ދުނިޔެ / އަފްޣާނިސްތާން

އަފްގާނިސްތާނަށް އެހީވުމަށް ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

14 ސެޕްޓެމްބަރ 2021 - 10:12

3 comments

އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެ ގައުމަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމަށްޓަކައި، އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަމަޖެހިފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނަށް އެހީވާނެ ފައިސާ ހޯދުމަށް، އެހީދޭ ގައުމުތަކުގެ މެދުގައި ދެ ދުވަހުގެ މުއްދަތަށް، ޖެނީވާގައި ބޭއްވި މަހާސިންތާ އިއްޔެ ނިންމަވާލެއްވުމަށް ފަހު، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އެހީ ދޭ ގައުމުތަކުން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޭން ވަނީ ވައުދުވެފަ އެވެ. ނަމަވެސް، އެ ގައުމުތަކުން ދޭން ވައުދުވި ޖުމްލަ ފައިސާގެ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ އިގްތިސާދު މުޅިން ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކުރުމަށްޓަކައި، އެ ގައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ބައިނަލްއަގުވާމީ މުޖްތަމައުން ހޯދަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އެ ގައުމުގެ އިގްތިސާދު މުޅިން ބަނގުރޫޓުވާ ހާލަތެއްގައި އެކަމުގެ ނުރަނގަޅު އަސަރުތައް އަފްގާނިސްތާނުގެ އާންމު މުޖްތަމައަށް ފޯރައި، އެކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ލޮޅުން އަރަން ފަށާނެ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުން އަފްގާނިސްތާނުގެ ވަގުތީ ސަރުކާރު ބަލައިނުގަތް ކަމުގައި ވިޔަސް، އަފްގާނިސްތާނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުން އެމީހުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، އދ.ގެ މުވައްޒަފުން އަފްގާނިސްތާނުގައި ބައިތިއްބާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަފްގާނު ރައްޔިތުންނަށް މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދަތި އުނދަގޫ ކަމެއް ކަމަށް ވިޔަސް، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އަފްގާނު ރައްޔިތުންނަށް އެހީތެރިވުމުގައި އދ. އިން އިސް ދައުރެއް އަދާކުރާނެ އެވެ.

އެހީ ދޭ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް، އދ. އިން އިންތިޒާމުކޮށްގެން އެއް ދުވަހަށް މި ބޭއްވީ، އަފްގާނަށް މި ވަގުތަށް ބޭނުންވާ 600 މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގަ އެވެ. އދ. އިން ބުނާ ގޮތުގައި އަފްގާނުގައި މިހާރު އެންމެ ދަތި ހާލުގައި އުޅޭ 11 މިލިއަނެއްހާ މީހުންނަށް، ކުރިއަށް އޮތް ހަތަރު މަސްދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ގަތުމަށްޓަކައި، މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން އެ ގައުމުގެ ކޮންމެ ސަރަހައްދަކަށް އދ.ގެ މުވައްޒަފުންނަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ކަމަށް ތާލިބާނުން ވަނީ ޖާމިނުވެފަ އެވެ.

"މި މަރުހަލާގައި، ތާލިބާނުންނާ މުއާމަލާތު ކޮށްގެން ނޫން ގޮތަކަށް، އަފްގާނިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމެއް،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

މި މަހާސިންތާ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކައިގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިހާރު އަފްގާނިސްތާނުގެ ރައްޔިތުންނާ ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމަކީ، ދުނިޔޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ހައިހޫނުކަމުގެ ހާދިސާ ކަމަށެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މުޅި ދުނިޔޭގެ އެހީތެރިކަން އަފްގާނިސްތާނަށް ބޭނުންވާ ކަމަށާއި، އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ކާބޯތަކެތި ގެންދެވޭނެ ފަސޭހަ އިންތިޒާމެއް ވެސް ހަމަޖައްސަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންނާ މެދު މައްސަލަތަކެއް ހުރި ނަމަވެސް، އެ މައްސަލަތައް ވެސް ހައްލުކުރެވޭނީ، ތާލިބާން ސަރުކާރާ އެކުގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން ކަމަށެވެ. އެގޮތުން ހައްލު ކުރަންޖެހޭ މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި އިންސާނީ ހައްގުތައް ކަށަވަރުކުރުން ހިމެނެ އެވެ.

އެހީދޭ ގައުމުތަކުން ދޭން އެއްބަސްވި ބިލިއަން ޑޮލަރުގެ އިތުރުން، އެމެރިކާ އިން ވެސް އިއްޔެ ވަނީ، އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 64 މިލިއަން ޑޮލަރު ދޭނެ ކަން އިއުލާން ކޮށްފަ އެވެ. އެމެރިކާ އިން ބުނި ގޮތުގައި، އެ ފައިސާގެ ތެރެއިން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުވައިދޭނީ، ތާލިބާނުންގެ ސަރުކާރާ ނުބައްސައި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކާ ހަވާލުކޮށްގެންނެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި އދ.ގެ އެކި އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް، އެމެރިކާ އިން އަފްގާނިސްތާނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުގައި ތިބި އިރު ވެސް، އަފްގާނު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނަށް ހިނގާ ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަމަޖައްސަމުން އައީ، ބައިނަލްއަގުވާމީ އެހީގެ ތެރެއިންނެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިރު

14 September 2021

ހުރިހާ އަރަބި ޤައުމުތަށް އެކަތިގަޑަކަށްވެ އަފްޤާނިސްތާން އަށް އެހީތެރި ކަން ފޯރުވާދޭނެޖެހޭނެ ވަގުތު މިހާރ އައިސްސި ...

The name is already taken The name is available. Register?

mRNA vaccines

15 September 2021

އަރަބި ގައުމުތަކަކީ މާމުއްސަދި ކަމަށް ހެދިގެން އުޅުނަސް އެހާ މުއްސަދި ގައުމު ތަކެއް ނޫން. ގައުމެއް ލިބޭ ގިނާ ފައިސާ ދަނީ މަދު ބަޔެއްގެ އައްމައްޗަ. ސައުދީ އަރަބިޔާގައި ރަގަޅު ބޯފެން ނުލިބޭ އެތައް މިލިޔަން ބަޔަކު އުޅޭ.

The name is already taken The name is available. Register?

މަހަށްދޭދޭބަލަ

14 September 2021

އަފްއާނިސްތާނުގެ 9 ބިލިއަން ޑޮލަރު އެމެރިކާގެ ރައީސް ބައިޑަނޭ ގެ އެންގުމަށް އެބަހުރި ހިފެހެއްޓިފައި އެއީ ބައިޑަނޭގެ މައިންބަފައިންގެ ތަރިކަމުދަލެއް ނޫނޭ އެފައިސާ މިހާރުން މިހާރަށް ދޫކޮށްލާށޭ ތިޔާއީ އެފައިސާ އިން އދ. އިން ދޭ ފައިސާ ނޫންތޭ އދ. ތިޔާއީ ފީގުދާނެކޭ އދ. މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454