ފާރިސް: އެމްއާރުއެމްގެ ރައީސަކަށް ވަނީ ކުރިމަތިލައްވާފައި. --ފައިލް ފޮޓޯ: މިހާރު
16 ސެޕްޓެމްބަރ 2021 - 15:33
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސްގެ މަގާމަށް އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް ކުރިމަތިލައްވައިފި އެވެ.
ޕާޓީގެ ފުރަތަމަ ކޮންވެންޝަން އަންނަ މަހުގެ 2 ވަނަ ދުވަހު އޮންލައިން ބާއްވަން ނިންމައި، ޕާޓީގެ އިސް މަގާމުތަކާއި ކޮމިޓީތަކަށް ކުރިމަތިލާން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލައިފަ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4:00 ގައި ހަމަވާއިރު، އެމްއާރުއެމްގައި މި ވަގުތު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ އެކި މަގާމުތަކަށް ކުރިމަތިލައްވައިފަ އެވެ.
އެގޮތުން، އެމްއާރުއެމްގެ ޒައީމްގެ މަގާމަށް މައުމޫން ކުރިމަތިލެއްވިއިރު ޕާޓީގެ ރައީސަކަށް ވާދަކުރައްވަން ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް ވަނީ ރޭ ފޯމު ހުށަހަޅުއްވައިފަ އެވެ. އޭނާގެ އިތުރުން ނައިބު ރައީސްގެ މަގާމުން އަންހެނުންނަށް ހާއްސަކޮށްފައިވާ ސްލޮޓަށް އާމިނަތު ނާދިރާ ކުރިމަތިލައްވާފައިވެ އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ސިޔާސީ ހަރަކާތްތަކުން ފާރިސް ފެނިފައިނުވެ އެވެ. ނަމަވެސް އެމްއާރުއެމް އިން ބުނީ ޕާޓީގެ އެކްސްކޯ ކަންކަމުގައި އޭނާގެ ފުރިހަމަ ބައިވެރިވުން އޮންނަ ކަމަށެވެ.
މި ސަރުކާރު ކޯލިޝަން ގެނައުމަށް ލީޑަރުންނާއެކު މަޝްވަރާކުރުމަށް އެންމެ އިސްދައުރެއް އަދާކުރި އެއް ބޭފުޅަކީ ވެސް ފާރިސެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވައިފަ އެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަ ކުރެއްވި މުހައްމަދު ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮފުވާން
16 September 2021
ކޮބާ ބާކީހުރި ކުއްޖާ ؟؟ އަދި ނަޑޭވެސް ހުންނާނެދޯ. މެޑަމުއަށްވެސް ކޮންމެވެސް މަގާމެއް ދީ
ނިރު
16 September 2021
އާއިލީ ވެރިކަމެއް ދެނެއް ނުކުރެވޭނެ އެއީ މާޒީ ތިޕާޓީގެ ބޮޑުންނަށް ހުސްތިތިބީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން..
ސަސި
16 September 2021
ތިޔައީ ޕާޓީއެއްތަ؟