މެދުސަފުހާ

ކުނިތައް ބަދަލުވާނީ ކުލައެއް، ވަހެއް ނެތް ދުމަކަށް!

ތިލަފުށީގެ އެ ބޮޑު ކުނި ފަރުބަދައިން އަރަމުން ދިޔަ ބޯ ދުމާއި ދުވާ ނުބައި ވަސް މިހާރު ވަނީ ހުއްޓުވައިފައި. މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ތިލަފުއްޓަކީ މުޅިން ފެހި، ތިމާވެއްޓާ ރައްޓެހި މާހައުލަކަށް ބަދަލުވާނެ.

23 ސެޕްޓެމްބަރ 2021 - 08:46

5 comments

ތިލަފުށީގައި ކުނި އެންދުން ހުއްޓާލި ވާހަކަ ބުނުމުން އަހަރެމެންގެ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލަކަށްވީ، އޭގެ ފަހުން އުފައްދާ ކުންޏަށް ވާނީ ކިހިނެއް ހެއްޔޭ އެވެ؟ އެ ކުނި ނައްތާލާނީ ކޮން ގޮތަކަށް ހެއްޔޭ އެވެ؟

"ގްރޭޓާ މާލެ އެންވަޔަރަމަންޓް އިމްޕުރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް" ޕްރޮޖެކްޓުގެ އިސްވެރިން އެ މަސައްކަތް ކުރިއަށް ދާނެ ގޮތް ކިޔައިދިނެވެ. މިއީ "ކުނިތައް ކުލައެއް، ވަހެއް ނެތް ދުމަކަށް" ބަދަލުކޮށްލާނެ ގޮތުގެ ހުލާސާއެކެވެ.

މީގެ ފަހުން ކުނި ނައްތާލާނީ ތިމާވެއްޓާ ރައްޓެހި، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތަކުގެ އެހީގަ އެވެ.

ކުނި އުފުލުން ބަދަލުވާ ގޮތް

މި ޕްރޮޖެކްޓާ އެކު ގާތްގަނޑަށް ރާއްޖޭގެ އާބާދީގެ 260،000 މީހުން އުފައްދާ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވޭނެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިން ބައިކޮށްފައި އެއްބަ އެވެ. މާލެ ސަރަހައްދުގެ އިތުރުން، މާލެ އަތޮޅާއި އއ. އާއި އދ. އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން (ޖުމްލަ 32 ރަށަކުން) ތިލަފުއްޓަށް ކުނި ގެންދާނެ އެވެ.

މާލެ ސަރަހައްދުގައި އުފައްދާ ކުނި ތިލަފުއްޓަށް ގެންދިއުމަށް އިންޑަސްޓްރިއަލް ވިލެޖުގައި، މިހާރު ވެމްކޯއިން ކުނި މެނޭޖުކުރަމުން އަންނަ ސަރަހައްދުގައި ދެ ޓްރާންސްފާ ސްޓޭޝަން އިމާރާތް ކުރާނެ އެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފައްދާ ކުނި، މި ސްޓޭޝަންތަކަށް ގެންގޮސް، ކުނި އުފުލަން އެތަނުގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ބަރުކުރާނެ އެވެ.

މި ކޮންޓެއިނަރުތަކަށް ކުނި އަޅާނީ އެކި ބާވަތްތަކުގެ ކުނި ތިން ބަޔަކަށް ބަހާލައިގެންނެވެ. ރަށްރަށުން ގެންދާ ކުނި ތިން ބަޔަށް ވުރެ އިތުރަށް ވެސް ބަހާލާނެ އެވެ. ކުނި އުފުލަން މި ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން މި އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ހުއްޓުވުމެވެ.

ތިލަފުށި: ކަނޑުމަގުން ކުނި އުފުލަން ބޭނުންކުރާނެ ކޮންޓެއިނަރުތައް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދަން އުޅަނދެއްގެ ގޮތުގައި ތިން ކޮޅުވެއްޓިއެއް ބޭނުންކުރާނެ އެވެ. ހާއްސަ ތާވަލެއްގެ ދަށުން މި ތިން ކޮޅުވެއްޓި އެކި ރަށްރަށަށް ދަތުރުކޮށް، އެތަންތަނުގައި ހުރި ކުނި ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދާނެ އެވެ. މި ކޮޅުވެއްޓި ފަރުމާކޮށްފައި ހުންނާނީ އެއަށް ބަރުކުރާ ކޮންޓެއިނަރުތައް ކިރާލެވޭނެ ވެސް ގޮތަށެވެ. އެއާ އެކު ކޮންމެ ދުވަހަކު މާލެ އާއި ރަށްރަށުން ބޭރު ކުރާ ކުނީގެ އަދަދުތައް ވެސް ވަރަށް ފަސޭހައިން ދެން އެނގޭނެ އެވެ.

