ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2021 - 17:06
ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެ އެވެ.
ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލަ ހޫނުވެފައި މި ދަނޑިވަޅުގައި، ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އެ ޝަކުވާތައް ހިއްސާ ކުރުމަށް އޮފީހުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުންޏެވެ.
ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން ސީއެސްސީން އެދުނުއިރު، އެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އިއްޔެ ކަޅު ހެދުމުގައި ހަމަ ހިމޭންކަމުގެ އިހުތިޖާޖެއް ކޮށް، މިއަދު ބައެއް އޮފީސްތަކުގެ ދޮރުގައި ވަނީ ހިދުމަތް ނުދޭ ދުވަހެއް ކަން އަންގައިދޭ ލިޔުން ތަތްކޮށްފަ އެވެ. އެހެންވެ، ބައެއް އޮފީސްތަކުން މިއަދު ހިދުމަތެއް ވެސް ނުދެ އެވެ.
އެ ހަރަކާތްތަކުގައި އިސްނެގީ ފޭސްބުކްގައި ހަރަކާތްތެރިވާ "ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން" ނަމަކަށް ކިޔާ ގްރޫޕެކެވެ.
ސީއެސްސީން ބުނިގޮތުގައި، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެއް ނޫނެވެ. އެހެންވެ، ވަކި ބައެއް ކަން ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުން އަމަލު ނުކުރުމަށް ވެސް އެ ކޮމިޝަނުން އެދެ އެވެ.
"ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ ދޮރު އަބަދު ވެސް ހުޅުވިފައި ހުންނަ ހިނދު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ނަސޭހަތްތެރިވަމެވެ،" ބަޔާނުގައި ވެ އެވެެ.
ސީއެސްސީން ވަނީ ސިވިލް ސާވަންޓުން މެދުވެރިކޮށް ސަރުކާރުން ހިދުމަތްތައް ދިނުމުގައި ހުރިހާ މުވައްޒަފުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މުވައްޒަފުންގެ ތަރައްގީ އާއި ކުރިއެރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
އިހުތިޖާޖުކުރާ ސިވިލް ސާވަންޓުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައި ދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ.
މުސާރައިގެ ކަންބޮޑުވުންތަކާ ގުޅިގެން ޕޭ ކޮމިޝަނުން މިއަދު ބުނީ މުވައްޒަފުންގެ މުސާރައިގެ ފަރަގު އަންނަ އަހަރު ނައްތައިލެވޭނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް އެއް ހަމައެއްގައި މުސާރަ ދޭ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިޘަން
21 September 2021
އަސްލު ގިނަ ސިވިލް ސާވަންޓުން ހަމަ އޮފީހުގަ ތިބޭނީ ގިނަވެގެންވެސް 4 ގަޑިއިރު. އަނެއް 2 ގަޑިއިރު ކޮންމެސް އަމިއްލަ އެހެންކަމަކަށް ދުއްވާލާނީ. ހިދުމަތުގެ ފެންވަރުވެސް ވަރަށްދަށް ގިނަ ތަންތާންގަ....
ފަރީ
21 September 2021
ސިވިލްސާވިސް ކޮމިޝަނަކީ މުވައްޒަފުންގެ ޙައްޤުތައް އެއްގޮތަކަށްވެސް ހޯދައިދޭން މިވީހާތަނަށްވެސް މަސައްކަތް ކުރި ބައެއްނޫން. ޖުޑިޝަރީން ބޭނުންވާއިރަށް އެތަނުގެ މުވައްޒަފުންގެ އެލަވަންސްތައް ދެވޭ. މީގެ ހެއްކަކީ ޖުޑިޝަރީގެ މުވައްޒަފުންނަށް ދެމުންގެންދާ ލިވިންގ އެލަވަންސް. ސިވިލްސާވިސްއަށް ކީއްވެބާ މިގޮތަށް މުވައްޒަފުންނަށް އެލަވަންސް ނުދެވެންވީ. ޖުޑިޝަރީއަކީ ވެސް ސިވިލްސާވީސްއަކީވެސް ސަރުކާރުގެ ބަޖެޓުން މުސާރަދޭ މުވައްޒަފުން ތިބޭތަންތަން.
ކޮރަލް
21 September 2021
ސީއެސްސީ ހަމަ އެކަނިމުސާރަ ނަގާ ތަނެކެވެ.
