މިއަދު އޮންލައިންކޮށް ބޭއްވި ދެކުނު އޭޝިއާ ކޮމިޝަނުގެ ބައްދަލުވުމުގައި ގައުމުތަކުން ބައިވެރިވަނީ--
15 ސެޕްޓެމްބަރ 2021 - 20:31
އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތަް ރާއްޖެ ދެވަނަ ދައުރަކަށް ހޮވިއްޖެ އެވެ.
ރާއްޖެ މި މަގާމަށް ހޮވާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ރިޔާސަތުގެ އިތުރުން "ސްޓެޗުއަޓަރީ އޯގަންސް" އާއި "ސަބްސިޑަރީ ބޮޑީސް" އަށް ގައުމުތައް ވަނީ ހޮވައިފަ އެވެ.
މި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރިޔާސަތަށް ރާއްޖެ ހޮވިފައިވާއިރު ވައިސް ޗެއާގެ މަގާމަށް ބަންގްލަދޭޝް އާއި އީރާން ހޮވި އެވެ. އަދި ޖެނެރަލް އެސެމްލީގެ ނައިބަކަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީ އަަށް ބޫޓާން ހޮވާފައިވާއިރު މި ސަރަހައްދަށް ކަނޑައަޅައިފައި ހުންނަ އެގްޒެކެޓިވް ކައުންސިލްގެ ދެ ގޮނޑި އަށް އީރާނާއި އިންޑިއާ ވަނީ ހޮވިފަ އެވެ.
މިއާއެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓާނީ ވެސް ރާއްޖެ އިންނެވެ.
މި ކޮމިޝަނުގެ ޗެއާގެ މަގާމަށް އެންމެ ފަހުން ރާއްޖެ ހޮވުނީ 2019 ގަ އެވެ. އޭގެ ކުރިން 1995-1997 އަށްވެސް އެ ޖަމިއްޔާގެ ރިޔާސަތު ބެލެހެއްޓީ ރާއްޖެ އެވެ.
އދ. ގެ ގުނަވަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑަބްލިޔުޓީއޯގެ ހިންގުން ބިނާކޮށްފައި ވަނީ ދުނިޔޭގެ ހަ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކޮމިޝަންތަކުންނެވެ. މި ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ ޓޫރިޒަމް ދާއިރާ އެ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ކުރިމަތިވާ އެކި ދަތިތަކަށް ގުޅިގެން ހައްލު ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy