ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް

ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ އާއި ހިއްސާ

އޮސްކާ، ޑަކްސަން، އަލަގިޗް، ސުޖަން އަދި ކިރަން. ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ ހޯދާފައިވާ ކޯޗުންނާއި ކުޅުންތެރިން

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ޓީމުތައް އެކުލަވައިލިރު މުބާރާތުގެ ވާދަވެރިކަން އެހެން މުބާރާތްތަކަށް ވުރެ ފޯރި ގަދަ ވެއްޖެ އެވެ. އެހެން މުބާރާތްތަކަށް ވުރެ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބޭނުންވެގެން އެ ވާހަކަ ދައްކާ ޓީމުތަކުގެ އަދަދު ގިނަ ވެއްޖެ އެވެ. ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމު މުބާރާތުގައި ވާދަކުރުމަކީ ވާދަވެރިކަން ބޮޑުވި އިތުރު ސަބަބެކެވެ.

ބޫޓާން އާއި ޕާކިސްތާން މުބާރާތުގައި ނެތުމުން ފޭވަރިޓުންގެ އަދަދު ގިނަ ވެއްޖެ އެވެ. ހަތް އަހަރު ކުރިން އަޑިގަނޑަކަށް ވެއްޓުނު ސްރީ ލަންކާގެ ފުޓްބޯޅަ އަލުން ނަގައިގަތުމަށް އެ ގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސާފް ޗެމްޕިއަންޝިޕުގައި އެންމެ ބޮޑު ޗެލެންޖެއް އޮތީ ރާއްޖެ އަށެވެ.

ރާއްޖެ އަށް ޗެލެންޖު އޮތީ ހަމައެކަނި ޗެމްޕިއަނެއްގެ ހައިސިއްޔަތަކުން ނޫނެވެ. މުބާރާތަށް ނޭޕާލް، ސްރީ ލަންކާ، ބަންގްލަދޭޝް ތައްޔާރުވަމުންދާ ގޮތަށް ބަލާއިރު އެ ތިން ޓީމުގެ ފަރާތުން ރާއްޖެ އަށް އޮތް ޗެލެންޖު ބޮޑު ވެއްޖެ އެވެ. އެ ތިން ގައުމުގެ ޓީމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ އާއި ހިއްސާ އެބައޮތެވެ.

މުބާރާތަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް، ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ، ހެޑް ކޯޗުގެ މަސްއޫލިއްޔަތުން ޖެމީ ޑޭ ވީއްލުމަށް ފަހު، ބަންގްލަދޭޝްގެ ޗެމްޕިއަން ބަށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް އާ ގައުމީ ޓީމު ހަވާލުކޮށްފަ އެވެ. ބަންގްލަދޭޝްގެ ޓީމު އޭނާއާ ހަވާލުކުރީ ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބާއްވާ މުބާރާތަށެވެ.

ސާފުގައި ރާއްޖެ އާއި ވާދަވެރި ޓީމުތަކުގެ ކޯޗުންގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅަ އެންމެ ރަނގަޅަށް އެނގޭނެ ކޯޗަކީ އޮސްކާ އެވެ. ނިއު ރޭޑިއަންޓާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް އޭނާ ކާމިޔާބު ކުރި އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގޭމް ސިސްޓަމްގައި އެންމެ ވަރުގަދަ އެއް ސިކުނޑިއަށް ވެސް ވާނީ އޭނާ އެވެ. އޭއެފްސީ ކަޕުގައި މިދިޔަ މަހު ރާއްޖެ އަށް އައިސް އޮސްކާ ވަނީ ރާއްޖޭގެ ދަނޑަށް އޭނާ ފަރިތަވުމުގެ ފައިދާ ނެގޭނެ ކަމަށް ބުނެފަ އެވެ.

އޮސްކާ ނިއުގައި މަސައްކަތް ކުރިއރު --- ފައިލް ފޮޓޯ: މިހާރު

"ޕާސަނަލީ ވެސް އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ދަނޑަށް (ގޮލޮޅު ދަނޑަށް) އައިސް ކުޅުން. ނިއު ރޭޑިއަންޓާ އެކު ވަރަށް ގިނަ ކާމިޔާބުތައް އަހަރެން މި ދަނޑުގައި ހޯދިން. އެހެންވީމަ އަހަރެން އުންމީދު ކުރަން އެ ކާމިޔާބުތައް ހަމަ އެގޮތަށް ތަފާތު ޓީމަކާ އެކު މި ދަނޑުގައި ތަޖުރިބާ ކުރެވޭނެ ކަމަށް،" ބަށުންދަރާގެ ކޯޗުގެ ގޮތުގައި އޭއެފްސީ ކަޕުގައި ރާއްޖެ އަށް އައިިސް އޮސްކާ ބުނެފައި ވެއެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގެ ކްލަބުތަކުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ތަޖުރިބާ އޭނާގެ ކިބައިގައި ބޮޑުވުމަކީ ބަންގްލަދޭޝްގެ ޓީމަށް އޭނާގެ ފަރާތުން ހޯދެން އޮތް ބޮޑު އެޑްވާންޓޭޖެކެވެ. ރާއްޖޭގެ ފުޓްބޯޅަ އޭނާ ސިފަކުރަނީ ޓެކްނިކަލް ހުނަރު މުއްސަނދި ގޭމެއް ކުޅޭ ގައުމެއްގެ ގޮތުގަ އެވެ.