މި އުޅަނދުތަކުގައި ކޮންމެ ދުވަހަކު، އެކި ބާވަތުގެ 700 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެވޭނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ރަށްރަށުގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ކުނިތައް ބައިބަޔަށް ވަކިކުރުމުގެ މަސައްކަތް ކުރާނެ އެވެ. ރަށުގައި އުފައްދާ ނޮން-އޯގެނިކް ކުނި ފިޔަވާ ހުރިހާ ކުންޏެއް ދެން ގެންދާނީ ތިލަފުއްޓަށެވެ. އެއާ އެކު ރަށުގައި އެއްވެސް ވަރަކަށް ކުނި އަންދާކަށް ދެން ނުޖެހޭނެ އެވެ. އަދި އިމާރާތްތައް ތަޅާލުމުން އުފެދޭ ކުނި ވެސް، މިހާރު އޮންނަ ގޮތުން ރަށުގެ ގޮނޑުދޮށްތަކަށް އެޅުން ނިމުމަކަށް އަންނާނެ އެވެ.

ތިލަފުށީގެ ކުނި ފަރުބަދަ: މިތަނަށް ކުނި އެޅުން ހުއްޓާލާފައިވާއިރު، މިތަނުން ދުން ނަރާނެ ގޮތާއި ވަސް ނުދުވާނެ ގޮތް މިހާރު ވަނީ ހަދައިފައި. މި ޕްރޮޖެކްޓްގެ ދަށުން މި ފަރުބަދަ ބަދަލުކޮށްލަނީ ފެހި ތަނަކަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މި ސެންޓަރުތައް އެޅުމަށް ހަދަން ޖެހޭ އީއައީއޭގެ މަސައްކަތް ނިމިފައިވާއިރު، މި އަހަރު ތެރޭގައި ބިޑިން އަށް ހުޅުވާލައި، ބަޔަކާ ހަވާލުކުރާނެ އެވެ. އަދި އަންނަ އަހަރު މަސައްކަތް ނިންމާނެ އެވެ. އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ އެވެ.

ރަށްރަށުގެ ސެންޓަރުތަކުންނާއި މާލޭގެ ޓްރާސްފާ ސްޓޭޝަންތަކުން، ކޮޅުވެއްޓީގައި ތިލަފުއްޓަށް ކުނި ބަރުކޮށްފައި ފޮނުވާނެ އެވެ. ކޮންޓެއިނަރުތައް ގެންދިއުމުން، މި އެއްޗެހި އުފުލަން ހަދާފައިވާ ހާއްސަ ވެހިކަލެއްގެ އެހީގައި އެކި ބާވަތުގެ ކުނި ނައްތާލަން ހަދާފައިވާ ޕްލާންޓުތަކަށް ބަހާލާނެ އެވެ. ތިލަފުއްޓަށް ގެންދިއުމަށް ފަހުގައި ވެސް މި ކޮންޓެއިނަރުތަކުގެ ހުންނަ ކުނިތައް އަލުން ވެސް އެކި ބައިބަޔަށް ބަހާ، ވަކިކުރާނެ އެވެ.

އަންދަން ޖެހޭ ކުންޏާއި ކޮންސްޓްރަކްޝަން ކުނި ނުވަތަ އިމާރާތްތައް ތަޅާލުމުގައި އުފެދޭ ކޮންކްރީޓް ކުންޏާއި ޕްލާސްޓިކު ކުންޏާއި ދަގަނޑު ކުންޏާއި އަދި ވިހަ ކުނި ވަކިކޮށް، އެ ބާވަތަކަށް ހާއްސަ ޕްލާންޓަކަށް ގެންދާނެ އެވެ.

ތިލަފުއްޓަށް ގެންދާ ކުންޏަށް ވާނީ ކިހިނެއް؟

ކޮންސްޓްރަކްޝަން ކުނި ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތިލަފުށީގައި ހުންނާނެ އެވެ. މި ޕްލާންޓުގައި މި ބާވަތުގެ ކުނިތައް ރީސައިކަލްކޮށް، އަލުން ބޭނުންކުރެވޭ ގޮތް ހަދާނެ އެވެ. މި އެއްޗެހި ވިއްކުމަށްޓަކައި އެސްޓީއޯ އާއި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެހެން ބައެއް ކުންފުނިތަކާ އެކު މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

އެކި ވައްތަރުގެ ޕްލާސްޓިކް ކުނި ރިސައިކަލް ކުރާނެ އެވެ. މިހާރު ވެސް ޕާލޭ މޯލްޑިވްސްއާ ގުޅިގެން އެ މަސައްކަތް ކުރެ އެވެ. އަދި ބޭނުން ނުކޮށް، ހަލާކުވެފައި ހުންނަ ވެހިކަލްތައް ނައްތާލެވޭނެ ހާއްސަ ވަސީލަތްތަކާ އެކު ޕްލާންޓެއް ވެސް ހަދާއިރު، ވިހަ ކުނި ނައްތާލުމަށް ހާއްސަ ޓްރީޓްމަންޓް ފެސިލިޓީއެއް ވެސް ހަދާނެ އެވެ. މި ޕްލާންޓުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.

