އަލީ ވަހީދު، އައްސަދާ އެކު: އަލީ ވަހީދު އެނބުރި ވަޑައިނުގަތް މައްސަލާގައި އަސްހަދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވޭ --- ފޮޓޯ/މިހާރު
12 ސެޕްޓެމްބަރ 2021 - 14:33
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިިޔަވަޅު އަޅަންޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް އަލީ ވަހީދުގެ މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. މުއްދަތު ހަމަވިއިރު ވެސް، އަލީ ވަހީދު އެނބުރި ވަޑައިނުގަތުމުން އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އެދުނަސް، ކްރިމިނަލް ކޯޓުން ނިންމީ އޭނާއަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަލީ ވަހީދު ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަންނަވާނެކަން ކަށަވަރު ކުރުމަކީ އަޑުބަރޭގެ ޒިންމާއެއް ކަމަށާއި އެކަން ނުކޮށްފި ނަމަ އޭނާއާ މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އެކަމަކު މުއްދަތު ހަމަވިއިރު އަލީ ވަހީދު ރާއްޖެ އެނބުރި ވަޑައިނުގަތުމުން ވެސް، އަޑުބަރޭގެ ފަރާތުން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
"އަލީ ވަހީދު ރާއްޖެ ގެނައުމާ ގުޅޭގޮތުން ޖާމިނުވި އަސްހަދު އަލީގެ ފަރާތުން ކޮށްފައިވާ ކަމެއް ފެންނާކަށް ނެތެވެ. އޭގެ އިތުރުން އަސްހަދު އަލީ ވެފައިވާ އިގުރާރާ އެއްގޮތަށް އަމަލު ކުރުވުމަށްޓަކައި ދައުލަތާއި އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތެވެ." އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވަނީ އަޑުބަރޭއަށް ފިޔަވަޅު އެޅެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އެންގުމުން އެކަމާބެހޭ ލިޔުންތައް އެ ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައެއް ނުވާ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
އަޣުލަބިއްޔަތު ރައުޔަށް ތާއީދު ކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒް އިތުރަށް ވިދާޅުވެފައިވަނީ މީހަކު އެނބުރި އަންނާނެ ކަމަށް ބުނެ ޖާމިނުވުމަކީ ގާނޫނީ ގޮތުން ސީރިއަސް ނަތީޖާތަކެއް ނިކުންނާނެ ކަމެއް ކަމަށެވެ. އެކަމަކު ޖާމިނުވުމަކީ ސީރިއަސް ކަމެއް ނެތް ކަމެއްގެ ގޮތުގައި ދައުލަތުން އަމަލު ކުރުމަކީ "ބޭނުންހާ ކުޅިވަރެއް ކުޅެން ދެވޭ ފުރުސަތެއް" ކަމަށާއި އެހެންވެ، ޕާސްޕޯޓް ހިފެހެއްޓުމަށް ވުރެ ޖާމިނުވި މީހާއަށް ފިޔަވަޅު އެޅުން މާ މުހިންމު ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
"މިހާރު ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އެދުމަށް ވުރެ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުވާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމަކަށް ދެކެމެވެ." ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމީ ދައުލަތުން އެދިފައި އޮތީ މާ ކުރިން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް ކަމަށްވާތީ ކަމަށެވެ. ދައުލަތުން އެދުނީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު އޭނާއަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށެވެ. އެކަމަކު އެ ޕާސްޕޯޓް އޮތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފަ އެވެ. އެހެންވެ، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ ވެސް އަމިއްލަ ޕާސްޕޯޓުގަ އެވެ. އެކަމަކު އެ ޕާސްޕޯޓް ހިފަހައްޓާކަށް އެދިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
12 September 2021
ސާބަހޭ ތިކުރާ ހިތްވަރަށް
ނެކްސްޓް
12 September 2021
މީއަޅެފަހެ މީދައުލަތެއްތަ؟ ކެންސަލްކޮށްފައި އޮތް ޕާސްޕޯޓެއް ފަހަތުން މިދުވަނީ ކީކެ ބުނާނީ
ބިލް ކުލިންޓަން
12 September 2021
އަޑޭ އިސްތިއުފާ!
އަސްތާ
12 September 2021
ދެން އަނެއްކާ އަޑުބަރޭ އަނގަ ނުހުޅުވައިފިއްޔާ ރަގަޅު.
ހުވަފެންބެ
12 September 2021
ބަލަގަ އަޑުބަރޭ ޔަގީންކަން ދިނަސް އާޭނަ އަންނަން ނެތިއްޔާ ދަމާކޫއަތާފަ ނުގެނެވޭނެ. އެކަން ވާނަމަ މިއަދާ ޖެހެންދެން އަލީވަހީދު އެހެން ބޭރުގައެއްގަ އަރާމުކޮށެއް ނޫލެވޭނެ. ސަރުކާރުގަވެސް ގާބިލުކަމެއް ނެތްކަން މިފެންނަނީ.
ރަދީފްއޮފިޝިއަލް
12 September 2021
އަޑުބަރޭއާއި ނުކުޅެވޭނެ.އޭނަ ގައުމީ ޓީމް ސްކޮޑަށް ނަގާފަ ހުރީ ވެސް ތިޔާ ކްރިމިނަލް ދާގަނޑުން ނައްޓުވަން.ސިކުނޑި ބޭނުންކޮށްބަލަ.
ދޫނިރާއްޖޭގެ ކަތީބު
13 September 2021
ބަލަ ގިނަ ރައްޔިތުންނަށް ތިއެއް ބޭނުން ކުރަން ނޭގިގެނތާ މިހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ.. އަމިއްލަ ސިކުނޑި ބާއްވާފައި ޕާޓީ ލީޑަރުގެ ސިކުޑިން ވިސްނަންފެށީމާ ވާނެ އެތި މިވަނީ..
ވޯލް
12 September 2021
ރައީސް ދިން މާޤާމެއްގަ ހުރި މީހެއް. ހަމަ ވަގުތުން ވަކި ކުރަން ގޮވާލަން
ޖޯޖު
12 September 2021
މިކަލަހަ ބޮޑެތި މަގާމު ދޭއިރު އެމީހާގެ ޑިސިޕްލިންއަށް ބެލުމެއްވެސް ނޯވޭތަ، އަޑޭއަކީ 2008 އަހަރު ސާފްޗެންޕިއަންޝިޕްގައި ޓީމުގެ އޮފިޝަލެއްގެ ޕާސްފޯޓް ފޮރުވައިގެން، އޭރުގެ ކޯޗަށް ކަމުނުގޮސްގެން ގެއަށް ފޮނުވާލިމީހެއް. މިފަދަ މީހަކަށް އެފަދަ ބޮޑު މާގާމެއް ހައްގުވޭތަ!
އަހުމިއްޓެ
12 September 2021
ބަލަގަ ދެން ކީއްވެތަ ހައިކޯޓުން އަޑުބަރޭ ހައްޔަރުކުރަން އަމުރު ނުނެރުނީ. ހަމަ އެއްކަމެއްވެސް ކުރެވޭ ފަނޑިޔާރުންނެއް ނޫންމިތިބެނީކީ.
ސުންކު
12 September 2021
ހަމަ ގަސްދުގަ ނޭޅީ ކަމަށް ބެލެވެނީ.
ނިރު
12 September 2021
އަލީ ވަހީދުގެ ޓްވީޓްތަކާހެދި ސަމީމް އެހެންނަނީ ފިތިފަ..