"ބަންގްލަދޭޝްއާ އަޅާ ބަލާއިރު ރާއްޖޭއަކީ ޓެކްނިކަލް ފުޓްބޯޅައިގެ ގައުމެއް. ބަންގްލަދޭޝްގެ ފުޓްބޯޅަ ބިނާވެފައި ވަނީ ވަރަށް ބޮޑަށް ފިޒިކަލް ގޭމެއްގެ މައްޗަށް،" އޮސްކާ އޭރު ބުނެފައިވެ އެވެ.

އަލަގިޗް ނިއުގައި މަސައްކަތް ކުރިއިރު --- ފައިލް ފޮޓޯ

ސްރީ ލަންކާގެ ކޯޗަކީ ކުރިން ނިއު ރޭޑިއަންޓުގައި މަސައްކަތް ކުރި އާމިރު އަލަގިޗެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކުރީ ކޮޅު ނިއުގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔަވާދީ ޔުނައިޓެޑްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި އޭނާ ކޯޗު ކޮށްދިނެވެ. ނިއުއާ އެކު އޭނާ މަސައްކަތް ކުރި އެއް މަހުގެ މުއްދަތުގައި ދިވެހި ކުޅުންތެރިންގެ ޑިސްޕްލިން ރަނގަޅު ކުރުން މުހިންމުކަން އޭނާ ފާހަގަ ކޮށްފައިވެ އެވެ. ވަޒީފާއި އުޅެ ޓޮޕް ލެވަލްގައި ފުޓްބޯޅަ ކުޅުމަކީ އެއްވަރެއްގައި ޕާފޯމް ކުރަން އުނދަގޫވާނެ ސަބަބެއް ކަމަށް އަލަގިޗް ފާހަގަކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ބަދަލުވާން ޖެހޭ ކަމަށް އޭނާ އޭރު ބުންޏެވެ.

ލަންކާގެ ޓީމުގައި ދިވެހި ފުޓްބޯޅަ އެންމެ ރަނގަޅަށް އެނގޭނެ އެކަކީ، ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާ އެވެ. ރާއްޖޭގައި އޭނާ ކުޅުނު ފުރަތަމަ ސީޒަންގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި އެވެ. ކްލަބު އީގަލްސްގައި ފަސް އަހަރު ހޭދަ ކުރި ކީޕަރު ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންކަން ތަޖުރިބާކޮށްފަ އެވެ. މޮޅު ކީޕަރަކަށް އޭނާ ހަދައި ދިނުމުގައި ކްލަބު އީގަލްސްގެ އޭރުގެ ގޯލް ކީޕަރު ކޯޗް އަސްލަމް އަބްދު ރަހީމް އަދާ ކުރި ދައުރު ސުޖަން ފާހަގަ ކޮށްފައި ވެއެވެ.

ސުޖަން، އީގަލްސްގައ ި ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: މިހާރު

އީގަލްސް އަށް ކުރިން ކޯޗުކޮށް ދިން އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފައި ވަނީ ބިދޭސީ ކުޅުންތެރިޔަކަށް ވިޔަސް ސުޖަން އުޅެނީ ދިވެހި ކުޅުންތެރިޔެއް ހެން ކަމަށެވެ. އީގަލްސްގެ ދިވެހި ކުޅުންތެރިންނާ އޭނާއާ އޮތް ގާތް ގުޅުން އޭރު ސންތީ ފާހަގަކުރި އެވެ. މިދިޔަ ސީޒަންގައި ޓީސީ އަށް ކުޅުނު ޑިފެންޑަރު ޔޯގެންދްރަން ޑަކްސަން އަކީ ލަންކާގެ ޓީމުގެ ޑިފެންސުގައި މުހިންމު ނަމެކެވެ. ޓީސީން އޭނާ އަށް ދިން ފުރުސަތުގައި ޑަކްސަން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ އާއި ހިއްސާ އޮވެގެން ދެން ކުރިއެރުން ހޯދި ކީޕަރަކީ ނޭޕާލްގެ އެއް ވަނަ ކީޕަރު ކިރަން ކުމާރު އެވެ. ބަންގްލަދޭޝްގައި 2017 ގައި ބޭއްވި ޝއިހް ކަމާލް އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމުގައި ކިރަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ އަހަރު ނޭޕާލްގެ އެންމެ މޮޅު ސްޕޯޓްސްމަންގެ އެވޯޑް ކިރަން އަށް ލިބުމުގައި ޓީސީގެ ކާމިޔާބު މުހިންމު ދައުރެއް އަދާ ކުރި ކަމަށް އޭނާ ބުނެފައިވެ އެވެ. ކިރަން ވަނީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އާއި ގޯލް ކީޕަރު ކޯޗް އަހްމަދު އަހްސަން (ބަރޯ) ގެ ނަން ފާހަގަ ކޮށްފަ އެވެ.