އެކި ބާވަތުގެ ކުނި ވަކިކުރަން، ވަކިވަކި ޕްލާންޓްތައް ތިލަފުށީގައި އަންނަނީ ހަދަމުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިޔާކޮށް ހުންނަ ކުނި ތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭނެ ނިޒާމެއް ވެސް ގާއިމްކުރާނެ އެވެ.

އަންދާލައިގެން ނައްތާލަން ޖެހޭ ކުނި ފުރަތަމަ އަޅާނީ "ބޭލާ" ކިޔާ މެޝިނަކަށެވެ. މި މެޝިނުގެ އެހީގައި އެއަށް އަޅާ ކުނިތައް ފިއްތައި ބާރުކޮށްލައި، އެއް ޓަނުގެ ބަރުދަން ހުންނަ "ހުއި ބޮނޑިއެއް" ކަހަލަ އެއްޗަކަށް ހަދާނެ އެވެ. ހުއި ބޮނޑިއެއް ގޮތަށް އޮންނަ މި އެއްޗަށް ކިޔަނީ "ބޭލް" އެވެ. މި ބޭލްގައި ވަށައިގެން އޮންނާނީ ހުދު ކުލައިގެ ސޭފްޓީ ޕެކިންއެއް އޮޅައިފަ އެވެ. މި ޕެކިންގެ ބޭނުމަކީ ކުނިތައް އަލުން ބޭރުވިޔަ ނުދިނުމާއި އޭގެން ނުބައި ވަސް ނުދުވާ ގޮތް ހެދުމެވެ.

ތިލަފުށި: އަންދައިގެން ނައްތާލަން ޖެހޭ ކުނި ފިއްތާ ބާރުކޮށްލައި، އެއް ޓަނުގެ ބަރުދަން ހުންނަ "ބޭލް" ހަދަން ބޭނުންކުރާ ބޭލް މެޝިން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މި "ބޭލް"ތައް އިންސިނިރޭޓާ އަށް ލާން ގެންދަން ޖެހެންދެން، ތިލަފުށީގެ ވަކި ސަރަހައްދެއްގައި ބަހައްޓާނެ އެވެ.

އިންސިނިރޭޓާ މެޝިން މަސައްކަތް ކުރާނީ ކިހިނެއް؟

އިންސިނިރޭޓާ މެޝިނަކީ ހާމަޔަށް ކުނި އަންދާލުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ކުނި އަންދާލުމަށް ބޭނުންކުރާ މެޝިނެކެވެ. މިއީ އީޔޫގެ ސްޓޭންޑަޑަށް ފެތޭ މެޝިނެކެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓޭންޑާޑަށް ވުރެ ވެސް މާ މަތީ ސްޓޭންޑާޑެކެވެ. އޭގެ މާނައަކީ މި މެޝިނުން ކުނި އަންދާލުމުގައި ޖައްވަށް އެއްވެސް ވިހަ ގޭހެއް ބޭރުނުވާނެ ކަމާއި މިއީ ތިމާވެއްޓާ ވަރަށް ރައްޓެހި އެއްޗަކަށް ވުމެވެ.

ތިލަފުއްޓަށް ޖަމާކުރާ ކުނިތައް ބެއިލްކޮށްފައި: އިންސިނިރޭޓާ ލިބެންދެން ތިލަފުށީގައި ކުނި ހުންނާނީ މިގޮތަށް އެއް ޓަނުން ބަންދުކޮށްފައި.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މި މެޝިނުން ކުރާ ކަމަކީ "ބޭލް" ގައި ރައްކާކޮށްފައި ހުރި ކުނިތައް ގެނެސް، އެ އަންދައިގެން ހަކަތަ އުފެއްދުމެވެ. މި ސިސްޓަމުން 8-12 މެގަވޯޓްސްގެ ކަރަންޓު އުފެއްދޭނެ އެވެ. މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް މީގެ ބޭނުންކުރެވޭނެ އެވެ. މި މެޝިނުން ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ފަހު، ބާކީވާ އަޅިތައް ނުވަތަ "ބޮޓަމް އޭޝެސް" މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރެވޭނެ އެވެ.

