ދުނިޔެ / 9/11 ހަމަލާ

ސެޕްޓެމްބަރު 11ގެ ހަމަލާއާ ސައޫދީއާ ގުޅުމެއް ނެތް

12 ސެޕްޓެމްބަރ 2021 - 15:25

2 comments

ސެޕްޓެމްބަރު 11، 2001 ގައި، އަލްގާއިދާ ޖަމާއަތުން އެމެރިކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ސައޫދީ އަރަބިއްޔާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށް، އެމެރިކާގެ، މަރުކަޒީ ތަހުގީގީ އިދާރާގެ ހޯދުންތަކުން ދައްކައިފި އެވެ.

ހަތަރު މަތިންދާބޯޓެއް ހައިޖެކްކޮށް، އެ ބޯޓުތައް ހަތިޔާރަކަށް ހަދައިގެން ހަތަރު ތަނެއްގައި ޖައްސައި ގޮއްވާލައިގެން ދިން، ނުރައްކާތެރި ހަމަލާއާ ގުޅޭ ގޮތުން، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކުރި ތަހުގީގުގެ ސިއްރު ރިޕޯޓެއް، އެ އިދާރާ އިން ރޭ ވަނީ އާންމުކޮށްފަ އެވެ.

އެފްބީއައި އިން މި ރިޕޯޓް އާންމުކުރީ، އެ ހަމަލާގައި އެކި ގޮތްގޮތުން ގެއްލުން ލިބިފައިވާ 1600 މީހަކު ސޮއިކޮށް، އެ ރިޕޯޓް އާންމުކުރުމަށް އެދި ފޮނުވި ސިޓީއަކާ ގުޅިގެން، އެ ރިޕޯޓް އާންމުކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަމުރުކުރެއްވުމުންނެވެ. އެ ސިޓީގައި އެމީހުން އެދިފައިވަނީ، އެމީހުންގެ ގާތްތިމާގެ އެތައް ބަޔަކު މަރުވެ ދިޔަ އެ ހާދިސާގެ ތަހުގީގުން ހޯދުނު ހޯދުންތައް އާންމުކުރެއްވުމަށް ފަހުގައި ނޫނީ، އެ ހަމަލާގެ ހަނދާންތައް އާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިޑެން ބައިވެރިވަޑައިނުގަތުމަށެވެ.

ސެޕްޓެމްބަރު 11ގެ ހާދިސާގެ ތަހުގީގުގެ ހޯދުންތައް އާންމުކުރުމަށް ގޮވާލައި، އެމެރިކާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ހޯދުންތައް އާންމުކުރަން ބޭނުންވީ، އެ ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހަކަށް ސައޫދީ ސަރުކާރުން ބައެއް މައުލޫމާތު ފޯރުކޮށްދިން ކަމަށާއި، މާލީ ގޮތުން އެހީތެރިވެދިން ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދުމުގެ ގޮތުންނެވެ.

ރޭ އާންމު ކުރި ތަހުގީގު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ސެޕްޓެމްބަރު 11ގެ ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހަކާއި، އެމެރިކާގައި ތިބޭ ސައޫދީ އަރަބިއްޔާގެ ޑިޕްލޮމޭޓުންނާ ދެމެދުގައި މުއާމަލާތްތަކެއް ހިންގާފައި އެބަހުއްޓެވެ. ނަމަވެސް އެ ހަމަލާގައި ސައޫދީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައިވާ ކަމަށް ބުނެފައެއް ނެތެވެ.

ސައޫދީ ސަރުކާރުން އެ ހަމަލާގެ ބައިވެރިންނަށް އެހީތެރިވެދިން ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރަން ފެށުމާ ގުޅިގެން ވެސް، ސައޫދީ ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ތަހުގީގު ރިޕޯޓް އާންމުކުރުމާ ގުޅިގެން، އެމެރިކާގައި ހުންނަ ސައޫދީ އެމްބަސީން އިއްޔެ ބުނި ގޮތުގައި، ސައޫދީއާ މެދު ކުރަމުން އައި ތުހުމަތުތަކުގެ އެއްވެސް އަސްލެއް ނެތްކަން ސާބިތުކޮށްދިން އެ ރިޕޯޓް އާންމުކުރުމަކީ، ސައޫދީން ތާއީދުކުރާ ކަމެކެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އާންމުކުރެވެން ހުރީ ކޮންކޮން ލިޔުންތަކެއްކަން މުރާޖައާ ކުރުމަށް، ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާގައިވަނީ، ޖަސްޓިސް ޑިޕާޓްމަންޓަށް އަންގަވައިފަ އެވެ. އެފްބީއައިގެ ފަރާތުން ތަހުގީގުކޮށް 2016 ވަނަ އަހަރު އެކުލަވައިލި 16 ސޮފްހާގެ ރިޕޯޓް ރޭގައި އާންމު ކުރެއްވީ، ސެޕެޓެމްބަރު 11ގެ ހަމަލާގެ ހަނދާން އާކުރުމަށް ނިއު ޔޯކް އާއި ޕެންސެލްވީނިއާ އަދި އުތުރު ވާޖީނިއާގައި އިއްޔެ ބޭއްވި އިހުތިފާލުތަކުގައި ރައީސް ބައިޑެން ބައިވެރިވެވަޑައިގެންނެވި ފަހުންނެވެ.