އިދާރީ މީހާ
21 September 2021
ސިވިލްސާވިސް ކޮމިޝަނަކީ އަހަރެމެންގެ ބެލެނިވެރިފަރާތަށް ވީހިނދު ހެވެއް އެދިގެން އަހަރެމެންގެ ޙައްޤުގައި މިހާތަނަށް އުފުލާލެވުނީ ކޮންއަޑެއްތޯ؟ ހަރަތަރެސްފައި ބަނުމަށް ޤަވާޢިދު ހެދުން ނޫންކަމެއް ނުކުރޭ! 4465 ރުފިޔާގެ މުސާރަ ދޭއިރު އަޅުގަނޑުމެންގެ ޟަރޫރީ ބޭނުންތައް އެއިން ފުއްދާލެވޭނެތޯ؟ ކޮމިޝަނުގެ މެންބަރުން އަމިއްލަޔަށް ވިސްނާބަލަ މިހާލަތުގައި އަޅުގަނޑުމެން އުޅޭނެ ގޮތް.
ޅަހުއްތު
21 September 2021
ހިދުމަތަށް ނަންބަރު ދޫކުރާގަޑި 10:00، ހިދުމަތް ހުއްޓާލާގަޑި 12:00. ހެނދުނު ސައި ބްރޭކް، ދަރިން ސުކޫލައް ގެންދާން ބްރޭކް، މެންދުރު ކާން ބްރޭކް، ދަރިން ގެޔައްގެންދަން ބްރޭކް، 2 ޖެހީމަ އޮފީސް ނިމުނީ. އެބަތިބެޔޭ ނަންބަރު ދޫކުރަން ކައުންޓަރެއް ހުޅުވާފަ އެތަނަށް މުވައްޒަފަކު ލާފަ. ބޯހަލާކު. ހިދުމަތް ރަނގަޅުނުކޮށް މުސާރަ ބޮޑުކޮށްގެން ނުވާނެ. ޓެކްސްފައިސާއިން މުސާރަ ނަގާނަމަ މުސާރަ ހަލާލުވާވަރަށް މަސައްކަތް ކުރެވެން ޖެހޭނެ.
ކޮރޕްޝަން
21 September 2021
ކޮމިޝަނުގައި އުރައްޕެއް ނެތް. ފުރަތަމަ ކަމަކަށް ތިމާމެންގެ ރޯލު ނެގޭ ބަޔަކު މުވައްޒިފުންގެ ހައްގުގައި ކުރާނީ ކޮންކަމެއް. ޕޮލިޓިކަލް މީހުނަށް ވަޒީފާދޭންކޮމިޝަނަަށް މެމްބަރުން ލަނީނ
ޢާއިޝަތު އަޙްމަދު
21 September 2021
ސިވިލް ސަރވިސް ކޮމިޝަން ކަމަކު ނުދޭ. ހަމައެކަނި ކޮމިޝަންގެ މުވައްޒަފުންނަށް އެކަނި ޙައްޤު ހޯދަ ދެނީ، ތިމާމެންގެ ރައްޓެހިންގެ ހައްޤާއި
ސުޓާފުން
21 September 2021
ޢައި ޖީ އެމް ހޮސްޕިޓަލުން ވެރިން އަޅައެއް ނުލާ ، ގުރުއާން ސޯރ ރަސްމީ ގަޑީގަ އޮންލައިން ކުލާސް ހިންގަނީ ތަނުގަ ކުރަން ހުންނަ މަސައްކަތް ބަހައްޓާފަ
އަލީ1
20 September 2021
ސިވިލް ސަރވިސް ކޮމިޝނުގެ ދޮރުހުންނާނި ހުޅުވިފައޯ. ކޮބާ ހިނގާ އެންމެން އެއްކޮށް ވަދެލާފާ އަޑު އިއްވާލަން ދާން.... ކުރިއަށް އޮތްތާ ކަންކަންވާގޮތް ބަލާފަ އިނގޭނި. މާ ދުުރުގަ އޮތް ކަމެއް ނޫންހެން ހީވަނި. ދާންޖެހުނިއްޔާ ތިދޮރުން ވަދެގެންވެސް ދާނަން. ކޮޅެއްގަ ޖައްސާނަން.
ބައި
20 September 2021
ސިވިލްސާވިސް ކޮޮމިޝަނަކީ ސަރުކާރުން ބޭނުންގޮތަކަށް މުއައްޒަފުން ގަނަތަޅުވަން ހުންނަ ތަނެއް. މީގެ ހެއްކަކީ ސިވިލްސާވިސް ގޮވައިގެން މީހަކު ކޯޓަށް ގޮއްސިއްޔާ އެމީހަކަށް ކާމިޔާބުވާތީ. އޭގެ މާނަޔަކީ ސަރުކާރުން އަންގައިގެން އެމުއައްޒަފަށް ކޮމިޝަނުން އަނިޔާވެރި ވެއްޖެކަން.