15 ސެޕްޓެމްބަރ 2021 - 10:59
އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެކުލަވައިލި އާ ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސި ގޮތާ މެދު، ތާލިބާނުންގެ އިސް ވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.
ތާލިބާން ޖަމާއަތުގެ އިސް ބައެއް ބޭފުޅުން ބީބީސީ އަށް ކިޔައިދިން ގޮތުގައި ތާލިބާން ޖަމާއަތުގެ އިސް ވެރިންގެ މެދުގައި ދެބަސްވުން ހިނގީ މިދިޔަ ހަފުތާގައި، ރިއާސީ ގަނޑުވަރުގައި އޮތް ބައްދަލުވުމެއްގެ ތެރޭގަ އެވެ. މިދެބަސްވުން ހިނގީ، އެ ޖަމާއަތުގެ އެއް މުއައްސިސް އަދި މިހާރު ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ ބަރާދަރު އާއި ކެބިނެޓްގެ އެހެން މެމްބަރަކާ ދެމެދުގަ އެވެ.
ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމާއެކު، އާންމުކޮށް ފެންނަމުން ދިޔަ އެއް ބޭފުޅަކީ އަބްދުލްޣަނީ ބަރާދަރު އެވެ. ނަމަވެސް މި މަހުގެ 6 ވަނަ ދުވަހު ވެރިކަން އިއުލާންކުރި ފަހުން، މީޑިއާތަކުން އޭނާ ފެނުން މަދުވެފައިވާތީ، ތާލިބާންގެ އިސް ވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނަމަވެސް، އެ ތުހުމަތުތަކާ ގުޅޭ ގޮތުން ތާލިބާނުންގެ ފަރާތުން ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ތާލިބާނުންގެ އިސް ބޭފުޅަކު ބީބީސީ ޕޮޝްތޫ އަށް ކިޔައިދިން ގޮތުގައި، ދެބަސްވުން އުފެދުނީ އަބްދުލްޣަނީ ބަރާދަރު އާއި ރެފިއުޖީންނާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރި ޚަލީލުއްރަހްމާން ހައްގާނީއާ ދެމެދުގަ އެވެ. ދެބޭފުޅުންގެ މެދުގައި ހަރުކަށި ބަސްތައް ބޭނުންކުރަމުން ދިޔަ އިރު، އެ ތަނުގައި ތިބި އެހެން މީހުންގެ މެދުގައި ވެސް ދެބަސްވުންތައް ހިނގަމުން ދިޔަ އެވެ. އެއް ބަޔަކު ތިބީ ބަރާދަރާ އެއްކޮޅަށެވެ.
ތާލިބާންގެ ހަނގުރާމަވެރިއަކު އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން އަފްޣާން ސިފައިންގެ މީހަކާ ސަލާމްކޮށް އީދުގެ ތަހުނިޔާ ބަދަލުކުރަނީ.
ކަމުގެ ހަގީގަތް އެނގޭ އެހެން ބޭފުޅަކު ބީބީސީ އަށް ކިޔައިދިން ގޮތުގައި، ކެބިނެޓް އެކުލަވައިލި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ ބޮޑުވަޒީރުގެ ނައިބު އަބްދުލްޣަނީ ބަރާދަރު އެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އަރާރުން ހިނގަމުން ދިޔަ މައިގަނޑު ނުކުތާއަކީ، ތާލިބާނުންނަށް ލިބުނު ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ ކާކުތޯ ކުރެވުނު ސުވާލެވެ.
ބަރާދަރު ވިދާޅުވަމުން ގެންދެވީ، ތާލިބާނުންނަށް ގައުމުގެ ވެރިކަމާ ހަމައަށް އާދެވުނީ، ތާލިބާން ޖަމާއަތުގެ ސިޔާސީ ވެރިން ޑިޕްލޮމެޓިކް ގޮތުން ކުރެއްވި މަސައްކަތުން ކަމަށެވެ. ނަމަވެސް ހައްގާނީ ވިދާޅުވި ގޮތުގައި ތާލިބާނުންނަށް ލިބުނު ކާމިޔާބީގެ އަސްލަކީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ މައިދާނުގައި ވި ގުރުބާނީ އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން އެމެރިކާގެ އިސް މަންދޫބާ އެކު ކުރެވުނު މަޝްވަރާތަކުގައި ތާލިބާނުންގެ ފަރާތުން ހުންނެވި އިސް މަންދޫބަކީ ބަރާދަރު އެވެ. އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަބްދުލްޣަނީ ބަރާދަރު ވަނީ، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔައިރު ވެސް، ތާލިބާން ޖަމާއަތުގެ އެންމެ ވަރުގަދަ ވިއުގަ ކަމަށްވާ ހައްގާނީ ވިއުގައިން ދިޔައީ، އެމެރިކާ ސިފައިންނާއި އަފްގާނު ސަރުކާރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެމެރިކާ އިން ހައްގާނީ ވިއުގަ ގިންތިކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގަ އެވެ.
ކާބުލް ހިފުމަށް ފަހު ކާބުލް ވައިގެ ބަނދަރަށް ދެވޭ މައި މަގުގައި ތާލިބާންގެ ހަނގުރާމަވެރިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ
ތާލިބާނުންގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ދެބަސްވުން އުފެދުމާ އެކު ބަރާދަރު ވަނީ ކާބުލް ދޫކުރައްވައި ކަންދަހާރަށް ވަޑައިގެންފަ އެވެ.