ނޭޕާލްގެ ފޯވާޑް ބިމާލް މަގަރު ވެސް ވަނީ 2019 ގައި ޓީސީ އަށް ކުޅެފަ އެވެ. މިދިޔަ އަހަރު އޭނާ އަށް ލިބުނު އަނިޔާ އިން މުޅިން ރިކަވާ ނުވާތީ އޭނާ ނޭޕާލްގެ ސްކޮޑުގައި ހިމަނައިފައެއް ނުވެ އެވެ.

ޓީސީގެ ކުރީގެ ކީޕަރު ނޭޕާލްގެ ކިރަން ދވެހި ޕްރިމިއާ ލީގުގެ މެޗެއްގައި --- ފައިލް ފޮޓޯ: މިހާރު

މި ކުޅުންތެރިންނާއި ކޯޗުން ރާއްޖޭގައި ކޮށްފައިވާ ތަޖުރިބާގެ ބޭނުން ރާއްޖެއާ ދެކޮޅަށް ވަރަށް ރަނގަޅަށް ބޭނުން ކުރާނެ އެވެ. އެކަމަކު ރާއްޖެ އަށް ވެސް އެ އެޑްވާންޓޭޖް އޮންނާނެ އެވެ. އެ ކުޅުންތެރިންނާއި ކޯޗުންގެ ކޮލިޓީ ދިވެހި ކޯޗިން ޓީމަށާއި ކުޅުންތެރިންނަށް އެނގޭނެ އެވެ. ދިވެހި ކުޅުންތެރިންނަށް ވެސް އެ އެޑްވާންޓޭޖުގެ ބޭނުން ހިފޭނެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި އޮތީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހުގެ ރެ އެވެ. ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ. ލަންކާއާ ދެކޮޅަށް ނުކުންނާނީ 10 ވަނަ ދުވަހު އެވެ.

މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ރާއްޖެ އިން މިހާރު ދަނީ ގަތަރުގައި ޓްރޭނިން ހަދަމުންނެވެ. ޓީމު މާލެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

19 September 2021

ބަޔަކު މީހުން ނިއުރޭޑިޔަންޓް އަނޑް ކަޑްވާލަށް އުޅުނަސް ްއެކަމެއް ނުވާނެ. ސާފްޗެންފިއަންސިފް ގަވެސް ލަންކާ އަދި ބަގުލާދޭސް ގަ ވެސް މިތިބީ ނިއުގެ ކުރީގެ ކޯޗުން. ްއެތައް ކާމިޔާބު ތަކެއް ހޯދަދިން ކޯޗުން.

The name is already taken The name is available. Register?

އިސްމާއިލް.

19 September 2021

ކިތަންމެ ވަރެއް ކުރިޔަސް ތިތަނަކަށް ބަޔަކު ނުވަންނާނެ. ތިއީ ވަކި ބަޔަކު ލާރި ކާންވެގެން ވެރިވެގެން ތިބި ތަނެއް.

The name is already taken The name is available. Register?

ޝޯމޭން

19 September 2021

ޓީމު ކުޅުންތެރިން ހުރިހާ އޭރިޔާއެއްގަވެސް ވަރަށް ރަނގަޅު ކުރަން އެބަ ޖެހޭ. ޑިފެންސް ބޯޅަތައް ރަނގަޅަށް ކުރިޔަށް ލެވެންޖެހޭ. މެދުތެރެއިން އެޓޭކަށް ރަނގަޅަށް ސަޕްލައި ކުރެވެންޖެހޭ. އަދި އެޓޭކުކުރާ ކުޅުންތެރިންގެ އެކިއުރޭސީ ވަރަށް ހައިވާން އެބަޖެހޭ. ހާއްސަކޮށް ދުރުންކުރާ ޝޫޓު އެކިއުރޭޓު ކުރެވޭތޯ ގަތަރުގަ ތިކުރާ ޕްރެކްޓިސްގަ ހިމަނާލުން ބުއްދިވެރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454