ސެޕްޓެމްބަރ 11، 2021؛ އަލްގާއިދާގެ ފަރާތުން ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް، ޕެންސެލްވީނިއާގައި ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން، މާބޮނޑިއެއް ބާއްވަނީ. --އޭއެފްޕީ

ރޭ އާންމުކުރި ރިޕޯޓްގައިވާ ގޮތުން، ސެޕްޓެމްބަރު 11ގެ ހަމަލާގައި ބައިވެރިވި ދެ މީހަކަށް އެކި ގޮތްގޮތުން އެހީތެރިވުމުގައި އުޅުނު އެކަކީ، ކިޔަވާ ދަރިވަރެއްގެ ގޮތުގައި ލޮސް އެންޖަލިސްގައި އުޅެމުން އައި ސައޫދީ ރައްޔިތެއް ކަމަށްވާ އުމަރު އަލް ބައްޔޫމީ ކިޔާ މީހެކެވެ. ނަމަވެސް އެފްބީއައި އިން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ، ސައޫދީ އަރަބިއްޔާގެ ޖާސޫސީ އޭޖެންޓެކެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާގައި ހަތަރު މަތިންދާބޯޓު ހައިޖެކް ކުރުމުގައި ބައިވެރިވި 19 މީހުންގެ ތެރެއިން، ސައޫދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނަކީ، ޕެންޓަގަންގައި ޖެއްސި އެމެރިކަން އެއާލައިންސްގެ ފްލައިޓް 77 ހައިޖެކް ކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ ޚާލިދު އަލް-މިހްޟަރް އާއި ނަވާފް އަލް-ހާޒިމީ އެވެ.

މި ހަމަލާއާ ސައޫދީ އަރަބިއްޔާ ސަރުކާރާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރަން ފެށީ، މި ހަމަލާގައި މަތިންދާބޯޓުތައް ހައިޖެކްކުރުމުގައި ބައިވެރިވި 19 މީހުންގެ ތެރެއިން 15 މީހުންނަކީ ސައޫދީ އަރަބިއްޔާގެ ރައްޔިތުންނަށް ވުމުންނެވެ. އޭގެ އިތުރުން، މި ހަމަލާގެ މޭސްތިރިޔާ ކަމަށްވާ، އަލްގާއިދާ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިންއަކީ ވެސް ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއާ އެކު، ކުރީގެ އަހަރުތަކުގައި ވަރަށް ގާތް ގުޅުމެއް އޮތް މީހެކެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާ ތަހުގީގުކުރި ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ ހަމަލާގައި ބައިވެރިވި އެއްވެސް މީހަކަށް، ސައޫދީ އަރަބިއްޔާގެ ސަރުކާރުން، ނުވަތަ ސައޫދީ ސަރުކާރުގެ އިސް އޮފިޝަލަކު ފަރުދީ ގޮތުން ވިޔަސް، އެހަމަލާގެ އެއްވެސް ކަމަކަށް މާލީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދިން ކަމުގެ ހެއްކެއް ނެތެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާ ދިނުމަށް ހައިޖެކް ކުރި ހަތަރު ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު، އެމެރިކަން އެއާލައިންސްގެ ފްލައިޓް 11 ޖެއްސީ، ނިއު ޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ނިބޫ ދެ ގެ ތެރެޓަވަރުގެ ތެރެއިން އުތުރު ޓަވަރުގަ އެވެ. ދެ ވަނަ ބޯޓު، ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 175 ޖެއްސީ ދެކުނު ޓަވަރުގަ އެވެ.

ތިން ވަނަ ބޯޓު އެމެރިކަން އެއާލައިންސްގެ ފްލައިޓް 77 ޖެއްސީ ދިފާއީ ވުޒާރާގެ އިމާރާތް ޕެންޓަގަންގަ އެވެ. އަދި ހަތަރު ވަނަ ފްލައިޓް ހައިޖެކްކޮށްގެން ގެންދަނިކޮށް، އޭގައި ތިބި ދަތުރުވެރިން، ހައިޖެކް ކުރި މީހުންނަށް ހަމަލާދީ ބޯޓު ތެރޭގައި ހައިޖާނު ހެދުމުން، ޕެންސެލްވީނިއާގެ ޝޭންކްސްވިލީ ކިޔާ ފަޅު ސަރަހައްދަކަށް ވެއްޓުނީ އެވެ.

މީގެ 20 އަހަރު ކުރިން ދިން އެ ހަމަލާގައި ޖުމްލަ 2977 މީހުން މަރުވި އެވެ. އޭގެ އިތުރުން 25000 މީހުން ޒަހަމްވި އެވެ. އަދި 10 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފުރާސިޔާބު

12 September 2021

ލާރިގަނޑެއް ލިބުނީތަ؟ ނޫނީ ދޭނެކަމަށް ބުނީތަ؟ އެކަމަކު ބުނިދޯ ސައޫދީރައްޔިތުންނޭ ބައިވެރިވީ. ދެން ނޫސްވެރިޔާ ޚަޝޮގްޖީގެ މަސްގަނޑުން ޖޫސް ގިރާލުމުގައި ސައޫދީއާ ގުޅުމެއް އެބޮތްތަ؟

The name is already taken The name is available. Register?

ނިރު

12 September 2021

ގުޅުން އޮތަސް ނެތަސް ސައުދީ އަކާ އެމެރިކާއަކަށް ނުކުޅެވޭނެ ކުޅެވޭނަމަ ހާޝިގީ މަރާލި މައްސަލާގަ އެމެރިކާއިން ފިޔަވަޅެއް އެޅީސް މިއީ ސައުދީއިން އަދުލު އިިންސާފުން އެއްކިބާބެ މީހަކު މަރިލިކަން ފަޅާއަރާގެން ދިޔަފަހަރެއް. .. އޯޕެކް ގައުމުތަކުގެ ހުރިހާ ބާރެއް އޮތީ ސައުދީ އަތުގަ އެއަށް އެމެރިކާއިން ޖެހޭނީ އިސްޖަހާލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454