މީގެ ދެ އިންސިނިރޭޓާ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. ކޮންސްޓްރަކްޝަން ކުންޏާއި ނުލައި މި ދެ އިންސިނިރޭޓަރުން ދުވާލަކު 500 ޓަނުގެ ކުނި ނައްތާލެވޭނެ އެވެ.

މި ހުރިހާ މަސައްކަތެއް ކުރަން ތިލަފުށީގައި ގާއިމްކޮށްފައިވާ ސައިޓުގެ ހުރިހާ އޮޕަރޭޝަނަލް މަސައްކަތެއް ކުރާނީ ވެމްކޯ އިންނެވެ.

ނަމަވެސް، އިންސިނިރޭޓާއަކީ ވަކި ހާއްސަ ޓްރެއިނިންއެއް ލިބިގެން އޮޕަރޭޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މެޝިނަކަށް ވުމުން، އެ މެޝިން އޮޕަރޭޓްކުރުމުގައި ފުރަތަމަ 15 އަހަރު އުޅޭނީ އެ މަސައްކަތް ދަންނަ ބިދޭސީންނެވެ. އެ މުއްދަތުގެ ތެރޭގައި ވެމްކޯގެ މުވައްޒަފުން މި މެޝިން ބޭނުންކުރަން ޓްރެއިން ކުރާނެ އެވެ.

މަޝްރޫއު ނިމޭއިރު ތިލަފުށި އޮންނާނެ ގޮތް. އޭޑީބީގެ ބެލުމުގެ ދަށުން ހިންގާ ބިޔަ މަޝްރޫއުގައި މިހާތަނަށް ވެސް ކުރިއެރުންތަކެއް ވަނީ ހޯދާފައި.-- ފޮޓޯ: ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްޕީއާރު އާއި ޓީއޭއެސްއެފް ގުޅިގެން ދެ ފިޔަވައްސަށް ބަހާލައިގެން ކުރިއަށް ގެންދާ، 210 މިލިއަން ޑޮލަރުގެ މި ބިޔަ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި މައިގަނޑު އަމާޒަކަށް އޮތީ ތިލަފުށީގެ ބިން ހިއްކުމާއި ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުނީގެ ފަރުބަދައިން ދުން އެރުން ހުއްޓުވުމެވެ.

ބިން ހިއްކާ ނިމި، ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. އަދި އެތައް އަހަރެއް ވަންދެން ތިލަފުށީގެ އެ ބޮޑު ކުނި ފަރުބަދައިން އަރަމުން ދިޔަ ބޯ ދުމާއި ދުވާ ނުބައި ވަސް މިހާރު ވަނީ ހުއްޓުވައިފަ އެވެ. ކުރިއަށް އޮތް މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ތިލަފުއްޓަކީ މުޅިން ފެހި، ތިމާވެއްޓާ ރައްޓެހި މާހައުލަކަށް ބަދަލުވާނެ އެވެ.

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

01 October 2021

ކުނި އުފެދޭ މިންވަރު ދަށް ކުރުންވެސް މުހިންމު...

The name is already taken The name is available. Register?

މުއްތަލިބުގޭ އަހުމަދު

23 September 2021

ގައިމު މުޅި އާޓިކަލްކީމަވެސް އެއްބައިމީހުންގެ ލޮލު އަޅައިގަންނަނީ 15 އަހަރު އެކަންޏެވެ. ހެޔޮވިސްނުންދެއްވާށި.

The name is already taken The name is available. Register?

ޖުލައި

23 September 2021

ފަނަރަ އަހަރުންތަ ތީގެ މެޝިނެއް އޮޕަރޭޓްކުރަން ދަސްވަނީ ؟ އިންޑިއާ ހެލިކޮޕްޓަރަށް ދޫކުރާ މެޝިނެއް ނޫންތާ

The name is already taken The name is available. Register?

މޮނޮ

23 September 2021

ކަރބަން މޮނިކްސައިޑްވެސް ކަލަރލެސް ، އޮޑަރލެސް އަދި ޓޭސްޓްލެސް ވާނެ، އެކަމު ވަރަށްނުރައްކާ ވާނެ.

The name is already taken The name is available. Register?

ޢިބްރާހިމް

23 September 2021

"ފުރަތަމަ 15 އަހަރު އުޅޭނީ އެ މަސައްކަތް ދަންނަ ބިދޭސީންނެވެ." މިއީ ހަމަ ރަނގަޅު މައުލޫމަތެއްބާ؟ އެހެން ވެއްޖެއްޔާ ތަންކޮޅެއް ދިގު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454