ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރިއެރުން އެ މީހަކަށް "ހައްގުވާ" ތާރީހުން ފެށިގެން ލިބޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ފުރަތަމަ އިސްލާހު ގެނެސްފައިވާ ކަމަށެވެ. އިސްލާހު ގެނެސްފައި ވަނީ އެ އުސޫލުގެ ހަތަރު ވަނަ ނަންބަރަށް ކަމަށް އިއުލާނުގައި ބުންޏެވެ.
އުސޫލަށް އަލަށް ގެނައި އިސްލާހުގައި ބުނަނީ:
މުސާރައިގެ ކުރިއެރުން ދެވޭނީ، އެކަމަށް ކަނޑައަޅާފައިވާ ހުރިހާ ކަންތައްތައް ފުރިހަމަކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކޮމިޝަނަށް ހުށަހެޅުމުން، އެ މުވައްޒަފަށް މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން ކަމަށެވެ.
އެ އުސޫލުގައި ކުރިން އޮންނަ ގޮތް:
އެ އުސޫލު ކުރިން އޮންނަ ގޮތުން މުސާރައިގެ ކުރިއެރުން ދެވޭނީ އެކަމަށް ބޭނުންވާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު ކޮމިޝަނަށް ހުށަހެޅުމުން، މިނިސްޓްރީން ހުއްދަ ދީފައިވާ ތާރީހުން ފެށިގެންނެވެ.
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސް، މުސާރަ ބޮޑުކޮށްދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ.