ދުނިޔެ / މެލޭޝިއާ

މެލޭޝިޔާގެ ސަރުކާރާއި އިދިކޮޅު ކޯލިޝަން އެއްގަލަކަށް

މެލޭޝިޔާގެ އާ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބު

13 ސެޕްޓެމްބަރ 2021 - 15:10

1 comments

މެލޭޝިޔާ އަށް މި ވަގުތު ކުރިމަތިވެފައިވާ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް، އެ ގައުމުގެ އާ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބާއި އިދިކޮޅު ކޯލިޝަނުން އެއްބަސްވެއްޖެ އެވެ.

އިތުބާރު ދެމެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ދެލިކޮޕީއާ މެދު ދެ ފަރާތުން ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މިއަދު އަލުން ފެށުމުން، ރަސްމީ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރާނެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމަށް އޮގަސްޓް 25 ވަނަ ދުވަހު އިސްމާއީލް ސަބްރީ އައްޔަންކުރުމާ އެކު، އިދިކޮޅު ކޯލިޝަންގެ އިސް ވެރިންނާއެކު މަޝްވަރާ ކުރައްވައި، ދެ ފަރާތުގެ މެދުގައި އެއްބާރުލުމުގެ އެއްބަސްވުމެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ އުމްނޯ ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގައި ލިބިފައިވަނީ ވަރަށް ހަނި އަގުލަބިއްޔަތެކެވެ. އެހެންކަމުން، ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭހާ މުއްދަތަކަށް ސަރުކާރު ދެމިއޮތުމަށްޓަކައި، އިދިކޮޅު ޕާޓީތަކުގެ ރުހުން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން އުމްނޯ އަށް ލިބިފައިވަނީ 114 ގޮނޑި އެވެ.

އިދިކޮޅު ފަރާތްތަކުގެ ތާއީދާ އެކު، އިސްމާއީލް ސަބްރީގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނީ، ގައުމުގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށެވެ. އެ ގޮތުން ސަރުކާރު ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް، ގާނޫނު ހަދާ މަޖިލީހަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ބާރުތަކެއް ގާނޫނު ހަދާ މަޖިލީހަށް ދޫކޮށްލުން ހިމެނެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެހީތެރިވުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކަށް ފަހު، އިދިކޮޅު ކޯލިޝަންގެ ފަރާތުން ބުނީ، ގައުމީ މަސްލަހަތު އިސްކޮށްގެން އިހުލާސްތެރިކަމާ އެކުގައި ސަރުކާރުން މަޝްވަރާކޮށްގެން ކުރިއަށް ދާން ބޭނުންވާ ނަމަ، ކޯލިޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އެ ގޮތުން، މިއަދު ފެށި ދައުރުގެ ޖަލްސާތައް ކުރިއަށް ދާއިރު، މިއަންނަ އަހަރުގެ ބަޖެޓް ހުށަހަޅައިގެން، ބަޖެޓްގައި ހުރި ކަންކަމާ ގުޅޭ ގޮތުން، އިދިކޮޅު ކޯލިޝަންގެ ލަފަޔާއި މަޝްވަރާއާ އެއްގޮތަށް ބަޖެޓް އިސްލާހްކުރަން މަޝްވަރާކުރާ ނަމަ، ބަޖެޓަށް ވޯޓު ދޭނެ އެވެ. ނަމަވެސް، އެފަދަ އިހުލާސްތެރިކަމެއް ނެތި ބަޖެޓް ފާސްކުރަން އުޅުނަސް، ބަޖެޓަށް ވޯޓު ނުދޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

އާ ބޮޑުވަޒީރު އިސްމާއީލް ސަބްރީ، މިދިޔަ ހުކުރު ދުވަހު ވަނީ، އޭނާގެ އިސްލާހީ އެޖެންޑާ އިއުލާން ކުރައްވައިފަ އެވެ. އިސްލާހީ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުން މަނާކުރާ ގާނޫނެއް ހެދުމާއި، އިންތިހާބުތަކުގައި ވޯޓު ލެވޭ އުމުރު 21 އަހަރުން 18 އަހަރަށް ހަގު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ބޮޑުވަޒީރެއްގެ މަގާމުގެ ދައުރަކީ 10 އަހަރު ކަމަށް ކަނޑައެޅުމަށާއި، ގާނޫނު ހަދާ މަޖިލީހަށް އެއްވެސް ބިލެއް ހުށަހެޅުމުގެ ކުރިން، އިދިކޮޅު ކޯލިޝަނާ އެކުގައި މަޝްވަރާކޮށް ދެ ފަރާތަށް އެއްބަސްވެވޭ އިސްލާހުތައް ގެނައުމަށް ފަހުގައި، ގާނޫނު ހަދާ މަޖިލީހަށް ބިލްތައް ހުށަހެޅުން ވެސް ހިމެނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިމްޕަލް

13 September 2021

މެލޭޝިއާ ބޮޑުވަޒީރުގެ އިސްލާހީ އެޖެންޑާގައި މިވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުން މަނާކުރާ ގާނޫނެއް މި ރާއްޖެއަށްވެސް ވަރަށް ބޭނުންތެރިކަމަށް ފެނޭ. ޕާޓީ ބަދަލުކޮށްފިނަމަ ވަގުތުން މެންބަރުކަން ގެއްލޭ ގޮތަށް ހަދަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454