރިހާ ގިންތިއެއްގެ އޯޑިއަންސް ވެސް ޝައުގުވެރިވާނެ ގޮތަށް ކަމަށް ބުންޏެވެ.

ތަރަން ބުނީ "ތަލައިވީ" އެންމެ ބޮޑު އެއް ސަޕްރައިޒަކީ ލީޑް އެކްޓަރުގެ ރޯލު ކުޅުނު އަރުވިންދު ސްވާމީ ކަމަށެވެ. އޭނާ ފިލްމުގައި ކުޅުނީ ކުރީގެ މަޝްހޫރު އެކްޓަރު އެމްޖީ ރާމްޗަންދަރަންގެ ރޯލެވެ. އޭނާ އާއި ޖަޔަލަލީތާއާ ދެމެދު ލޯބީގެ އެތައް ކުޅިގަނޑެއް ހިނގާފައިވެ އެވެ. ތަރަން ބުނީ ފިލްމުގައި ކަންގަނާ އާއި އަރުވިންދުގެ ކެމިސްޓްރީ ވަރަށް ވެސް ހިތްގައިމު ކަމަށާއި އެ ދެ މީހުންނާ އެކު ފިލްމުގެ ޝައުގުވެރިކަން އެތައް ގުނަ ބޮޑު ކަމަށެވެ.

ތަރަންގެ ރިވިއުގައި "ތަލައިވީ" ވަރަށް ވަރުގަދަ ފިލްމެއްގެ ގޮތުގައި ސިފަކޮށް ބުނީ މޮޅު ފިލްމެއް ބަލައިލަން ބޭނުން ނަމަ މިއީ ހަމަ ބަލަން ޖެހޭ ފިލްމެއް ކަމަށެވެ. އޭނާ ފިލްމަށް ދިނީ ފަހެކުން ހަތަރު ތަރީގެ ރޭޓިންއެކެވެ.

ކަންގަނާ ވަނީ ފިލްމުގެ ސްޕެޝަލް ސްކްރީންތަކަށް ފަހު ގިނަ މީޑިއާތަކުގައި ކްރިޓިކުން ގެނެސްދިން ރިިވިއުތައް އޭނާގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފަ އެވެ. އެކަމުން ދައްކުވައި ދެނީ މި ފިލްމަކީ އޭނާ އަށް ކިހާ މުހިއްމު ފިލްމެއްކަމެވެ. "ތަލައިވީ" ގެ ޓްރެއިލާ މި އަހަރުގެ ކުރީކޮޅު އާންމުކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ މި ފިލްމަކީ އޭނާ ފަސް ވަނަ ނެޝަނަލް އެވޯޑެއް ވެސް ކަށަވަރުކުރާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.

"ތަލައިވީ" ރިލީޒްކުރީ އިންޑިއާގައި އާންމުކޮށް ވާހަކަ ދައްކައި އުޅޭ ހުރިހާ ބަހުރުވައަކުންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުލްޒާރު

10 September 2021

މަގޭ ބޯ ތަލަވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454