މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
އެމްއާރުއެމްއިން ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަތާ އެއް އަހަރު ވެފައިވާނަމަ ކަމަށް އެމްއާރުއެމްއިން ބުންޏެވެ.
އެމްއާރުއެމްއިން ބުނިގޮތުގައި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްއާރުއެމްއިން އިއުލާން ކުރިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ފަށްޓަވައިފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްއާ އެކު ޖުމްހޫރީ ޕާޓީން އެކުގައި ވާދަކުރަން މަޝްވަރާތަކެއް ވެސް މިހާރު ދަނީ ކުރަމުންނެވެ.