ބަރާދަރު ވީތަނަކާ މެދު މިހާރު ސުވާލު އުފެދިފައިވާ އިރު، ތާލިބާންގެ ފަރާތުން އެކަމާ ގުޅޭ ގޮތުން މިހާތަނަށް ދައްކަމުން އަންނަނީ އޮޅުން އަރާ ފަދަ ވާހަކަތަކެކެވެ. އެންމެ ފުރަތަމަ ބުނީ ބަރާދަރު އުޅުއްވަނީ ކަންދަހާރަށް ވަޑައިގެން ތާލިބާންގެ އެންމެ އިސް ވެރިޔާ ހައިބަތުﷲ އަޚުންދް ޒާދާއާ ބައްދަލުކުރައްވަން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ، ބަރާދަރު މާބޮޑަށް ވަރުބަލިފުޅުވެގެން އަރާމުކޮށްލައްވަނީ ކަމަށެވެ.
ތާލިބާނުންގެ ވާހަކަތައް ހުރި ގޮތުން، ބަރާދަރަށް ވީ ގޮތަކާ މެދު ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެމެރިކާ ސިފައިންގެ ހަމަލާތަކުގައި، ތާލިބާނުންގެ ވެރިޔާ މުއްލާ އުމަރު މަރައިލުމުން ވެސް، ތާލިބާނުން އެކަން ދޮގުކޮށް، ދެ އަހަރު ވަންދެން ތާލިބާނުން ދިޔައީ، މުއްލާ އުމަރުގެ ނަމުގައި ބަޔާންތައް ނެރެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
16 September 2021
އަނެއްކާ ދެޕެކްޝަން އުފެދެނީދޯ.
ޢަލީ.
15 September 2021
ބަހާދަރު މިހާރު އޮތީ ކުޅުދުއްފުށި ސިޓީ ބަނދަރުގަ ބުރާސްފަތި ދުވަހު މާލެޔައް ވަޑައިގަންނަވާނީ ފުރިހަމަ އިއްޒަތާއެކު ފަލަރޯނާ ހާލުފޮޅި ފަތްކޭލާ ކާށި ފަދަަމުދަލާއެކު
ސަމަރޭ
15 September 2021
ތާލިބާނުންނަކީ ޓެރަރިސްޓުންގެ އެމީހުންގެ އެކަމެއް ބަދަލެއްނުވާނެ. މިހާރު ބަރާދަރު ދުނިޔޭގަހުންނާނެހެނެއް ހިޔެއްނުވޭ. އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރު ހިގާހާދުވަހަކު އެތަނަށް ހަމަޖެހުމެއް ނާންނާނެއެވެ.... ގަބޫލްކުރިޔަސް ނުކުރިޔަސް، ތާލިބާނުން ފަންޑްކުރާ އެމީހުންގެ ގޮތްޕެއް ރާއްޖޭގައިވެސް އެބައޮތް.
މ. އ. މ
15 September 2021
ކޮބާ ޓެރަރިސްޓުންނަކީ؟
މުހައްމަދު ޣަނީބެ
15 September 2021
މިކަހަލަ ގައުމުތަކާ ހަގުރާމަ ކުރާކައް ބޭރުގެ ބަޔަކު ބޭނުމެއް ނުވާނެ. އެވެރިންގެ މެދުގައި ދާހިލީ ހަގުރާމަ ފަށާނެ. އެހަގުރާމައިގެ ފައިދާ ނަގާ މީހުން ދޭތެރެއަކުން، ހަތިޔާރު ބަހާލީމަ ނިމުނީ. 100އަހަރު ވާއިރުވެސް، އެމީހުން އެކަމެއްގެ ތެޅިބާލާނެ. މައްސަލައަކައް ވާނީ އެމީހުންނައް އެކަން ވިސްނުނު ދުވަހަކުން. އޭރުން ޖެހިގެން އޮތްގައުމު ތަކައްވެސް ބިރު ބޮޑު. އެކަންވެސް ހުއްޓުވޭނެ އެގައުމުގެ ކިޔަވާދިނުން ހުއްޓުވާލަނިކޮއް. ތާއަބަދު އެކަމުގަ ގޮސް ހަލާކުވާނެ.
އުންމީދު
15 September 2021
ކަލޯ އަދި ވެރިކަން ތޮ ލިބުނީ! މިހާ އަވަހަށް ނުތަޅާ ބަސްއަހައިގެން ކަންކަން ރަނގަޅު ކޮށްބަލަ... މަސްތުވާތަކެތި ހެއްދުން ހުއްޓުވާބަލަ ދެންވެސް...
ޢކސިސ
16 September 2021
މަސތުވާތަކެތި ހުއްޓައި ގެން ކޮން ތާކަށް އަފްގާން ދާނީ ބަލަ އެނުން ގޮތެއް ނެތޭ އެ މީހުނަކަށް، ބައިނަލްއަގްވާމީ ޖަމާއާތް ތަކުން ފައިސާ އެއް ނުދޭނެ ޓެރަރިސްތު ޖަމާއަތަކަށް
ރަދީފުލް ކުމާރު
15 September 2021
ދިވެހިންއުޅޭގޮތަށް އުޅޭން ތޯލިބާނުން އެއްގޮތަކަށްވެސް ވިސްނައިގެންނުވާނެ. މުސްކުޅިން ބުނަނީ އެކުވެރިކަމަކީ ދަގަފަދަ ބާރެކޭ.